ރިޔާސީ އިންތިހާބު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކާމިޔާބު ކުރައްވާނީ ގަދަކޮށް ކަމަށް ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ރަސްމީކޮށް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރިޔާސީ ދެވަނަ ދައުރަކަށް ދިވެހި ރައްޔިތުން ހޮވަންނުޖެހޭ ސަބަބެއް ނެތް ކަމަށެވެ.
“ގައުމަށް އައި މިނިވަން ނޫރާނީ، ދައުރުން މި ހަނދާންތައް އާ ކުރަނީ، އަޅުގަނޑުމެން މިއަދު ރާއްޖޭގެ އެންމެހާ ރައްޔިތުން ނިކުމެ މި ތިބީ ގައުމަށް އައި މިނިވަން ނުރާނީ ދައުރުން ހަނދާން އާ ކުރުމަށް. އަޅުގަނޑުމެން މިއަދު ހަނދާން އާ ކުރަމުން މި ގެންދަނީ ދައުލަތެއްގެ ސިފަ އަޅުގަނޑުމެންގެ މި ގައުމުގައި ޖެހެމުން ދާތީ،” ޝާހިދު ވިދާޅުވިއެވެ.
އަދި ރައީސް ޔާމީން ސަރުކާރުގައި ކަންކަން ހިނގާފައިވާ ގޮތަށް ފާޑު ވިދާޅުވެ ވާހަކަދައްކަވަމުން ޝާހިދު ވަނީ އޭރު ސަރުކާރުގައި ހުންނެވި ޕްރޮސިކިއުޓަރު ޖެނެރަލް މަގާމުން ވަކިކުރި ކަމަށާއި ކޮމިޝަނަރު އޮފް ޕޮލިސް މަގާމުން ވަކިކުރި ކަމަށާއި ނުވިތާކަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މަގާމަށް ވަޑައިގެންނެވި ބޭފުޅުން ވަކިކުރެއްވިކަން ފާހަގަކުރައްވާފައެވެ.
“މުޅި ދައުލަތް ހަރާބު ކޮށްލުމުގެ ބޭނުމުގައި މިލިޓަރީގެ ވެރިކަމެއް ހިންގުމުގެ ބޭނުމުގައި އިމަޖެންސީއެއް މި ރައީސެއް ނުހިންގަވާ، ގައުމަށް އައި މިނިވަން ނޫރާނީ ދައުރުން މި ހަނދާން އާ ކުރަނީ އެއީ މި ރައީސަކީ،” ޝާހިދު ވިދާޅުވިއެވެ.
ރައީސް ސޯލިހު ދެވަނަ ދައުރަކަށް އިންތިހާބު ކުރުމަށް އެމްޑީޕީން ނިކުމެ އޮތީ މިނިވަން ދައުލަތެއް ގާއިމް ކުރުމަށް ކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ އެމްޑީޕީ އަށް މިއަދު ފެތުރިފައި އޮތް އަލިކަން ދެން ދާނީ ގަދަވަމުން ކަމަށެވެ.