ވެރިކަމުގައި އޮންނަ ޕާޓީއަކާއެކު މީގެކުރިން ކޯލިޝަން ހަދާނެ ޕާޓީއެއް ނުވާ ކަމަށާއި ފައިތުވި އިންތިޚާބުތަކުގައި އެކަން ފެނިގެން ގޮސްފިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވިއެވެ.
“އުފާވެރި އަމާން ރާއްޖެ” ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވީ މިއަދު ވެރިކަމުގައި ތިއްބެއްވީ ކޯލިޝަނަކާއެކު ކަމަށާއި މިއީ މުޅިން އަލަށް ކުރެވޭކަމެއް ކަމަށެވެ. އަދި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ދެ ޕާޓީން އެމްޑީޕީއާއެކު ކޯލިޝަން ހަދާފައިވާ ކަމަށް ވިދާޅުވިއެވެ.
ކުރީގެ ވެރިކަންތަކުގައި ސަރުކާރަށް ތާއިދުނުކުރާ ކޮންމެ ސިޔާސީ މީހަކު އިންނަން ޖެހުނީ ޖަލުގައި ކަމަށާއި ނޫސްވެރިންގެ ގަލަމުގެ ދޯރި ނެގުމަކީ އޭރު ބިރުވެރިކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައްޔިތުން އޭރު ބޭނުންވީ ހަމަޖެހުން ކަމަށާއި އަސާސީ ހިދުމަތްތައް ކަމަށް ވިދާޅުވިއެވެ. ނޫސްވެރިންގެ ގަލަންތަކުގެ މިނިވަންކަން މި ސަރުކާރުން ދިން ކަމަށް ވިދާޅުވިއެވެ. ޒަމާންތަކެއްވަންދެން ނުލިބުނު މިނިވަންކަން ހޯދައިދިނީ މި ސަރުކާރުން ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބޭނުމަކީ ރައްޔިތުންނަށް މިހާރު ލިބެމުން އަންނަ އަމާންކަމާއި ހަމަޖެހުން ހިފެހެއްޓުން ކަމަށެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރަމަތިލެއްވުމަށް ލަފާ ދެއްވީ ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު އަލްމަރްހޫމް ހުސައިން ވަހީދު ކަމަށް ރައީސް ވިދާޅުވިއެވެ. ބައްދަލުވެވަޑައިގަތް ކޮންމެ ފަހަރަކު ރިޔާސީ އިންތިޚާބަށް ކުރިމަތި ލެއްވުމަށް އެބޭފުޅާ ބާރު އެޅުއްވި ކަމަށް ވެސް ވިދާޅުވިއެވެ.
މިއަދު ލިބޭ ހަމަޖެހުމާއި އަމާންކަމުގެ އެންމެ ބޮޑު ސިއްރަކީ ކޯލިޝަން އޮތުން ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީސް ހިންގަވަމުން ގެންދަވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅު ވެވަޑައިގަންނަވާ ގޮތަކަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިސަރުކާރުން ޓީވީ ޗެނަލްތައް ޖޫރިމަނާކޮށް ނޫސްވެރިން ޖަލަށް ނުލާ ކަމަށް ރައީސް ވިދާޅުވިއެވެ.
2018 ވަނަ އަހަރުވީ ވައުދުގެ 90 އިންސައްތަ މަސައްކަތް ނިމި، ހިނގަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި މަޝްރޫއުތައް ކުރިއަށް ގެންދިޔައީ މުޅި ދުނިޔެ ހުއްޓިފައި އޮތް ދަނޑިވަޅެއްގައި ކަމަށް ވިދާޅުވިއެވެ.
ރަށްތަކާއި ފަޅުތައް ވިއްކައިގެން ލިބުނު ފައިސާ ދައުލަތުގެ ޚަޒާނައަށް ނުވަންނަ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ސަރުކާރުން ކުރި މަސައްކަތުން ދައުލަތުގެ ރިޒާވް އިތުރުވިކަން ފާހަގަކުރެއްވިއެވެ. ރާއްޖޭގެ އިޤްތިސާދު ދެގުނަ ވެގެންދާނެ މަންޒަރު ފެނިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އިތުރު ދައުރަކަށް ހޮވިވަޑައިގެންފިނަމަ ފޯކައިދޫގެ ބޮޑެތި މަގުތަކުގައި ތާރު އަޅާ ދެއްވާނެ ކަމަށާއި ފޯކައިދޫގައި ފްލެޓް ނޫނީ ރޯ ހައުސް އަޅުއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. ކުރިއަތް އޮތް ދައުރު ބިނާކުރާނީ އަމާންކަމާއެކު އިޤްތިސާދީ ބޮޑު ބަދަލެއް ގެނައުމަށް ކަމަށް ވެސް ވިދާޅުވިއެވެ.