އިމިގްރޭޝަން މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ފުޅާކުރުމާ ގުޅޭގޮތުން “މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ (އެމް.އޯ.ޔޫ) އޮން ކޯޕަރޭޝަން އޮން އިމިގްރޭޝަން މެޓަރސް” ގެ ނަމުގައި ދިވެހިރާއްޖެ އާއި އިންޑިއާއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
ހޯމަ ދުވަހު ފޮރިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު އަޙްމަދު ހުސައިން (ހަނަފީ)އެވެ. އަދި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ފޮރިން މިނިސްޓްރީގެ ޖޮއިންޓު ސެކްރަޓަރީ، ސުމާންތު ސިންގެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި މި އެއްބަސްވުމަކީ ދެޤައުމުގެ ދެމެދުގައި އިމިގްރޭޝަންގެ މަސައްކަތްތަކާ ގުޅުން ހުރި މަޢުލޫމާތު ބަދަލު ކުރުމަށާއި، ބޯޑަރ ކޮންޓްރޯލް މެނޭޖުމަންޓު އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ފޯރުކޮށްދެވެން ހުރި އެހީތެރިކަން ފޯރުކޮށްދިނުމަށް ވެވުނު އެއްބަސްވުމެއް ކަމަށެވެ. އެގޮތުން އިމިގްރޭޝަން ޚިދުމަތްތައްތަކާ ގުޅޭގޮތުން އޮފިސަރުން ތަމްރީނު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި އިންސާނީ ވަގުފާރިއާއި އެހެނިހެން އިމިގްރޭޝަނާ ގުޅުންހުރި ކުށްތައް މަދުކުރުމަށް ބޭނުންވާ އެހީތެރިކަން މި އެއްބަސްވުމުގެ ދަށުން ފޯރުކޮށްދެމުންދާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ މި ފަހުމުނާމާއަކީ ދެ ޤައުމުގެ ކަމާބެހޭ މުއައްސަސާތަކުގެ މެދުގައި ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބިގެންދާނެ ފުރުސަތެއް ކަމަށެވެ. އަދި މި މުހިންމު އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އިމިގްރޭޝަން އޮފިޝަލުންގެ ގާބިލުކަން އިތުރުކުރުމަށް ފުރުސަތުތައް މަގުފަހި ވެގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.