ތަރައްގީގެ މަޝްރޫއުތައް ގެންނަން ޖެހޭނީ ހިކުމަތްތެރިކަމާ އެކު ދިރާސާތަކަށްފަހު ކަމަށާއި މި ސަރުކާރުން މަޝްރޫއުތައް ހިންގާނީ އެގޮތަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.
ހަނިމާދޫ އެއާޕޯޓްގެ މަޝްރޫއު އިފްތިތާހުކުރަން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ގެނެވޭނީ ހަދަންޖެހޭ ދިރާސާތަކާއި ހިސާބުތައް ހެދުމަށްފަހު ކަމަށެވެ. އެހެން ނޫން ނަމަ އޭގެ ނަތީޖާ ގޯސްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ހަނިމާދޫ އެއާޕޯޓުގައި މަޝްރޫއު ފެށީ ވެސް އެގޮތަށް ކަމަށާއި އެ މަޝްރޫއުއަށް ދެން ހުއްޓުމެއް ނާންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގައުމެއްގެ ކަންކަން ހިންގަން ޖެހޭނީ އަމިއްލަ އިހްސާސްތަކާއި ޖަޒްބާތުތައް އެއްފަރާތްކޮށްގެން ކަމަށެވެ. އަދި ވިސްނުމެއް ނުވަތަ ރޭވުންތެރި ކަމެއް ނެތި ކުރާ ކަންކަމުގެ ނަތީޖާ ރަނގަޅު ނުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
“ކެހިކަނޑުލުގެ ހިތި ފިލުވޭނެ ކެތްތެރިކަމާއި ވިސްނުން ނެތި ކަނޑޫ ކަހައިފިނަމަ އެ ހިތި އެންމެންގެ އަރުގައި ލާނެ. ކުރިއަށް ދާންޖެހޭ ސީދާމަގުން ކައްސާލާ، މަގުމަތިވާނެ. ވިސްނުމެއް، ރޭވުމެއް ނެތިއްޖެނަމަ ރޭ އަލި ވިލޭއިރު އެންމެން އެކީ އެއްފަހަރާ ބިކަވާނެ.” ރައީސް ވިދާޅުވި އެވެ
ހަނިމާދޫ އެއާޕޯޓުގެ މަޝްރޫއުގެ ދަށުން 2.6 ކިލޯމީޓަރުގެ ރަންވޭއަކާ އެކު 1.3 މިލިއަން ޓޫރިސްޓުންނަށް އަހަރަކު ހިދުމަތް ދެވޭނެ ވަރުގެ ޓާމިނަލެއް އަޅާނެ އެވެ. އެ މަޝްރޫއުގެ މަސައްކަތް ދެ އަހަރުގެ ތެރޭގައި ނިންމަން ޖެހެ އެވެ.
އެ މަޝްރޫއުގެ މަސައްކަތް ހަވާލުކުރީ 136 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ) އަށެވެ.