ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވަންސް ޖޫންމަހު ބޮޑުކުރަނީ

ޚަބަރު ފަހުގެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުންދޭ އެލަވަންސް އަންނަ ޖޫންމަހުން ފެށިގެން ބޮޑު ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މީގެ ކުރިން ސަރުކާރުންދެމުން އައީ 2000 ރުފިޔާގެ އެލަވަންސެކެވެ. މިކަން ކުރުމަށްޓަކައި ސަރުކާރުން ވަނީ މިއަހަރުގެ ބަޖެޓުގައި އިޖުތިމާއީ ރައްކާތެރިކަމަށް 3.91 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރެއިން، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީ ދިނުމަށް 341 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

އިޝްތިހާރު
އިޝްތިހާރު

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުންދޭ އެލަވަންސް އަންނަ ޖޫން މަހުންފެށިގެން ބޮޑުކުރާނެކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޢުމުރުން 18 އަހަރު ފުރުމުން ބޭނުންވާ ޚިދުމަތްތަކަށް ވަކި ސެންޓަރެއް މިހަފްތާތެރޭ ހުޅުމާލޭގާ ހުޅުވާނެކަމަށް ރައީސްވިދާޅުވިއެވެ.

ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުދިންނަށް ޢާއިލީ ވެއްޓެއް ހޯދައިދިނުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިފަދަ އަމާންވެށީގެ 7 މަރުކަޒު ގާއިމުކޮށް އެތަންތަނަށް ކުދިން ބަދަލުކޮށްފައިވާކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ ޤާނޫނުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރެއް ވަނީ އެކުލަވާލަފައެވެ. މި ދަފްތަރުގައި 10000 އަށްވުރެ ގިނަ މީހުން ވަނީ ރަޖިސްޓްރީކޮށްފައެވެ. މިކަމަކީވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެވޭ މާލީ އެހީތެރިކަމުގެ ނިޒާމު ހަރުދަނާކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުން ގިންތިކޮށްގެން އެހީދިނުމަށް ފެއްޓެވި މަސައްކަތެވެ.

މި ދަފްތަރުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވާ، ހުރި ނުކުޅެދުންތެރިކަމާއި ގުޅިގެން އިތުރަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުގެ އެކިއެކި މުއައްސަސާތަކާއި، އިބަމަ އަދި އެފް.ސީ.އެސް.ސީ ފަދަ ދައުލަތުގެ އިޖްތިމާޢީ އެކިއެކި ޚިދުމަތްތައް ދޭ ފަރާތްތަކަށް މަގުފަހިވެގެންދާނެއެވެ.

އެންސްޕާއިން މިހާރު ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުންދޭ މާލީ އެހީއަށް ދެން އެދެވޭނީ “ނޭޝަނަލް ޑިސްއެބިލިޓީ ރެޖިސްޓްރީގެ” ޑިޖިޓަލް ޕޯޓަލް މެދުވެރިކޮށް ކަމަށް ކަނޑައަޅާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ