3 ރަށެއްގައި ކޮމިއުނިޓީ ފަންޑުން ހިންގި ޕްރޮޖެކްޓް ނިންމާލައިފި

ޚަބަރު ފަހުގެ

ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ ‘ބީއެމްއެލް ކޮމިއުނިޓީ ފަންޑު’ ގެ ދަށުން ދ. ހުޅުދެލި، ލ. މުންޑޫ އަދި ލ. ފޮނަދޫގައި ހިންގި ޕްރޮޖެކްޓްތައް ކާމިޔާބު ކަމާއެކީ ނިންމާލައިފިއެވެ.

ކޮމިއުނިޓީ ފަންޑުގެ ދަށުން ހުޅުދެލީގައި ވަނީ މަސްކެނޑުމަށް ހާއްސަތަނެއް ގާއިމްކޮށްފައެވެ. މިއީ މަސްވެރިންގެ އިތުރުން ހުޅުދެލީގެ އާންމު ރައްޔިތުންނަށްވެސް މަސްކެނޑުމަށް ފަސޭހަވާނެހެން ތަރައްގީ ކުރެވިފައިވާ މަސްކަނޑާތަނެއްކަމަށް ބީއެމްއެލްއިން ބުނެއެވެ. މިތަން ފަރުމާކޮށްފައިވަނީ ދުވާލުގެ ވަގުތުތަކުގެ އިތުރުން ރޭގަނޑުވެސް މިތަން ބޭނުންކުރެވޭނެ ގޮތަށެވެ. މި ޕްރޮޖެކްޓް ހިންގާފައިވަނީ ހުޅުދެލީ އައިލެންޑް ސޮސައިޓީ އެންޑް ސްޕޯރޓްސް އެސޯސިއޭޝަން އިންނެވެ

އިޝްތިހާރު
އިޝްތިހާރު

މީގެ އިތުރުން ލ. މުންޑޫގެ ބަނދަރު ސަރަހައްދުގައި ދަތުރުވެރިންނަށް ހާއްސަ ތަނެއްވެސް ވަނީ ގާއިމްކޮށްފައެވެ. މިތަނުގައިވަނީ ހަޓެއް ހަދައި ލަކުޑި ބެންޗްތައް ބަހައްޓާފައެވެ. މިއީ ދަތުރުވެރިން މަޑުކޮށްލުމަށްޓަކައި ހިޔާވެވޭހެން ފަރުމާކޮށްފައިވާ ތަނެކެވެ. މި ޕްރޮޖެކްޓް ހިންގާފައިވަނީ މުންޑޫ ޒުވާނުންގެ ޖަމިއްޔާ އިންނެެވެ.

ލ. ފޮނަދޫގައި ހުންނަ ލ.އަތޮޅު ތައުލީމީ މަރުކަޒުގެ 4 ކްލާސްރޫމެއް ޑިޖިޓައިޒްކުރުމުގެ ގޮތުންވަނީ ޓީވީ ބަހައްޓާފައެވެ. މި ޕްރޮޖެކްޓް ހިންގާފައިވަނީ ވިމެން އެންހޭންސްމަންޓްގެ ފަރާތުންނެވެ.

ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 80 ޕްރޮޖެކްޓެއް ހިންގުމަށް ފައިސާގެ އެހީ ފޯރުކޮށްދީފައިވާކަމަށް ބީއެމްއެލްއިން ބުނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ