އެއްވެސް ސްކޫލަކަށް ނިސްބަތް ނުވާގޮތަށް ރާއްޖޭގައި އުފެއްދި ފުރަތަމަ ސްކައުޓް ގްރޫޕް އުފައްދައިފިއެވެ. މިއީ “މާލޭގެ 40 ވަނަ ސްކައުޓް ގްރޫޕް” އެވެ.
މިއީ ރާއްޖޭގެ ސްކައުޓް ޙަރަކާތުގެ 67 އަހަރުގެ ތާރީޚުގައިވެސް އެއްވެސް ސްކޫލަކަށް ނިސްބަތް ނުވާގޮތަށް ރާއްޖޭގައި އުފެދުނު މިފަދަ ފުރަތަމަ ސްކައުޓް ގްރޫޕެވެ.
މި ސްކައުޓް ގުރޫޕް އުފައްދާ އެކަމުގެ ލިޔުން ހަވާލު ކޮށްދެއްވީ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޗީފް ކޮމިޝަނަރު މަޢީދު މުޙައްމަދު ޒާހިރުއެވެ. މާލޭގެ 40 ވަނަ ސްކައުޓް ގްރޫޕްގެ ފަރާތުން ލިޔުމާ ހަވާލުވީ ގްރޫޕް ސްކައުޓް ލީޑަރ މުޙައްމަދު ޝަމްޢޫން އެވެ. މި ރަސްމިއްޔާތުގައި ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައިސް މުހައްމަދު ނަޒީފް ވަނީ ބައިވެރި ވަޑައިގެންފައެވެ.
އަލިމަސް އެކެޑަމީއާ ގުޅިގެން ހިންގާ މި ސްކައުޓް ގްރޫޕާ ގުޅުމުގެ ފުރުޞަޠު މާލޭގައި އުޅޭ ކަބް ސްކައުޓާއި، ސްކައުޓް އަދި ރޯވަރ ސްކައުޓް ޢުމުރުފުރާގެ ހުރިހާ ކުދިންނަށް އޮންނާނެ ކަމަށް ގްރޫޕް ސްކައުޓް ލީޑަރ މުޙައްމަދު ޝަމްޢޫން ވިދާޅުވިއެވެ. އަދި ވަރަށް އަވަހަށް މި ގްރޫޕާ ގުޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށްވެސް ޝަމްޢޫން ވިދާޅުވިއެވެ.
“ރާއްޖޭގެ ސްކައުޓް ޙަރަކާތް އެހެން ހަރުފަތަކަށް ގެންދިއުމަށް މިކުރާ މަސައްކަތުގައި މި ސްކައުޓް ގްރޫޕް ރަޖިސްޓަރީ ކޮށްދެއްވައި، މިކަން ކުރެވޭނެ މަގު ފަހިކޮށް ދެއްވީތީ ސްކައުޓް އެސޯސިއޭޝަނަށް ނުހަނު އިޙްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން” މުޙައްމަދު ޝަމްޢޫން
މިކަމުގައި ބޭނުންވި އެއްބާރުލެއްވުން ވަރަށް ފުރިހަމައަށް ދެއްވީތީ އަލިމަސް އެކެޑަމީގެ މަސްޢޫލުވެރިންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާކަމަށްވެސް މުޙައްމަދު ޝަމްޢޫން ވިދާޅުވިއެވެ.