މޯލްޑިވްސް ޕޯޓްސް ލިމިޑެޓް، އެމް.ޕީ.އެލް ރީބްރޭންޑްކޮށް ކުންފުނީގެ އައު ލޯގޯއާއި ކުލަ ލޯންޗްކޮށްފިއެވެ.
އެމްޕީއެލްގެ އައު ލޯގޯއާއި ކުލަ ލޯންޗްކޮށްފައިވަނީ ރޭ ހެންވޭރު ދަނޑުގައި ބޭއްވި އެ ކުންފުނީގެ އަހަރީ “ސްޓާފް ނައިޓް” ގައެވެ.
މިއީ އެމްޕީއެލްގެ 36 އަހަރުގެ ތާރީޚުގައި އެ ކުންފުނި ރީބްރޭންޑްކުރި ފުރަތަމަ ފަހަރެވެ.
ކުރިން މޯލްޑިވްސް ޕޯޓްސް އޮޓޯރިޓީ، އެމް.ޕީ.އޭގެ ނަމުގައި ހިންގުމަށް ފަހު، 2008 ވަނަ އަހަރު އެމް.ޕީ.އޭ ކޯޕޮރަޓައިޒްކޮށް ސަރުކާރުގެ 100 އިންސައްތަ ހިއްސާ އޮންނަ ކުންފުންޏަކަށް ބަދަލުވިއެވެ. ނަމަވެސް މިހާތަނަށްވެސް އެމްޕީއެލްއިން ބޭނުންކުރަމުން ދިޔައީ މީގެ 27 އަހަރު ކުރިން ބޭނުންކުރަމުން ދިޔަ ލޯގޯއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.ޕީ.އެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ، 27 އަހަރު ވީ ލޯގޯ ބަދަލުކޮށް، ކުންފުނި ރީބްރޭންޑްކުރީ ޕޯޓުގެ ޚިދުމަތް ޒަމާނީ ކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ބައެއްގެ ގޮތުގައިކަމަށެވެ.
ޝާހިދު ވިދާޅުވީ، ޕޯޓުގެ ޚިދުމަތައް ކުރިއެރުންތަކެއް ލިބިއްޖެކަމަށާއި ވަރަށް ގިނަ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރެވިފައިވާކަމަށެވެ. ނަމަވެސް މިހާތަނަށް ކުންފުނީގެ ބްރޭންޑް އިމޭޖް އަދި ބްރޭންޑިންގ އެއް ހެދުމަށް އެއްވެސް މަސައްކަތެއް އޮތީ ނުކުރެވިކަން ޝާހިދު ފާހަގަކުރެއްވިއެވެ.
ޝާހިދު ވިދާޅުވިގޮތުގައި، ފާއިތުވި 4 އަހަރުގެ ތެރޭގައި ކުންފުނީގެ ހިންގުން ހަރުދަނާކޮށް ކޯޕަރޭޓް ގަވަނަންސް ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވެއެވެ.
އެމްޕީއެލް ރީބްރޭންޑް ކޮށްފައިވާއިރު، ރީބްރޭންޑިންގއަށް ގެނައި އެންމެ މުހިންމު އެއް ބަދަލަކީ ޕޯޓު އޮޕަރޭޝަންގެ އެކި ދާއިރާތަކާއި ގުޅޭގޮތުން ޔުނީފޯމު ތައްޔާރުރުންކަމަށް އެމްޕީއެލްއިން ބުނެއެވެ.
އެގޮތުން ޒަމާނީ ޕޯޓުތަކުގައި މިހާރު ބޭނުންކުރާގޮތަށް ޕޯޓުގެ އޮޕަރޭޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މިހާރު ވަކިން ވެސްޓް ލާންނުޖެހޭނެކަމަށް އެމްޕީއެލްއިން ބުނެއެވެ. އަދި މިހާރު ތައްޔާރުކޮށްފައިވާ ޔުނިފޯމްތަކުގައި “ހައި ވިޒިބިލިޓީ” ފަށްތައް ހިމެނިފައިވާނެކަމަށް އެމްޕީއެލްއިން ފާހަގަކުރެއެވެ.