އައްޑޫސިޓީ ގެ 3 ރަށަކުން 500 ބަންޑާރަ ގޯތި ދިނުމަށް އައްޑޫ ސިއްޓީ ކައުންސިލުން އިއުލާނުކޮށްފިއެވެ.
އައްޑޫސިޓީ ކައުންސިލުން ކުރި އިޢުލާނެއްގައި ވަނީ އެސިޓިގެ ހުޅުދޫ އަދި މީދޫ ހިމެނޭހެން ކޮންމެ ރަށަކުން 2000 އަކަފޫޓްގެ 100 ބަންޑާރަ ގޯތި ދޫކުރުމަށް ނިންމާފައިވާކަމަށެވެ. އަދި ފޭދޫއިން 1500 އަކަފޫޓްގެ 300 ބަންޑާރަގޯތި ދޫކުރުމަށް ނިންމާފައިވާކަމަށްވެސް ސިޓީ ކައުންސިލްގެ އިޢުލާނުގައިވެއެވެ.
މި ގޯތި ތަކުގެ ތެރެއިން %90 ގޯތި ދޫކުރާނީ އެރަށެއްގެ ރައްޔިތުންނަށްކަމަށާއި، %10 ގޯތި ދޫކުރާނީ އެހެން ރަށްރަށު މީހުންނަށްކަމަށްވެސް ސިޓީ ކައުންސިލުން ވިދާޅުވިއެވެ.
ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 2 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރު 13:00 އަށެވެ. ފޮމާއެކު ހުށައަޅަންޖެހޭ ލިޔުންތަކުގެ ތަފްސީލްވެސް ވަނީ އިޢުލާންގައި ތަފްސީލްކޮށްދީފައެވެ.
އައްޑޫސިޓީގެ ހުޅުދޫއާއި މީދޫންވެސް ގޯތިދޫނުކުރާތާ 15 އަހަރު ވަނީ ވެފައެވެ. އަދި ފޭދޫން ގޯތި ދޫނުކުރާތާ 25 އަހަރު ވަނީ ވެފައެވެ.