މިއަދުން ފެށިގެން ޢުމުރުން 5 އަހަރާއި 11 އަހަރާއި ދެމެދުގެ ޢުމުރުފުރާގެ ކުދިންނަށް ފައިޒަރ ވެކްސިން ދޭން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ހުޅުވާލައިފިއެވެ.
އެޗްޕީއޭއިން ވިދާޅުވީ މިކުދިންނަށް ފައިޒަރ ވެކްސިން ދިނުމަށް މާލޭގެ ވެކްސިން ސެންޓަރުތަކާއި އަތޮޅުތެރޭގެ ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކުގައި ފައިޒަރ ވެކްސިން ލިބެން ހުންނާނެކަމަށެވެ.
ކޯވިޑް-19އިން ރައްކާތެރިވުމަށް ޢުމުރުން 5 އަހަރާއި 11 އަހަރުގެ ކުދިންނަށް ދޭ ވެކްސިން ރާއްޖެއަށް ލިބި އެވެކްސިން ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަންއިން ލަފާދެއްވާފައިވާ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އެހެންކަމުން މިއަދުން ފެށިގެން މިވެކްސިން މިޢުމުރުފުރާގެ ކުދިންނަށް ދެވޭނެކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި ޢުމުރުން 12 އަހަރުން މަތީގެ ކުދިންނަށްވެސް ފައިޒަރ ވެކްސިން މިހާރު ދެވޭނެ އިންތިޒާމު ހަމަޖެހިފައި ހުންނާނެކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ. އެހެންކަމުން ކޯވިޑްގެ ވެކްސިން ޑޯޒްތައް ފުރިހަމަ ނުކުރާ ފަރާތްތަކުން ވެކްސިން ޖެހުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ.
މާލެ ސަރަހައްދުގައި ވެކްސިން ދޭ ތަންތަނާއި ގަޑިތައް:
- އައިޖީއެމްއެޗް: ކޮންމެ އާދިއްތަ ދުވަހެއްގެ ހެނދުނު 9.000 އިން 12:00 އަށް
- ހުޅުމާލެ ހޮސްޕިޓަލް: އާދިއްތަ، އަންގާރަ، ބުރާސްފަތި މެންދުރުފަހު 13:00 އިން 14:އަށް
- ދަމަނަވެށި: ބަންދު ނޫން ކޮންމެ ދުވަހަކު 13:30އިން 15:00 އަށް
ރާއްޖޭގައި ކޯވިޑާއި ދެކޮޅަށް ކުރިއަށްގެންދާ ވެކްސިން ޕްރޮގްރާމްގެ ތެރެއިން މިހާތަނަށް ފުރަތަމަ ޑޯޒް 399178 މީހުންވަނީ ފުރިހަމަކޮށްފައެވެ. އަދި ދެވަނަ ޑޯޒް 385099 މީހުން ޖަހާފައިވާއިރު ބޫސްޓަރ ޑޯޒްގެ ފުރަތަމަ ޑޯޒް 167635 މީހުންވަނީ ޖަހާފައެވެ. އަދި ބޫސްޓަރގެ ދެވަނަ ޑޯޒް 1523 މީހުންވަނީ މިހާތަނަށް ޖަހާފައެވެ. މީގެތެރޭގައި ހިމެނެނީ ޢުމުރުން 12 އަހަރުން މަތީގެ ފަރާތްތަކެވެ.