އައްޑޫގައި ޓޫރިޒަމް ފުޅާކުރަން ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ހަންކެޑެ ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން އާއި ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކުންފުންޏާއިއެވެ.
އައްޑޫ ސިޓީގައި 8000 އެނދު ސަރުކާރުން ތަރައްޤީކުރުމަކީ މިސަރުކާރުގެ ވަޢުދެކެވެ. އައްޑޫގެ މަރަދޫއާއި ގައުކެނޑިއާ ދޭތެރޭ އޮންނަ ހަންކެޑެއަކީ އައްޑޫގައި ފަތުރުވެރިކަމަށް ޚާއްސަކުރި ސަރަހައްދުގެ ތެރެއިން އެއް ސަރަހައްދެވެ. މި ސަރަހައްދުގައި އެޅުމަށް ނިންމާފައިވަނީ ގެސްޓު ހައުސްއާއި ހޮޓާ އެކަންޏެއް ނޫނެވެ. މިސަރަހައްދުގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް އެކި ބާވަތުގެ ވިޔަފާރިވެސް ޤާއިމު ކުރެވޭނެއެވެ.
މިމަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން އާއި ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކުންފުންޏާއިއެކު މިހާރު ވަނީ ސޮއިކޮށްފައެވެ. އަދި މިމަޝްރޫއާއިއެކު އައްޑޫގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ހަންކެޑެ، އިންޓަގްރޭޓެޑް ޕްރޮޖެކްޓްގެ ގޮތުގައި ތަރައްގީ ކުރަނީ ބޭންކް އޮފް ޗައިނާ އިން 145 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިގެންނެވެ.