ރައީސް ޔާމީން އެކީގައި ކުރާނެ މަސައްކަތެއް ނޯންނާނެކަމަށް ރައީސް އިބްރާޙިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެފަދައިން ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިން ޖަލްސާގައި ރޭ ވަހަކަދައްކަވަމުންނެވެ.
ސިޔާސީ ކަންކަމުގައި އެމްޑީޕީ އަށް ނުކުރެވޭނެ ބައެއް ކަންކަން ހުންނާނެ ކަމަށް ރައީސް ވަނީ އެ ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވެފައެވެ. އެއީ ރާއްޖޭގެ ޑިމޮކްރަސީއަށްޓަކާ ވެސް އަދި ރާއްޖޭގެ ނިޒާމް ހިންގުމަށްޓަކާ އެކަން ކުރަން ޖެހޭ ގޮތް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އެގޮތުން ވޭތުވެދިޔަ ތަނުގައި ރައްޔިތުންނަށް ކުރި އަނިޔާ އާއި ބިރާއި އޭގެ ފަހަތުގައި ތިބި މީހުންނަށް އެމަނިކުފާނު “އޯކޭ” ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. އެ މީހުންނާއި އެކީގައި ކުރާނެ ސިޔާސީ އެއްވެސް މަސައްކަތެއް ނުއޮންނާނެ ކަމަށް ވިދާޅުވެ ރައީސް ވަނީ ރައީސް ޔާމީން އާއި އެކުގައި މަސައްކަތް ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ކުރިއަށް އޮތް އެމްޑީޕީގެ ޕްރައިމަރީ އަކީ އެމްޑީޕީ އަށް ތާރީހީ ކަމެއް ކަމަށާއި އެ ޕްރައިމަރީގައި ވިސްނުންތެރިކަމާއި އެކު ވޯޓުލުން އެދޭ ކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ދެވަނަ ދައުރަކަށް އެމްޑީޕީ ދާން ލިބޭ ފުރުސަތު ކަމަށާއި އެ ފުރުސަތުގެ ބޭނުން ރަނގަޅަށް ހިފަން ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.