ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ އެހީގައި މިލަންދޫ ސްކޫލުގައި އައުޓްޑޯ ރީޑިން ޕާކެއް

ޚަބަރު ފަހުގެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ށ. މިލަންދޫ ސްކޫލުގައި ފޮތް ކިއުމަށް ހާއްސަކޮށް އައުޓްޑޯ ރީޑިން ޕާކެއް ގާއިމުކޮށްފިއެވެ.

ބީއެމްއެލުން ބުނީ މި ރީޑިން ޕާކު ތަރައްގީކޮށްފައިވަނީ އެ ރަށުގައި ހަރަކާތްތެރިވާ ޖަމިއްޔާއެއް ކަމަށްވާ މިލަންދޫ ސްޕޯޓްސް ކްލަބުން ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އައުޓްޑޯ ރީޑިން ޕާކު ތަރައްގީކޮށްފައި ވަނީ މިލަންދޫ ސްކޫލުގެ 75 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކަމަށް ބީއެމްއެލުން ބުނެއެވެ. ބީއެމްއެލުން ބުނެފައިވަނީ މި ޕްރޮޖެކްޓުގެ މަގުސަދަކީ ދަރިވަރުންނާއި ރަށުގެ ރައްޔިތުން ފޮތް ކިއުމުގެ ޝައުގު އުފެއްދުމާއި ފަސޭހަކަމާ އެކު ފޮތް ކިޔޭނެ މާހައުލެއް ގާއިމުކުރުމަށް ކަމަށެވެ.

“އަޅުގަނޑުމެންގެ އުންމީދަކީ މި ޕްރޮޖެކްޓްގެ ސަބަބުން ދަރިވަރުންނަށް ފޮތް ކިއުމަށް އެކަށީގެންވާ ރަނގަޅު މާހައުލެއް ގާއިމްކުރެވި ފޮތް ކިއުމުގެ މުހިންމުކަން ދަސްވުން. މި ޕްރޮޖެކްޓް ނިންމުމަށް ބީއެމްއެލް އަދި މިރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން ވެދެއްވި އެހީތެރިކަމަށްޓަކައި ޝުކުރު ދަންނަވަން،” -މިލަންދޫ ސްޕޯޓްސް ކްލަބުގެ ނައިބް ރައީސް އަހުމަދު ސަމީހު-

ބީއެމްއެލުން ހިންގާ ކޮމިއުނިޓީ ފަންޑުގެ ދަށުން މި އަހަރުގެ ފުރަތަމަ ފޭސްގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ޕްރޮޖެކްޓް ވަނީ ދާދިފަހުން ހޮވާފައި ކަމަށް އެ ބޭންކުން ބުނެއެވެ.

ބީއެމްއެލުން ބުނި ގޮތުގައި ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެއް ކަމުގައެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 90 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދެވިފައި ކަމަށް ބީއެމްއެލުން ބުނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ