ކެންސަރު ބައްޔާއި ބެހޭ ގޮތުން ހޭލުންތެރިކުރުމުގެ ހަރަކާތެއް ހަނިމާދޫ ސިއްހީ މަރުކަޒުން ހިންގައިފިއެވެ.
މިރޭ ހަނިމާދޫ އިޖުތިމާއީ މަރުކަޒުގައި ކުރިޔަށްގެންދިޔަ މިހަރަކާތުގައި މައުލޫމަތު ދެއްވީ ހަނިމާދޫ ސިއްހީ މަރުކަޒު ނަރުހުންގެ ޑިޕަރޓްމެންޓުންނެވެ.
މިރޭގެ ހަރަކާތުގައި އަލި އަޅުވާލައިފައިވާ ބައިތަކުގެ ތެރޭގައި ރަހިމުގެ ދޮރަށް ޖެހޭ ކެންސަރ، އުރަމަތީގެ ކެންސަރ، ފުއްޕާމޭގެ ކެންސަރ، ޕްރޮސްޓޭޓް ކެންސަރ، އަދި ލޫކެމިއާ ކެންސަރ ހިމެނެއެވެ. އަދި މި ކެންސަރުތަކަށް ހުށަހެޅޭ ގޮތާއި މިއިން ކެންސަރެއް ޖެހިފައިވާނަމަ ފެންނާނެ އަލާމާތްތައް އަދި ރައްކާތެރި ވާނެގޮތް އަދި ފަރުވާތަކާއި ގުޅޭގޮތުން ވަނީ ވަރަށް ފުރިހަމަ މައުލޫމަތުތަަކެެއް ފޯރުކޮށްދީފައިވެއެވެ.
ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ނެރެފައިވާ ތަފާސް ހިސާބުތަކުގައި ބުނެފައިވަނީ ރާއްޖޭގެ ބަލިތަކުގެ ޙާލަތާއި ގުޅޭގޮތުން 2020 ވަނަ އަހަރު ދުނިޔެގޭ ސިއްޙަތު ޖަމިއްޔާއިން ކުރި ދިރާސާއެއްގައި ބުނާ ގޮތުގައި ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ 17 އިންސައްތަ އަކީ ކެންސަރުގައި މަރުވާ މީހުން ކަމަށެވެ.
ރާއްޖޭގައި ފިރިހެނުންނަށް އާއްމުކޮށް ޖެހޭ ކެންސަރުގެ ބާވަތްތަކުގެ ތެރޭގައި ފުއްޕާމޭ، ޕްރޮސްޓޭޓް، ކޮލޮރެކްޓަލް، ބަނޑާއި ފުއްޕާމޭގެ ކެންސަރު ހިމެނެއެވެ. އަދި އަންހެނުންގެ މެދުގައި އެންމެ ގިނައިން ފެންނަނީ އުރަމަތީގެ ކެންސަރު، ކޮލޮރެކްޓަލް، ފުއްޕާމޭ، ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު އަދި ތައިރޮއިޑް ކެންސަރެވެ.
2023 ވަނަ އަހަަރަށް ދުނިޔޭގެ ކެންސަރު ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރަކީ “ފަރުވާގެ ފަރަގު ކުޑަކުރަމާ” މިއެވެ. ރާއްޖޭގައިވެސް ކެންސަރާ ދެކޮޅަށް މުހިންމު މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.