ދުނިޔޭގެ ބައްރުތަކުން ބޮޑެތި މަތިންދާ ބޯޓް ފަހަރު ޖެއްސޭނެ އެއަރޕޯޓަކަށް ހަނިމާދޫވާނެ : ރައީސް

ޚަބަރު ފަހުގެ

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ޒަމާނީ ފެންވަރަށް ތަރައްޤީވެ ނިމިގެންދާއިރު، އެ އެއަރޕޯޓަށް ދުނިޔޭގެ ބައްރުތަކުން ގިނަ ފަސިންޖަރުން އުފުލޭނެ، ބޮޑެތި މަތިންދާ ބޯޓް ފަހަރަށް ދަތުރުކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ޢަމަލީގޮތުން ފެށުމަށް ހަނިމާދޫގައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އިޝްތިހާރު
އިޝްތިހާރު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، މިފެށުނީ މިބޮޑުއުތުރާއި، މުޅި ބޮޑުތިލަދުން މައްޗަށް ތާރީޚުގާވެސް އަންނަ ، އެންމެ ބޮޑު ބަދަލުކަމަށެވެ. އަދި މިއީ ތިލަދުންމައްޗާއި، މިލަމަޑުލު އުތުރަށް އުފާވެރި ދުވަހެއްކަން ފާހަގަކުރައްވާ ހަނިމާދޫ އަދި މި ބޮޑު ތިލަދުންމަތީ ރައްޔިތުން ދެކެމުން އައި ހުވަފެނުގާ ހަޤީޤީ ކުލަ ޖެހިގެންދިޔަ ދުވަސްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

“މިއަދު އަމަލީ މަސައްކަތް މިފެށުނު ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓަކީ، 136.6 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫޢެއް. މަޝްރޫޢު ހިންގުމަށް އެންމެ ބޮޑު އެއްޗަކީ އެކަމަށް ބޭނުންވާ ފައިސާ. މި މަޝްރޫޢުގެ ފައިސާ ހުރީ ހަމަޖެހި ނިމިފަ. މިއީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ، ޒަމާނީ ރީތި ފަސިންޖަރ ޓަރމިނަލް ހިމެނޭ ޕްރޮޖެކްޓެއް. 2.46 ކިލޯމީޓަރުގެ އާރަންވޭއަކީ، ދުނިޔޭގެ ބައްރުތަކުން ގިނަ ފަސިންޖަރުން އުފުލޭނެ، ބޮޑެތި މަތިންދާ ބޯޓް ފަހަރަށް އަޅާ ރަންވޭއެއް. މީގެ އިތުރަށް ، ބައިނަލް އަގްވާމީ އެއަރޕޯޓަށް ބޭނުންވާނެ ހުރިހާ ވަޞީލަތްތައް ހަނިމާދޫގާ ގާއިމް ކުރެވޭނެ އެއަރޕޯޓް ވެގެންދާނީ ބޮޑުތިލަދުންމައްޗާ، މިއުތުރުގެ ރައްޔިތުން ފަޚުރުވެރިވާނެފަދަ، ޒަމާނީ އެއަރޕޯޓަކަށް” ރައީސް ވިދާޅުވިއެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢަކީ މިއީ ރާއްޖޭގެ ތާރީޚުގައިވެސް މާލޭ ސަރަޙައްދުން ބޭރުގައި ހިންގާ އެންމެ ބޮޑު ތަރައްޤީގެ މަޝްރޫޢުކަމަށް ސަރުކާރުން ވިދާޅުވެއެވެ. މި މަޝްރޫޢު ސަރުކާރުން ޙަވާލުކޮށްފައިވަނީ އިންޑިއާގެ ޖޭ.އެމް.ސީ ޕްރޮޖެކްޓްސްއާއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ