ހދ. ހަނިމާދޫގައި 1000 ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
މިހަރަކާތް ފަށާފައި ވަނީ މިކަމަށްޓަކައި ހަނިމާދޫ ކައުންސިލް ކައިރީ މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ޕްރޮގްރާމް ފައްޓަވައިދެއްވީ ކައުންސިލުގެ ރައީސް އަބްދުއްސައްތާރު ހަސަންއެވެ.
މި ޕްރޮގްރާމުގެ ދަށުން މޭވާ އަޅާ ގަހާއި މާމެލާމެލި އަދި ހިޔާ ލިބޭ ޒާތުގެ ގަސް އަދި ޚާއްސަ ގޮތެއްގައި ހަނިމާދޫން ނެތެމުންދާ ދެ ބާވަތެއްގެ ގަސް ކަމަށްވާ “ކަނދު” އަދި “އުނި ގަސް” ގިނަ އަދަދަކަށް އިންދުމަށް ނިންމާފައިވާ ކަމަށް ހަނިމާދޫ ކައުންސިލްގެ އެގްޒެކެޓިވް އިބްރާހިމް އަލީއާ ހަވަލާދީ އޮންލައިން ނޫހެއްކަމަށްވާ “ތިލަދުން” ގައި ވަނީ ބުނެފައެވެ.
ހަނިމާދޫގައި 1000 ގަސް އިންދުމުގެ ޕްރޮގްރާމު ފެށުމުގެ ރަސްމިއްޔާތަށް ރަށުގެ ސަރުކާރު ވުޒާރަތަކާއި ކުލަބު ޖަމިއްޔާތަކަށް ދައުވަތު ދީފައި ވީނަމަވެސް ހަނިމާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް ދައުވަތު ދީފައި ނުވެއެވެ.
ސަރުކާރު ހިންގާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ރައީސް ނަޝީދުގެ ފަޅިއަށް އެ ކޮމެޓީ މެންބަރުން ދާއިދުކުރުމާ ގުޅިގެން އެ ކޮމެޓީގެ މެންބަރުން އަންނަނީ ކައުންސިލްގެ ހަރަކާތްތަކުން އެކަހެރިކުރަމުން ކަމަށް އެ ކޮމިޓީން މައުލޫމާތުދެއެވެ.