ހަނިމާދޫ ކައުންސިލާއި، ހަނިމާދޫ ސްކޫލާއި ގުޅިގެން ކުރިޔަށްގެންދާ ” ޖަވާހިރުލް ޤުރުއާން މުބާރާތް 1444″ ގެ ކިޔެވުން މިއަދު ހަވީރު ފަށައިފި އެވެ.
ކީ ސްޓޭޖްތަކަށް ބަހާލައިގެން ކުރިޔަށް ގެންދާ މި މުބާރަތުގައި 115 ދަރިވަރުން ވަނީ ބައިވެރި ވެފައެވެ. އެގޮތުން ފައުންޑޭޝަން ބަލައިގެން ކިޔެވުމުގެ ގޮފިން 2 ދަރިވަރުން ބައިވެރި ވެފައިވާއިރު 10 ދަރިވަރުން ވަނީ ނުބަލާ ކިޔެވުމުގެ ގޮފީގައި ބައިވެރިވެފައެވެ. ކީ ސްޓޭޖު 1 ން 15 ދަރިވަރުން ހިތުން ކިޔަވާއިރު ބަލައިގެން 16 ދަރިވަރުން ކިޔަވައެވެ. ކީ ސްޓޭޖް 2 ބަލައިގެން 36 ދަރިވަރުން ކިޔަވާއިރު ނުބަލާ ކިޔަވަނީ 1 ދަރިވަރެވެ. ކި ސްޓޭޖް 3 ން 15 ދަރިވަރުން ބަލައިގެން ކިޔަވާއިރު ކީ ސްޓޭޖް 4 ން 10 ދަރިވަރުން ބަލައިގެން ކިޔަވާނެއެވެ.
މިފަހަރުގެ މުބާރާތަށް އިންސާފުކޮދެއްވަނީ އަލްފާޟިލް ނިޝަންދު ހުސެއިން، އަލްފާޟިލް ފިރާޤް މުޙައްމަދު އަދި އަލްއުސްތާޛު މުޙައްމަދު ނިޔާޒް އަބްދުލް ރަހްމާންއެވެ.
މި މުބާރަތުގެ ކިޔެވުން ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިޔަށް ދާއިރު ކިޔެވުންތައް އަޑު އެހުމަށް ހޯލަށް ވަނުން ވަނީ އާންމުކޮށް ހުޅުވާލާފައެވެ. ކިޔެވުން ކުރިޔަށް ދަނީ ހަނިމާދޫ އިޖްތިމާއީ މަރުކަޒުގައެވެ.
މި މުބާރާތުން 50 އިންސައްތައަށްވުރެ މަތިން މާކުސްލިބޭ ދަރިވަރުން، ހަނިމާދޫ ސުކޫލުން ހިންގާ ”ޤުރުއާން ޕޫލަށް” ހޮވޭއިރު މުބާރާތުގައި ފައުންޑޭޝަން ސްޓޭޖާއި އަދި ކޮންމެ ކީސްޓޭޖަކުން އެންމެ މޮޅު 5 ދަރިވަރުން ހޮވޭނެއެވެ. އަދި ފައުންޑޭޝަން ސްޓޭޖާއި ކޮންމެ ކީސްޓޭޖަކުން 1 ވަނަ، 2 ވަނަ އަދި 3ވަނަ ހޮވޭނެއެވެ. މި ވަނަތައް ހޮވޭނީ ދެ ގޮފި ވަކިންނެވެ. އަދި ކޮންމެ ގޮތްޕަކުން އެންމެ މޮޅު 5 ދަރިވަރުން ހޮވުމާއެކު ކޮންމެ ގޮތްޕަކުން 1ވަނަ، 2ވަނަ، 3ވަނަ ހޮވޭނެއެވެ.
މިމުބާރާތުގެ ވަނަތަކަށް ހޮވޭ ދަރިވަރުންނަށް ވަނީ ފައިސާގެ އިނާމު ކަނޑައަޅާފައެވެ. އެގޮތުންްް ކީސްޓޭޖް ތަކުން އެއްވަނައަށް ހޮވޭ ދަރިވަރަކަށް 2000 ރުފިޔާ ލިބޭއިރު، 2 ވަނައަށް 1500 ވަނީ ހަމަޖައްސާފައެވެ. އަދި 3 ވަނައަށް ހޮވޭ ދަރިވަރަކަށް 1000 ރުފިޔާ ދޭން ވަނީ ހަމަޖައްސާފައެވެ. އަދި މުބާރާތުގެ ގޮފިތަކުން އެެއް ވަނައަށް 5000 ރުފިޔާ ދޭއިރު ދެވަނައަށް 2500 ރުފިޔާ ދޭން ވަނީ ހަޖެހިފައެވެ. އަދި 3 ވަނައަށް ހޮވޭ ދަރިވަރަކަށް 1500 ރުފިޔާ ދެވިގެންދާނެއެވެ.
މިފަހަރުގެ މުބާރާތް ހޯސްޓް ކުރަނީ ކެތިއަރާގެ ފަރާތުންނެވެ. އަދި މުބާރާތުގެ ކިޔެވުން ހަނިމާދޫ ކައުންސިލް ފޭސްބުކް ޕޭޖުން ވަގުތުން ދައްކަމުން ދާނެއެވެ.