އެމްޑީޕީ ރޫޅާލާނެ ކަމަށް އެ ޕާޓީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ދަ ޑިމޮކްރެޓްސްއަށް ސޮއި ކުރުމަށް އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ހާއްސަ ޖަލްސާގައި އެ ޕާޓީއަށް ސޮއިކުރުމަށްފަހު ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ ތެރޭގައި އެ މަނިކުފާނުގެ ވަރަށް ގާތް ރަހުމަތްތެރިން އެބަ ތިއްބެވި ކަމަށާއި އެ މަނިކުފާނުގެ ރަހުމަތްތެރިންނަށާއި އެމްޑީޕީގެ ހުރިހާ މެމްބަރުން ދަ ޑިމޮކްރެޓްސްއަށް ގުޅިވަޑައިގަތުމަށް ދައުވަތު ދެއްވާ ކަމަށެވެ.
“ތި ޕާޓީ އިރާދަކުރެއްވިއްޔާ އަޅުގަނޑު ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ތި ކެޔޮގަނޑުގެ ފޫ ވައް، ވެއްޓިއްޖެ” ޖޯޝާއި ފޯރީގައި ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީގައި މިހާރު ތިއްބެވި ބޭފުޅުންނަކީ އެސްއެމްއީ ލޯނަކަށް ނަފުސު ވިއްކާލައިގެން ތިއްބެވި ބޭފުޅުން ކަމަށެވެ. އަދި އެމްޑީޕީ އުފެއްދި ސިޔާސަތު މިހާރު ނެތް ކަމަށާއި އެ ސިޔާސަތަށް ތާއީދުކުރާ މީހުން މިހާރު ތިބީ ދަ ޑިމޮކްރެޓްސް އާއެކު ކަމަށް ވިދާޅުވި އެވެ.
އެމްޑީޕީން ވަކިވެވަޑައިގެންނެވުމަކީ ފަސޭހަފުޅު ކަމެއް ނޫން ކަމަށާއި އެއީ ވަރަށް އުނދަގޫ ނިންމުމެއްކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، އެމްޑީޕީ އުފެއްދި ފިކުރާއި ސިޔާސަތުން އެ ޕާޓީ އެއްކިބާވަމުންދާތީ އެ ޕާޓީން ވަކިވެވަޑައިގަންނަވަން ޖެހުނީ ކަމަށެވެ.