ހަނިމާދޫގައި ހިންގާ ދަ ބައަރފޫޓް އިކޯ ހޮޓަލަށް އެފަރާތުން އެދިފައި ވާގޮތަށް ބިމެއް ދިނުމަށް އެ ހޮޓަލުން ހަނިމާދޫ ކައުންސިލުގައި އެދެފިއެވެ.
އެގޮތުން މިއަދު ބޭއްވި ހަނިމާދޫ ކައުންސިލްގެ 95 ވަނަ ބައްދަލުވުމުގައި ވަނީ އެފޮނުވި ސިޓީގައި ބުނެފައިވާގޮތަށް 1000 އަކަފޫޓަށް ވުރެެއް ބޮޑު ބިމެއް ދިނުމަށް މަޝްވަރާ ކުރުމަށް އެޖެންޑާ ކޮށްފައެވެ.
ކައުންސިލް އަލީ އިބުރާހިމާ، ނައިބުރައީސް ފިރާގު އަދި ހާރިޝާ ވަނީ އެ ބިން ދިނުމާމެދު ހިޔާލު ތަފާތުކަން ފާޅުކޮށްފައެވެ. އަދި ތިން މެންބަރުން އިއްތިފާގުވީ އެއްގޮތަކީ އެދިފައި ވާގޮތަށް ބިންދީފި ނަމަ ހަނިމާދޫގެ އެހެން ވިޔަފާރިތަކަށްވެސް ބިން އެފަދައިން ދޭން ޖެހޭނެ ކަމަށެވެ.
ވަކި މެންބަރަކު ހުށައެޅުމެއް ހުށައަޅާފައި ނުވާތީ ރިޔާސަތުން ވޯޓަށް އެހީ އެޖެންޑާގައި ވާގޮތަށް ދަ ބައަރފޫޓް އިކޯ ހޮޓަލުން ފޮނުވި ގޮތަށް ބިން ދިނުމަށެވެ. މި ވޯޓަށް އެއްވެސް މެންބަރަކު ތާއީދެއް ނުކުރެެއްވިއެވެ. އަދި އެގޮތަށް ބިން ދޭން ނުފެންނަ ކަމަށް ކައުންސިލް މެންބަރު އަލީ އިބުރާހިމް އަދި ނައިބުރައީސް ފިރާގު މުހައްމަދު ވަނީ ވޯޓުދީފައެވެ. ހާރިޝާ ވަކިގޮތަކަށް ވޯޓެއް ނުދެއްވައެވެ. މެންބަރު ނާޒިޔާ ހަސަން ޖަލުސާގައި ބައިވެރި ނުވެއެވެ.