ރ އަތޮޅު ދުވާފަރުގެ އިތުރުން ބ. ދަރަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީ އާ ހަވާލު ކޮށްފިއެވެ.
މި ކަމަށް ހާއްސަ ކުރެވިގެން މިއަދު ޕްލޭނިން މިނިސްޓްރީގެ ބޭއްވި ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސާ އާދަމް އާޒިމްއެވެ.
ރ. ދުވާފަރުގެ ބަނދަރު ތަރައްގީ ކުރުމަށްޓަކައި އެމްޓީސީސީއާ ހަވާލުކުރީ 180 ދުވަހުގެ ތެރޭގައި ނިންމަން 11.4 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއުގެ ދަށުން ބަނދަރުން 39،135 ކިއުބިކް މީޓަރު ފުން ކުރުމުގެ އިތުރުން 1.5 މީޓަރ ކޮންކްރީޓް ޖެޓީއެއް ހެދުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އެމްޓީސީސީ އިން ބުނެއެވެ.
ބ. ދަރަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއަކީ 59.9 މިލިއަން ރުފިޔާ ހޭދަވެގެންދާނެ މަޝްރޫއަކަށް ވާއިރު 1 އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންޖެހޭ ކަމަށް އެމްޓީސީސީއިން ހާމަކުރިއެވެ.
އެމްޓީސީސީ އިން އިތުރަށް ބުނީ ބަނދަރުން 1843 ކިއުބިކް މީޓަރު ފުން ކުރުމާއި އަލަށް އިތުރުކުރެވިގެންދާ ބަނދަރުގެ ބޭސިން 30504 ކިއުބިކް މީޓަރަށް ފުން ކުރުމާއި 2 މީޓަރު ބޮޑުހިލައިގެ ބޭރުތޮށި ޖެހުމާއި 83 މީޓަރު ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި 4 މީޓަރު ބޮޑުހިލައިގެ ގްރޮއިން ޖެހުމާއި 248 މީޓަރު އެއްގަމު ތޮށި ޖެހުން ހިމެނޭ ކަމަށެވެ.
އަދި މީގެ އިތުރުންވެސް 248 މީޓަރު ސްކޯރިން އެޕްރޮން ޖެހުމާއި 2 ނެވިގޭޝަނަލް އެއިޑް ޤާއިމް ކުރުމާއި 74 މ ރިންގް ރިންގް ހަރުކުރުމާއި 4 ރިންގް ބޮއި ހަރުކުރުން އެކްސެސް ޕްލެޓްފޯމް އެޅުމާއި 140 މީޓަރު ކޮންކްރީޓް ޖެޓީއެއް ހެދުމާއި އަދި 10 މަގު ބައްތި ހަރުކުރުމުގެ އިތުރުން 2104 އަކަ މީޓަރު ޕޭވްމަންޓް ހެދުން ހިމެނުގެން ދާކަމަށް އެމްޓީސީސީއިން ބުނެއެވެ.