ހައްދުންމަތީގެ 4 ރަށެއް ކޯޒްވޭއަކުން ގުޅާލަން ނިންމާ، އެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފިއެވެ.
އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްފައިވަނީ ލ. ހިތަދޫއާއި ކުނަހަންދޫ ކޯޒްވޭއަކުން ގުޅާލުމަށާއި، އެއަތޮޅު ކަލައިދޫއާއި ދަނބިދޫ ކޯޒްވޭއަކުން ގުޅާލުމަށެވެ.
މި 4 ރަށް ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާއި ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާޠިމަތު ޝާނާ ފާރޫޤެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ ސީ.އީ.އޯ އާދަމް އާޒެމެވެ.
ވަކިވަކި 2 މަޝްރޫޢެއްގޮތަށް ކުރިއަށްގެންދާ މި މަސައްކަތުގެ ތެރެއިން، ލ. ހިތަދޫއާއި ކުނަހަންދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ 500 ދުވަހުން (1 އަހަރާއި 6 މަސް ދުވަސް) ނިންމާގޮތަށެވެ. މި 2 ރަށް ކޯޒްވޭއަކުން ގުޅާލުމަށް ހަމަޖެހިފައިވަނީ ހިތަދޫއާއި ކުނަހަންދޫއާއި އެއްފަޅެއްގައި އޮންނަ ފަޅު ރަށެއްކަމަށްވާ މެންދޫވެސް ހިމެނޭހެންނެވެ.
މި މަޝްރޫޢުގެ ދަށުން ހިތަދޫ އިން މެންދޫއަށް 157.5 މީޓަރުގެ ބްރިޖެއް، އަދި މެންދޫއިން ކުނަހަންދޫއަށް 157.5 މީޓަރުގެ ބްރިޖެއް ތަރައްޤީކުރާނެއެވެ. އަދި 390 މީޓަރުގެ ރިވެޓްމަންޓް ޖަހާ، 714 މީޓަރުގެ މަގު ހެދުންވެސް މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ. މި މަސައްކަތަށް 81.2 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.
އެމް.ޓީ.ސީ.ސީއާއި ޙަވާލުކުރި އަނެއް މަޝްރޫޢަކީ ލ. ކަލައިދޫއާއި އެ އަތޮޅު ދަނބިދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަޝްރޫޢެވެ. މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 550 ދުވަހުން (1 އަހަރާއި 8 މަސް) މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ.
މި 2 ރަށުގެ ތެރެއިން ކަލައިދޫއަކީ އެއަތޮޅު އިސްދޫއާއި ބިމުގެގޮތުން ގުޅިފައިވާ ރަށެކެވެ. މި ރަށުގެ އާބާދީ 1000 އަކަށްވުރެ ގިނައިރު، ދަނބިދޫގެ އާބާދީވެސް 1000 އަކަށްވުރެ ގިނައެވެ. މި ދެ ރަށަކީވެސް ތާރީޚީގޮތުން ފާހަގަކޮށްލެވޭ ޚާއްސަ ކަންތައްތަކެއް ހުރި ދެ ރަށެވެ.
މި މަޝްރޫޢުގެ ދަށުން 42،624 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 271 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖަހާ، 752 މީޓަރުގެ ސްކައުރިންގ އޭޕްރަން ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި 315 މީޓަރުގެ ބްރިޖެއް ހެދުމާއި، 714 މީޓަރުގެ ރީޓެއިނިންގ ފާރެއް ހެދުމުގެ އިތުރުން 7266 އަކަ މީޓަރުގެ މަގު ހެދުމާއި، މަގުބައްތި ހަރުކުރުންވެސް ހިމެނެއެވެ.
ކަލައިދޫއާއި ދަނބިދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަޝްރޫޢަށް ގާތްގަނޑަކަށް 144.38 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.