ރާއްޖޭގެ ކަނޑުގެ އަސްކަރިއްޔާގެ އެންމެ ބޮޑު އުޅަނދު ކޯސްޓްގާޑް “ހުރަވީ”ގެ ބަދަލުގައި އިންޑިއާއިން ހަދިޔާކުރާ ކަނޑުގެ އަސްކަރީ އެހެން އުޅަނދެއް މާލެ އަތުވެއްޖެ އެވެ.
އެމްއެންޑީއެފް ކޯސްޓްގާޑް ފްލީޓްގައި އޮތް އެންމެ ބޮޑު އަދި ޢަސްކަރީ ގޮތުން އެންމެ ޤާބިލް އުޅަނދު ކަމަށްވާ، “ހުރަވީ” އަކީ ވެސް 2006 ވަނަ އަހަރު އިންޑިއާ އިން ހަދިޔާކުރި އުޅަނދެކެވެ.
ކޯސްޓްގާޑް ޝިޕް ހުރަވީ މިހާރު ޚިދުމަތުގައި ގިނަ ދުވަސްތަކެއް ވެފައިވާތީ، ހުރަވީގެ ބަދަލުގައި އިތުރު އުޅަނދުފަހަރު ހޯދާ އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ގާބިލްކަން އިތުރުކުރުމަކީ ދިވެހި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އަދި މިކަމަށް އެހީތެރިވުމުގެގޮތުން އިންޑިޔާ ސަރުކާރުން މިހާރުވަނީ ކޯސްޓްގާޑް ޝިޕް ހުރަވީގެ ބަދަލުގައި އެހެން އުޅަނދެއް ހަދިޔާކުރުމަށް ނިންމާފަ އެވެ.
މިގޮތުން ދޭ އުޅަނދު ވަނީ މިދިޔަ ހޮނިހިރު ދުވަހު މާލެ އައިސްފަ އެވެ. އަދި މި އުޅަނދު ރަސްމީކޮށް އެމްއެންޑީއެފާ ޙަވާލުކުރުމަށް ފުރިހަމަކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އަންނަ މެއި މަހުގެ ތެރޭގައި މިއުޅަނދު ރަސްމީކޮށް ހަވާލުކުރުމަށް ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތަކާއި އަދި މިއުޅަނދަށް އައްޔަންކުރެވޭ ކޯސްޓްގާޑްގެ ސިފައިން، އުޅަނދުގައި ބޭނުންކުރާ މުހިއްމު މެޝިނަރީ އަދި އިކްއިޕްމެންޓްތަކާއި އޮޕަރޭޓިންގ ޕްރޮސީޖަރސްތަކަށް އަހުލުވެރިވުމަށް ކޮންމެހެން ބޭނުންވާ ތަމްރީން ޕްރޮގްރާމްދަނީ ހިންގަމުންނެވެ. ދެ ހަފުތާގެ މުއްދަތަށް ރޭވިފައިވާ މި ތަމްރީން ޕްރޮގްރާމް ނިމި ރަސްމީކޮށް އުޅަނދު ހަވާލުކުރުމުގެ ކަންކަން ނިމުމުން މިއުޅަނދު މާލެ ގެނައުމުގައި ހަރަކާތްތެރިވި އިންޑިއަން ނޭވީގެ ކުރޫ އަނބުރާ އިންޑިޔާއަށް ދިއުމަށްވަނީ ހަމަޖެހިފަ އެވެ.
މިފަހަރު އިންޑިޔާއިން ހަދިޔާކުރުމަށް ހަމަޖެހިފައިވާ އުޅަނދަކީ ހުރަވީއަށްވުރެ ބޮޑު، އޮޕަރޭޝަނަލް ޤާބިލްކަން އިތުރު، ފަހުގެ އުޅަނދެކެވެ. މިއުޅަނދު އެމްއެންޑީއެފަށް ހަދިޔާކުރުމާއެކު ކޯސްޓްގާޑު ޝިޕް ހުރަވީ ޑީކަމިޝަންކުރެވޭނެ އެވެ.
މީގެ ކުރިން 2019 ގައި ވެސް އިންޑިއާއިން ވަނީ ރާއްޖެ އަށް ކަނޑުގެ އަސްކަރީ އުޅަނދެއް ހަދިޔާކޮށްފަ އެވެ. އެ އުޅަނދަށް އެމްއެންޑީއެފުން ނަން ދީފައި ވަނީ ކޯސްޓްގާޑް “ކާމިޔާބު” ގެ ނަމުންނެވެ. ސިފައިން އަންނަނީ އިންޑިއާ އިން ހަދިޔާކުރި ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ވެސް ބޭނުންކުރަމުންނެވެ