އިންޑަސްޓްރިއަލް އައިލެންޑް ތިލަފުށީގެ މާސްޓާޕްލޭނާ އެއްގޮތަށް އެ ރަށު ފޭސް ދޭއްގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިއަދު ފަށާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.
އެޗްޑީސީން ބުނީ ތިލަފުށި ފޭސް ދޭއްގެ އޭރިއާ ސީ ގެ 20 ހެކްޓަރު ބިން ހިއްކުމުގެ މަސައްކަތްތަކުގެ ތެރެއިން ބަންޑް ވޯލް ހެދުމުގެ މަސަކަތްތައް މިހާރު ކުރަމުންދާ ކަމަށެވެ.
މާލޭގެ ޖާގައިގެ ދަތިކަމުގެ ސަބަބުން މަސައްކަތް ކުރުމަށާއި ވިޔަފާރިތައް ހިނގުމުގަށް ދަތިތައް ކުރިމަތިވަމުންދާ ކަމަށް އެޗްޑީސީން ބުންޏެވެ. އަދި އާންމުން ދިރިއުޅޭ ސަރަހައްދުގައި ގަރާޖުތަކާއި ވެއާހައުސްތައް ހުރުމުން ނުރައްކާތެރި އެކްސިޑެންޓުތައް އިތުރުވެފައިވާ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.
އެޗްޑީސީން ބުނީ މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ބިނާކުރުމަށް ސަރުކާރާއި ގުޅިގެން އެކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެެވެ. އަދި ރާއްޖޭގެ ވިޔަފާރި ސިނާއަތްތަކަށް ބޭނުންވާ އެންމެ ޒަމާނީ އަދި ފުރިހަމަ ވަސީލަތްތަކާއި އެކަމަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ގާއިމު ކުރުމަކީ ސަރުކާރުން ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށް ވެސް އެޗްޑީސީން ބުނެ އެެވެ.