ހަނިމާދޫގައި ޒަމާނީ ފެންވަރުގެ ކުނި މެނޭޖްކުރާ މަރުކަޒެއް އެޅުމަށް ބަޖެޓު ހަމަޖެހިއްޖެއެވެ.
ހަނިމާދޫ ކައުންސިލް މެންބަރުން މިހާރު ފުރަމާލެއަށް ކުރައްވަމުންދާ ޒިޔާރަތުގައި އިއްޔެ ވަނީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެޖްނޮލޮޖީ އާމިނަތު ޝައުނާއާ ބައްދަލު ކޮށްފައެވެ.
މިބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންތައްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ހަނިމާދޫ ކައުންސިލްގެ ނައިބުރައީސް ފިރާގް މުހައްމަދު ވިދާޅުވީ ހަނިމާދޫއަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ތެރެއިން ކުނި މެނޭޖް ކުރުން ހިމެނޭ ކަމަށެވެ. އަދި ޒަމަނީ ކުނި ކޮށްޓެއް އެޅުމުގެ މަސައްކަތް ކުރުމަށް އިއުލާން ކުރެވި ބަޔަކާ ހަވާލުނުކުރެވި ލަސްވާ މައްސަލަ އަށްވެސް އަލިއަޅުވާލި ކަމަށް ވިދާޅުވިއެވެ.
” ބަޖެޓް މިހާރު ހަމަ ޖެހިފައި ވާކަމަށް މިނިސްޓާ ޝައުނާ ވިދާޅުވި، އަދި ވީ އެންމެ އަވަހަކަށް މަސައްކަތް ފަށަން ވީ ކަމަށް ވިދާޅުވި، މިއީ ހަނިމާދޫ އަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް”
4 މިލިއަނައަށްވުރެ ގިނަ ރުފިޔާ ހަރަދު ކޮށްގެން ހަދާ މި ކުނި ކޮށީގެ މަސައްކަތް ނިންމާލުމުން މިހާރު ހަނިމާދޫއަށް ދިމާވެފައިވާ ކުނި ނައްތާލުމުގެ މައްސަލައަށް ފުރިހަމަ ހައްލެއް ލިބިގެންދާނެއެވެ.
“މި ފައިސާ ހަމަ ޖެހުމުގައި މިނިސްޓާ ޝައުނާ އަދި އެ ވުޒާރައިގެ ވަރަށް ބުރަ މަސައްކަތް މިއީ، މި ސަރުކާރުން ހަނިމާދޫގެ ތަރައްގީއަށް އެހެން ސަރުކާރަކުން ނުކޮށްދޭހާ ގިނަގުނަ ކަންކަން އެބަކޮށްދޭ، މިކަން ބަލައިގަންނަނީ ޝުކުރުވެރިކަމާއެކު”
މީގެއިތުރުން މި ބައްދަލުވުމުގައި ވަނީ ނޭޗަރަލް ޕާކެއް ހަނިމާދޫގައި ހެދުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކޮށްފައެވެ.