އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު، މޮރޮކޯގައި ހުންނަ ދުނިޔޭގެ އެންމެ ފުރަތަމަ ޔުނިވަރސިޓީ، ޖާމިޢަތުލް ޤަރަވިއްޔީނަށް ޒިޔާރަތްކުރައްވައިފިއެވެ.
އިސްލާމިކް މިނިސްޓަރގެ މި ޒިޔާރަތަކީ އެމަނިކުފާނު މިހާރު މޮރޮކޯއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރެއްވި ޒިޔާރަތެކެވެ.
މޮރޮކޯގެގެ އިރުއުތުރުގެ ސިޓީއެއްކަމަށްވާ ފެސްގައި ހުންނަ ޖާމިޢަތުލް ޤަރަވިއްޔީނަށް އިސްލާމިކް މިނިސްޓަރ ކުރެއްވި ޒިޔާރަތުގައި، އެ ޔުނިވަރސިޓީގެ ރައީސާ ވަނީ ބައްދަލުކުރައްވއިފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި އެ ޔުނިވަރސިޓީއާ ގުޅިގެން ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. މި ޔުނިވަރސިޓީ ނިސްބަތްވާ ފެސް ސިޓީއަކީ މޮރޮކޯގެ ޘަޤާފީ ވެރިރަށުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ސިޓީއެކެވެ.
އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު މޮރޮކޯއަށް ކުރައްވާ މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އުފައްދާފައިވާ ޖޮއިންޓް ކޮމިޝަންގެ މެންބަރުންގެ ފުރަތަމަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.
މި ޖޮއިންޓް ކޮމިޝަނަކީ 2019 ވަނަ އަހަރު ރާއްޖޭގެ އިސްލާމިކް މިނިސްޓްރީ އާއި، މޮރޮކޯގެ މިނިސްޓްރީ އޮފް ރިލިޖަސް އެންޑޯމަންޓް އެންޑް އިސްލާމިކް އެފެއަރޒާ ދެމެދު “އިސްލާމްދީން ކުރިއަރުވައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން” ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމަށްޓަކައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން އުފައްދާފައިވާ ޖޮއިންޓް ކޮމިޝަނެކެވެ.
ޖޮއިންޓް ކޮމިޝަންގެ ފުތަރަމަ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މޮރޮކޯގެ ރަބާތުގައެވެ. މި ދަތުރުފުޅުގައި އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރުގެ އަރިހުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒްގެ ނާއިބު ޝާފިޢު ޢަލީ އާއި، ޕާމަނަންޓް ސެކްރެޓަރީ އަޙްމަދު ޢަދީލް ބައިވެރިވެވަޑައިގަނެއެވެ.