އެމްޑީޕީގެ ތެރޭގައި ވަކިފެކްޝަނެއް ހެދުމަށް ޕާޓީތެރެއިން މަގުވެސް ފަހިވާންޖެހޭ ކަަމަށް އެމްޑީޕީ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ދިވެހިޗެނަލަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ނަޝީދު ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ސިޔާސީ ޕާޓީތައް ބައިބައިވާކަމަށެވެ. އެހެންނަމަވެސް އެހެން އެކަން ވިޔަނުދިނުމަށް ޕާޓީތެރެއިން ފެކްޝަން ހެދެންޖެހޭނޭ ކަމަށާއި އެކަމަށް މަގުވެސް ފަހިވާންޖެހޭ ކަަމަށް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއަށްފަހު އެމަނިކުފާނު ވިދާޅުވެފައިވަނީ “ފިކުރެއްގެ ދިރުން” ގެ ނަމުގައި އެކި ރަށްރަށުގައި ދެތިން ހަތަރު ގޮފިތައް ހަދައި އެމްޑީޕީ ވަރުގަދަ ކުރުމަށެވެ.
އެފިކުރަށް ތާއިދުކުރާ މީހުންގެ އަދަދު ޖުލައިމަހުގެ ނިޔަލަށް ފަންސާސް ހާހަށް އިތުރު ކުރުމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ރައީސް ނަޝީދަށް އިލްތިމާސް ކުރައްވާފައިވަނީ ޕާޓީގެ ތެރެއިން އެހެން ފިކުރެއް އުފަންކޮށް ވަކިވެގަތުމަކީ ޕާޓީގެ އުސޫލުތަކާއި ގަވާއިދާ ވެސް ޚިލާފު ކަމެއް ކަމަށެވެ. އެކަމާ ވިސްނެވުމަށް ވެސް ފައްޔާޒު ވަނީ ރައީސް ނަޝީދަށް ދަންނަވާފައެވެ. އެހެންނަމަވެސް ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނު ބޭނުންފުޅުވާގޮތަށް އެފިކުރު ދިރުވާނޭ ކަމަށާއި އެކަން ނުވެސް ހުއްޓުވޭނޭކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވެފައިވަނީ ފިކުރެއްގެ ދިރުމުގެ ކުޑައިގެ ދަށަށް ޕާޓީން ކަނޑާލި 39،000 މީހުން ގެނެސް އަދި އެމަނިކުފާނަށް ޕްރައިމަރީގައި ވޯޓުދެއްވި މީހުންނާއެކު ޕާޓީވަރުގަދަ ކުރަންޖެހޭ ކަމަށެވެ. ތާއިދު ކުރާނޭ ކެންޑިޑޭޓަކު ކަނޑައަޅާނީ ފަހުން ކަމަށާއި ރިޔާސީ އިންތިޚާބުގެ ކުރިން ބަރުލަމާނީއަށް ވެރިކަން ބަދަލުކުރާނޭ ކެންޑިޑޭޓަކަށް ތާއިދު ކުރައްވަން ފަސޭހަވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.