ހަނިމާދޫ ސްކޫލަށް ޕުރިންސިޕަލް އަންޔަންކުރުން ކުރިއަށްދާއިރު 4 ކުލާސް ރޫމު އެޅުމަށް ތައްޔާރު ވަމުން ދާކަމަށް ހަނިމާދޫ ކައުންސިލްގެ ނައިބުރައީސް ފިރާގް މުހައްމަދު ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް ފިރާގު މިފަދައިން ވިދާޅުވީ ހަނިމާދޫ ކައުންސިލް މެންބަރުން މިހާރު ފުރަމާލެއަށް ކުރައްވަމުންދާ ޒިޔާރަތުގައި މިއަދު އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު މުޖާހިދުއާއި ބައްދަލު ކުރެވުމަށްފަހު ކަމަށް ގޮށްކޮޅަށް މައުލޫމާތު ދެއްވިއެވެ.
އެގޮތުން ފިރާގް ވިދާޅުވީ ޕްރިންސިޕްލްް އަންޔަން ކުރުމާ ބެހޭގޮތުން ދެކެވުނު ވާހަކަތަކުގައި މިނިސްޓްރީން ބުނީ މިހާރު ކުރިއަށް ދަނީ އެކަމުގައި ކުރަން ޖެހޭ އިދާރީ މަސައްކަތް ކަމަށެވެ.
އަދި ވަރަށް އަވަހަށް 4 ކުލާސްރޫމް ހަނިމާދޫ ސްކޫލްގައި އިމާރާތް ކުރަން ހަވާލު ކުރެވޭނެ ކަމަށާއި ސުކޫލްގެ ލެބޯޓެރީއަށް ބޭނުންވާ ތަކެތި ވެސް ފޮނުވަން ތައްޔާރު ކުރެވިފައިވާކަމަށް މިނިސްޓިރީއާއި ހަވާލާދީ ފިރާގް ވިދާޅުވިއެވެ.
މީގެ އިތުރުން ފެނަކައާއި ބައްދަލުކުރި އިރު ހަނިމާދޫ ސްކޫލް ފާހާނާ ނިޒާމުގެ ބައެއް ނަރުދަމާއާއި ގުޅާފައިނުވަތީ އެކަމަށް ހައްލެއް ހޯދައިދިނުމަށް އެދުމުން އެކަން ކޮށްދެއްވާނެ ކަމަށް ފެނަކާގެ އެމްޑީ ވިދާޅުވިކަމަށް ނައިބުރައީސް ފިރާގް މައުލޫމާތު ދެއްވިއެވެ.