5 ރަށެއްގެ ޢުމްރާނީ ތަރައްޤީއާއި ގުޅުންހުރި މަޝްރޫޢުތަކެއް ހިންގުމަށް އެމްޓީސީސީއަށް

ޚަބަރު ފަހުގެ

5 ރަށެއްގެ ޢުމްރާނީ ތަރައްޤީއާއި ގުޅުންހުރި މުހިންމު މަޝްރޫޢުތަކެއް ހިންގުމަށް ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާއި ޙަވާލުކުރައްވައިފިއެވެ.

އެކުުންފުންޏާއި ޙަވާލުކުރެއްވި 5 މަޝްރޫޢަކީ އއ. ހިމަންދޫ ގޮނޑުދޮށް ޚިމާޔަތްކުރުމާއި، ހއ. އުލިގަމު ބަނދަރު ބޮޑުކޮށް ގޮނޑުދޮށް ޚިމާޔަތްކުރުމާއި، ހއ. ކެލާ ނެރު ފުންކުރުމާއި ބޭރުތޮށި ހެދުމުގެ މަޝްރޫޢުގެ އިތުރުން، ހއ. ދިއްދޫ ބިން ހިއްކުމާއި، ހއ. ތުރާކުނު ބިން ހިއްކުމުގެ މަޝްރޫޢެވެ.

އިޝްތިހާރު
އިޝްތިހާރު

އެމް.ޓީ.ސީ.ސީއާ ޙަވާލުކުރެއްވި މަޝްރޫޢުތަކުގެ ތެރެއިން ހއ. ތުރާކުނު ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން އެރަށުން 8.16 ހެކްޓަރު ބިން ހިއްކާ، ހިއްކި ސަރަޙައްދު ޚިމާޔަތްކުރުމުގެ ގޮތުން 1215 މީޓަރުގެ ރިވެޓްމަންޓް ޖަހާނެއެވެ. މި މަސައްކަތް އެކުންފުންޏާއި ޙަވާލުކޮށްފައިވަނީ 630 ދުވަހުން މަސައްކަތް ނިންމާގޮތަށެވެ. މިއީ ދަޢުލަތުން 164 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރައްވައިގެން ހިންގަވާ މަޝްރޫޢެކެވެ.

ހއ. ދިއްދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން އެރަށުން ޖުމްލަ 26 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާއި ޙަވާލުކުރެއްވީ 360 ދުވަހުން ނިންމާގޮތަށް ޖުމްލަ 89.7 މިލިއަން ރުފިޔާއަށެވެ.

ހއ. ކެލާ ނެރު ފުންކުރުމާއި ބޭރުތޮށި ހެދުމުގެ މަސައްކަތް ސަރުކާރުން އެމް.ޓީ.ސީ.ސީއާއި ޙަވާލުކުރައްވާފައިވަނީ 300 ދުވަހުން ނިންމާގޮތަށެވެ. މި މަޝްރޫޢުގެ ދަށުން 16632 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 57750 ކިއުބިކް މީޓަރުގެ ނެރު ފުންކުރުމާއި، 36 މީޓަރުގެ ރިވެޓްމަންޓް ޖެހުމުގެ އިތުރުން، 20 މީޓަރުގެ ގްރޮއިން ޖަހާ، 309 މީޓަރުގެ ޖިއޯ ބޭގް ޖެހުންވެސް ހިމެނެއެވެ.

ހަމައެހެންމެ 6 ނެރުބައްތި ޖެހުންވެސް މީގެ ތެރޭގައި ހިމެނެއެވެ. މި މަޝްރޫޢަށް އެކަނިވެސް 18 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

އެމް.ޓީ.ސީ.ސީއާއި ހއ. އުލިގަމު ބަނދަރު ބޮޑުކޮށް ގޮނޑުދޮށް ޚިމާޔަތްކުރުމުގެ މަސައްކަތް ޙަވާލުކުރައްވާފައިވަނީ 600 ދުވަހުގެ ތެރޭގައި ހިންމާގޮތަށެވެ. މިއީ 79 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން 10400 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 46181 ކިއުބިކް މީޓަރުގެ އައު ބަނދަރު ފުންކޮށް، 21708 ކިއުބިކް މީޓަރުގެ ބަނދަރަށް ވަންނަ ނެރު ފުންކުރުން ހިމެނެއެވެ. ހަމައެހެންމެ ސޭންޑްފިލް ބްރޭކްވޯޓަރ ޖެހުމާއި 162 މީޓަރުގެ އެތެރެ ރިވެޓްމަންޓް އަދި 183 މީޓަރުގެ ބޭރު ރިވެޓްމަންޓް ޖެހުންވެސް ހިމެނެއެވެ. އަދި ދެންވެސް ބަނދަރުގައި ކުރަންހުރި މަސައްކަތްތަކާއި، ބަނދަރާއި އިންވެގެން 1900 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.

އެމް.ޓީ.ސީ.ސީއާއި މިއަދު ޙަވާލުކުރެއްވި އަނެއް މަޝްރޫޢަކީ އއ. ހިމަންދޫ ގޮނޑޮދޮށް ޚިމާޔަތްކުރުމުގެ މަޝްރޫޢެވެ. މިއީ 365 ދުވަހުގެ ތެރޭގައި ނިންމާގޮތަށް އެކުންފުންޏާއި ޙަވާލުކުރެވުނު މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން ހިމަންދޫ ގޮނޑޮދޮށް ގިރަމުންދާ ސަރަޙައްދުތަކުގައި 235 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ޖެހުމާއި، 20 މީޓަރުގެ ޖިއޯބޭގް ގްރޮއިންނާއެކު 110 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓް ޖަހާނެއެވެ. އަދި 60 މީޓަރުގެ ބޮޑުހިލަ ގްރޮއިންއާއެކު 180 މީޓަރުގެ ބޮޑުހިލަ ވައި ގްރޮއިން ޤާއިމުކުރުންވެސް މީގެ ތެރޭގައި ހިމެނެއެވެ. މިއީ 26 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރައްވައިގެން ހިންގާ މަޝްރޫޢެކެވެ.

މި 5 މަޝްރޫޢު އެމް.ޓީ.ސީ.ސީއާއި ޙަވާލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާޠިމަތު ޝާނާ ފާރޫޤެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް އޮޕަަރޭޓިންގ އޮފިސަރ ޝާހިދު ހުސައިން މޫސާއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ