ތުއްތު ކުއްޖާއިން ފެށިގެން އެންމެ ދޮށީ ޢުމުރުގެ މީހާއާ ހަމައަށްވެސް ޕްލާސްޓިކަށް ނޫނެކޭ ބުނަންޖެހޭ: ރައީސް

ޚަބަރު ފަހުގެ

ތިމާވެށި ހެޔޮގޮތުގައި ރައްކާތެރި ކުރެވޭނީ އެންމެ ތުއްތު ކުއްޖާއިން ފެށިގެން އެންމެ ދޮށީ ޢުމުރުގެ މީހާވެސް ޕްލާސްޓިކަށް ނޫނެކޭ ބުނެގެންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ، ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާޞަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.

އިޝްތިހާރު
އިޝްތިހާރު

ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ދުނިޔޭގެ ތިމާވެށްޓާއި ޤުދުރަތީ ނިޒާމްތަކަށް އިންސާނުންގެ ޢަމަލުތަކުގެ ސަބަބުން ލިބެމުން އަންނަ ގެއްލުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައިއެވެ.

އެގޮތުން އެމަނިކުފާނުގެ ޚިޠާބުގައި ވިދާޅުވީ، ބިމުގެ ޤުދުރަތީ ސިފަތަކަށާއި އޭގެ މާޙައުލީ ނިޒާމަށް، އިންސާނީ ތާރީޚުގައިވެސް ނުލިބޭ ފަދަ ގެއްލުންތަކެއް މިހާރު ލިބެމުންދާކަމަށެވެ. އަދި ކުރިމަތިވަމުން އަންނަ ނުރައްކާތަކާއި ގެއްލުންތައް އަހަރުން އަހަރަށް އިތުރުވަމުން އަންނައިރު އެއީ އިންސާނުންގެ ދިރިތިބުމަށް އޮތް ނުރައްކާތަކެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ތިމާވެށްޓާއި ދުނިޔޭގައި ލައްވަވާފައިވާ ނިޒާމްތައް އޮޅުން ބޮޅުން ވިޔަ ނުދީ ރައްކާތެރި ކުރުމަކީ، ފަރުދީ ޒިންމާއެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ދުނިޔެއާ ރާއްޖެއަށްވެސް އޮތް ތިމާވެށީގެ އެންމެ ބޮޑު ނުރައްކަލަކީ، ޕްލާސްޓިކް އުފެއްދުންތަކުގެ ސަބަބުން ވެށި ތަޣައްޔަރުވަމުން ދިޔުންކަން ކަމަށެއެވެ.

އެގޮތުން ޕްލާސްޓިކް އުފެއްދުންތަކުން ވެށި ތަޣައްޔަރުވިޔަ ނުދިނުމަކީ ޢަޒުމަކަށް ހަދަން ޖެހޭކަމަށާއި، އެންމެ ތުއްތު ކުއްޖާއިން ފެށިގެން އެންމެ ދޮށީ ޢުމުރުގެ މީހާއާ ހަމައަށްވެސް ޕްލާސްޓިކަށް ނޫނެކޭ ބުނަންޖެހޭ ކަމުގައި އެމަނިކުފާނުގެ ޚިޠާބުގައި ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ، ކާނާގެ ރައްކާތެރިކަމާ ގުޅިފައިވާ މަސްކަނޑުތަކާއި ފަޅުތަކާއި ފަރުތައް، ޕްލާސްޓިކުން ތަޣައްޔަރުވިޔަ ނުދިނުމަށް މަސައްކަތް ކުރުމަކީ އަޅުގަނޑުމެން ކޮންމެ މީހެއްގެ ޒިންމާއެއްކަމަށެއެވެ. ނަމަވެސް މިކަންކަން ކުރެވޭނީ، ދިރިއުޅުމުގެ އެންމެހައި އާދަތައް، ތިމާވެށްޓާ ރަޙުމަތްތެރި ގޮތްތަކަށް ބަދަލުކޮށްގެންކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ތިމާވެށީގެ ރައްކާތެރިކަމަށްޓަކައި މިއަދު އަޅުގަނޑުމެން ޢަމަލީ މަސައްކަތްތަކެއް ނުކޮށްފިނަމަ، މާދަމާގެ ޖީލަށް އިރު ފެނުން ތޮޅިލާއިރު ވަގުތު ފާއިތުވެ، މި ބިމަކީ އިންސާނީ ދަރިފަސްކޮޅު ވަޒަންވެރިވެ އުޅުމަށް ނުރައްކާތެރި ތަނަކަށްވުމަކީ އެކަށީގެންވާ ކަމެއްކަމުގައި ރައީސްގެ ޚިޠާބުގައި ވަނީ ވިދާޅުވެފައެވެ.

މިހާރު އޮތް ނުރައްކާތެރި ޙާލަތުން ދުނިޔޭގެ ތިމާވެށި ޙިމާޔަތްކުރެވޭނީ، އެއީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކޮންމެ ކަމެއްގައި ލާމެހިފައިވާ ކަމަކަށް ހަދައިގެންކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ތިމާވެށި ޙިމާޔަތްކުރުމަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ އާދައެއް ކަމުގައި ހެދުން، އަދުގެ ޙާލަތު މިވަނީ އަޅުގަނޑުމެންގެ މައްޗަށް ލާޒިމުކޮށްފައިކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ