ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި ބްރައިޓަން އަތުން ޗެލްސީއަށް މޮޅެއް

ކުޅިވަރު ފަހުގެ

އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗުން ބްރައިޓަން އަތުން ޗެލްސީ މޮޅުވެއްޖެއެވެ.

މިފަހަރުގެ އައު ސީޒަނާ ޗެލްސީން ކުރިމަތިލާފައިވަނީ ބޮޑެތި ބަދަލުތަކާއެކުއެވެ. އެގޮތުން އައު ސީޒަނަށް ޗެލްސީން ހަތް ކުޅުންތެރިއެއްގެ ސޮއި ހޯދިއިރު، އެޓީމުން ވަނީ މިހާތަނަށް މި ޓްރާންސްފާ ބާޒާރުގައި 200 މިލިޔަން ޕައުންޑް ޚަރަދުކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

މި ބަދަލުތަކާއެކު ކުޅުނު ޗެލްސީން ފުރަތަމަ މެޗުގައި ބްރައިޓަން އަތުން މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. އެކަމަކު މި މެޗުގައި ޗެލްސީއާ އަލަށް ގުޅުނު ކުޅުންތެރިންގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ފެނިފައެއް ނުވެއެވެ.

ބްރައިޓަންގެ ދަނޑުގައި ހޯމަ ދުވަހުގެރޭ ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޗެލްސީންނެވެ. މެޗުގެ 23 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު ޗެލްސީއަށް ކާމިޔާބުކޮށްދިނީ ޖޯޖީނިއޯއެވެ. މިއީ އޭރިއާ ތެރެއިން ޗެލްސީއާ އަލަށް ގުޅުނު ފޯވާޑް ޓިމޯ ވާނައަށް ބްރައިޓަންގެ ގޯލްކީޕަރު މަތިއު ރަޔަން ކުރި ފައުލަކަށް ރެފުރީން ދިން ޕެނަލްޓީއެކެވެ.

ފުރަތަމަ ހާފު ލީޑުގައި އޮވެ ޗެލްސީން ނިންމާލި ނަމަވެސް، ދެވަނަ ހާފު ފަށައިގެން 54 ވަނަ މިނެޓުގައި ބްރައިޓަނުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލެއޮނާޑޯ ޓްރޮސާޑެވެ. އެކަމަކު އޭގެ ދެ މިނެޓު ފަހުން ޗެލްސީގެ ޑިފެންޑަރު ރީސް ޖޭމްސް ކާމިޔާބުކުރި ރީތި ލަނޑުން އެޓީމުން ވަނީ އަލުން ލީޑު ނަގާފައެވެ. އަދި މެޗުގައި ޗެލްސީން ލީޑު ފުޅާކުރީ 66 ވަނަ މިނެޓުގައި ޖޭމްސް ނަގައިދިން ކޯނަރުން ކާޓް ޒޫމާ ކާމިޔާބުކުރި ލަނޑުންނެވެ.

ލީގުގައި ކުޅުނު ފުރަތަމަ މެޗުން ޗެލްސީ މޮޅުވިއިރު، ލީގުގައި ޗެލްސީން ދެން މެޗެއް ކުޅޭނީ އަންނަ އާދީއްތަ ދުވަހުގެރެއެވެ. އެރޭ ޗެލްސީ ނުކުންނާނީ އަމިއްލަ ދަނޑުގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާ ދެކޮޅަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ