އަރަބިއްޔާ ސްކައުޓް ގުރޫޕުގެ “ޓުއަރ ޑި ބާ 2” ނިންމާލައިފި

ޚަބަރު ފަހުގެ

އަރަބިއްޔާ ސްކައުޓް ގްރޫޕުން އިންތިޒާމު ކޮށްގެން ބ. އަތޮޅު ގޮއިދޫގައި ބޭއްވި “ޓުއަރ ޑި ބާ 2” ކޭމްޕް ނިންމާލައިފިއެވެ.

މި ޖޫންމަހުގެ 13 އިން 18 އަށް ބޭއްވި މި ކެމްޕްގައި އަރަބިއްޔާ ސްކައުޓުންގެ އިތުރުން، ހުރަވީ ސްކޫލްގެ ސްކައުޓުންވެސް ބައިވެރިވިއެވެ.

އިޝްތިހާރު
އިޝްތިހާރު

އަރަބިއްޔާއިން 43 ސްކައުޓުން، ހުރަވީ ސްކޫލުން 38 ސްކައުޓުން، އަދި 26 ލީޑަރުންނާއި 10 ބެލެނިވެރިންނާއެކު މި ކޭމްޕްގައި ޖުމްލަ 117 ބައިވެރިން ބައިވެރިވިއެވެ.

މި ކޭމްޕްގެ ބައިވެރިން ކޭމްޕް ޖަހާފައިވަނީ ގޮއިދޫގެ މަޝްހޫރު ކައިޓް ބީޗް ސަރަހައްދުގައެވެ.

“ޓުއަރ ޑި ބާ 2” ކޭމްޕަކީ، އާންމުކޮށް ބާއްވާ ސްކައުޓް ކޭމްޕްތަކާ ތަފާތު، އެޑްވެންޗަރ އަދި އެކްސްޕްލޯރ ކުރުމުގެ ތަފާތު ހަރަކާތްތަކުގެ މައްޗަށް ބޭއްވި ކޭމްޕެކެވެ.

އެގޮތުން، މި ކޭމްޕްގައި ހިންގުނު ހަރަކާތްތަކުގެ ތެރޭގައި، ގޮއިދޫ އެކްޕްލޯރ ކުރުމާއި، ގޮއިދޫގެ ކުޅިތައް ބެލުމާއި، “ރީތިފެންކުޅި” އަށް ލިބިފައިވާ ގެއްލުންތައް ބަލައި ދެނެގަތުމުގެ އިތުރުން، ސްކައުޓް ހަރަކާތުގެ ހުނަރުތައް ތަރައްގީ ކުރުމުގެ އެތައް ޕްރޮގްރާމްތަކެއް ކޭމްޕްގެ ތެރެއިން ހިންގާފައި ވެއެވެ.

މީގެއިތުރުން، ގޮއިދޫގެ މުޖުތަމައަށް ޚިދުމަތެއް ކުރުމުގެގޮތުން ގޮއިދޫގެ ބީޗް ސާފްކުރުމާއި، ބަނދަރުތެރެ ސާފުކުރުމުގައި ސްކައުޓުން ބައިވެރިވުން ފަދަ ހަރަކާތްތައް ހިންގާފައި ވެއެވެ.

މި ކޭމްޕް ހިންގުމުގައި ގޮއިދޫ ސްކޫލާއި، ގޮއިދޫ ކައުންސިލާއި، ގޮއިދޫގެ މުއައްސަސާތަކުގެ ވަރަށް ފުރިހަމަ އެހީތެރިކަމެއް ލިބުނު ކަމަށް އަރަބިއްޔާ ސްކައުޓް ގްރޫޕުން މައުލޫމާތު ދެއެވެ.

މީގެއިތުރުން، ބ. ގޮއިދޫ ސްޕޯޓްސް އެންޑް ޔޫތު ޑިވެލޮޕްމަންޓް ސޮސައިޓީން ލިބުނު އެހީތެރިކަމާއި، އަދި ގޮއިދޫގެ އާންމު ރައްޔިތުންގެ ފަރާތުން ލިބުނު މެހްމާންދާރީވެސް އަރަބިއްޔާ ސްކައުޓް ގްރޫޕުން ފާހަގަކުރެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ