އައްޑޫ ސިޓީ ކައުންސިލް 30 މިލިއަނަށްވުރެ ގިނަ ރުފިޔާއިން ޖޫރިމަނާކޮށްފި

ޚަބަރު ފަހުގެ

އައްޑޫސިޓީ ރުއްޖެހެރެ ސަރަޙައްދުގައި ގަވާއިދާ ޚިލާފަށް ކުރިޔަށް ގެންގޮސްފައިވާ މަސައްކަތްތަކާ ގުޅިގެން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީ.ޕީ.އޭ)އިން އައްޑޫ ސިޓީ ކައުންސިލް 30 މިލިއަނަށްވުރެ ގިނަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން ނެރުނު ބަޔާނެއްގައި އީޕީއޭއިން ބުނީ އައްޑޫސިޓީ ހިތަދޫ ކުނިކޮށި ދެކުނުން އޮތް ރުއްޖެހެރެ ސަރަޙައްދުގެ ހޭޅިފަށުން ގިނަ އަދަދެއްގެ ރުއްގަސް ކަނޑާ، އެ ސަރަޙައްދުގައި ފެންގަނޑެއް ކޮނުމާއި، އަދި ގޮނޑުދޮށަށް ވެލި އެޅުމާ ގުޅޭގޮތުން ހުށަހެޅިފައިވާ ޝަކުވާއަކާ ގުޅިގެން އެ މައްސަލަ ބަލާފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މި ބެލި ބެލުމުން ޤަވާއިދާ ޚިލާފަށް އައްޑޫ ރުއްޖެހެރެ ސަރަޙައްދުގެ 17818.09 އަކަ މީޓަރުގެ ސަރަޙައްދަކުން ބިން ސާފުކޮށްފައިވާ ކަމާއި، އެ ސަރަޙައްދުން 1712.26 ކޮޑިމީޓަރު ވެލި ނަގައި ހިތުގެ ބައްޓަމަށް ފެންގަނޑެއް ކޮނެފައިވާކަން ދެނެގަނެވިފައިވާ ކަމަށް އީޕީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހެދިފައިވާ ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދާއި ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން އައްޑޫސިޓީ ރުއްޖެހެރެ ސަރަޙައްދުގައި ގަވާއިދާ ޚިލާފަށް ކޮށްފައިވާ މަސައްކަތްތަކާއި ގުޅިގެން އައްޑޫ ސިޓީ ކައުންސިލް ތިރީސް މިލިއަން އަށްލައްކަ ނުވަދިހަ ހަތްހާސް ނުވަސަތޭކަ ފަންސާސް ފަސް ރުފިޔާ އިން އައްޑޫސިޓީ ކައުންސިލްގެ އިދާރާ ޖޫރިމަނާ ކުރެވިފައިވާ ކަމަށް އީޕީއޭއިން މަޢުލޫމާތުދެއެވެ.

އެހެންކަމުން ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ މުއްދަތުގެ ތެރޭގައި މި ޖޫރިމަނާ ފައިސާ، އީޕީއޭއަށް ދެއްކުމަށް އިއްޔެއިން ފެށިގެން އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށް އަންގަފައިވާކަމަށް އީޕީއޭއިން ބުނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ