އަސްކަރީ ޚިދުމަތުގައި 34 އަހަރަށްވުރެ ދިގު މުއްދަތެއްގައި އެތައް ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަލްމަރުޙޫމް މޭޖަރ ޢަލީ ސަލީމުގެ ޖަނާޒާ ރަސްމީ ޢިއްޒަތުގައި ރޭ ބާއްވައިފި އެވެ.
މަރުޙޫމް މޭޖަރ ޢަލީ ސަލީމުގެ ޖަނާޒާ ރަސްމީ ޢިއްޒަތުގައި ބާއްވާފައިވަނީ ރޭގެ އިޝާ ނަމާދަށް ފަހު މަސްޖިދުއްތަޢާވުން ‘އާސަހަރާ މިސްކިތު’ ގަ އެވެ.
ޢަސްކަރީ އާދަކާދައާއި އުޞޫލުތަކާ އެއްގޮތަށް ބޭއްވުނު މި ޖަނާޒާގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފާއި، ޖެނެރަލް އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ގިނަ ޢަދަދެއްގެ ސިފައިންނާއި އާންމުން ބައިވެރިވި އެވެ.
އަސްކަރީ ޚިދުމަތުގައި މަރުޙޫމް މޭޖަރ ޢަލީ ސަލީމް އަދާކުރައްވާފައިވާ މަޤާމުތަކުގެ ތެރޭގައި އެމްއެންޑީއެފް ސަދަން އޭރިއާގެ ޑެޕިއުޓީ ކޮމާންޑަރުގެ މަޤާމާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެެސްކިޔު ސަރވިސްގެ ޑެޕިއުޓީ ކޮމާންޑަރުގެ މަޤާމާއި ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުގެ ކޮމާންޑިންގ އޮފިސަރގެ މަޤާމު ހިމެނެ އެވެ.
މީގެ އިތުރުން އެމްއެންޑީއެފްގައި ހެދިފައިވާ އެކިއެކި ބޯޑުތަކާއި ކޮމިޓީތަކުގައިވެސް މަރުޙޫމް މޭޖަރ ޢަލީ ސަލީމްވަނީ ގިނަ ޚިދުމަތްތަކެއްކުރައްވާފަ އެވެ. އެގޮތުުން އެމްއެންޑީއެފް ވެލްފެއަރ ބޯޑާއި އެމްއެންޑީއެފް ސޭފްޓީ ބޯޑުގެ އިތުރުން ޓްރެއިނިންގ ރިސާރޗް އެންޑް އިވެލުއޭޝަން ކޮމިޓީގެ މެންބަރުކަން ވަނީ ކުރައްވާފައެވެ. އަދި އެމްއެންޑީއެފް ވެލްފެއަރ ބޯޑްގެ ވައިސް ޗެއަރމަންކަންވެސް ވަނީ ކުރައްވާފަ އެވެ.
މަރުޙޫމް މޭޖަރ ޢަލީ ސަލީމް ނިޔާވިއިރު ހުންނެވީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފައިނޭންސް ޕްރޮކިއުމަންޓް އެންޑް ލޮޖިސްޓިކްސްގެ ޑައިރެކްޓަރގެ މަޤާމުގަ އެވެ.