މީޑިއާ ކައުންސިލުގެ ބައި-އިލެކްޝަން އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހޯމް މިނިސްޓްރީން ނިންމައިފިއެވެ.
ހޯމް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މީޑިއާ ކައުންސިލަށް 3 މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން 29 އެޕްރީލް 2023ވާ ހޮނިހިރު ދުވަހު އޮންނާނެކަމަށާއި ވޯޓުލުން އޮންނާނީ ވެލާނާގޭގެ ގްރައުންޑް ފްލޯގައި ހެނދުނު 10:00 އިން 11:00އަށް ކަމަށެވެ.
މީޑިއާ ކައުންސިލަކީ މީޑިއާގެ މިނިވަންކަން ޤާނޫނު ތަންދޭ ގޮތުގެ މަތިން ވީހާވެސް ފުޅާދާއިރާއެއްގައި އެކަށައަޅައި އާލާކޮށް ދެމެހެއްޓުމާއި އަދި ޒިންމާދާރު ގޮތެއްގައި ހަރަކާތްތެރިވާ މީޑިއާއެއް ޤާއިމްކޮށްދީ މީޑިއާގައި ދިވެހި މުޖުތަމަޢު ޤަބޫލުކުރާ އެންމެމަތީ އަޚްލާޤީ ސުލޫކީ މިންގަނޑުތަކެއް ހިފަހައްޓާ މީޑިއާއެއް ރާއްޖޭގައި ޤާއިމުކޮށް ދެމެހެއްޓުމުގެ މަގުސަދުގައި އެކުލަވާލާފައިވާ ކައުންސިލެކެވެ.
ކައުންސިލު އެކުލެވިގެންވަނީ މީޑިއާގެ އިދާރާތައް ތަމްސީލުކުރާ 8 މެންބަރުންނާއި ޢާންމުންގެ ތެރެއިން އިންތިޚާބު ކުރެވޭ 7 މެންބަރުންނާއެކު ޖުމްލަ 15 މެންބަރުންގެ މައްޗަށެވެ.