މިދިޔަމަހު ރާއްޖެއިން ފެނުނު ހިމަބިހި ޖެހިފައިވާ މިހާއާ ގުޅުމެއް ނެތް، ހިމަ ބިހީގެ އިތުރު ކޭސްއެއް ރާއްޖެއިން ފެނިއްޖެކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވެއްޖެއެވެ.
މިއީ މިއަހަރު ރާއްޖެއިން ހިމަބިހީގެ ކޭސް ފެނުނު 3 ވަނަ ފަހަރެވެ. ހިމަބިހީގެ ކޭސްއެއް އެންމެ ފަހުން ފެނުނީ މިދިޔަ ޖުލައިމަހުގެ 27 ވަނަ ދުވަހުއެވެ.
އެޗްޕީއޭއިން ވިދާޅުވީ ހިމަ ޖެހިގެން ރިޕޯޓްކޮށްފައިވަނީ އިއްޔެކަމަށާއި މިއީ ރާއްޖެއިން ބޭރުން އައިސްފައި މީހެއްކަމަށެވެ. އަދި އަލަށް ފެނުނު ކޭސްއާއި ގުޅިގެން އެހެން ފަހަރުތަކެކޭ އެއްފަދައިން، ބަލި ފެތުރުމުގެ ފުރުޞަތު ދެނެގަތުމާއި އޭނާއާ ކޮންޓެކްޓުވީ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށްް އެޗްޕީއޭއިން ވިދާޅުވެއެވެ.
މި ކޭސް މޮނިޓަރކޮށް މީސަލްސް ވެކްސިން ފުރިހަމަނުވާ ފަރާތްތަކަށް އަދި ބަލިޖެހުނު ފަރާތް ދިރިއުޅޭ ސަރަހައްދުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށްގެންދާނެކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެޗްޕީއޭއިން ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން މި ކޭސް އާއި، މިދިޔަ ޖުލައިމަހުގެ ފަހުކޮޅު ފެނިފައިވާ މީސަލްސް ކޭސް އާ ގުޅުމެއް ހުރިކަމަށް ބެލެވިފައި ނުވާކަމަށެވެ.
މީސްލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަވުމުން ބަލިޖެހުމުގެ ފުރުސަތު %97އަށް ކުޑަކޮށްދެއެވެ. އެހެންކަމުން ވެކްސިން ޖެހުމުން ބަލި ޖެހުމުގެ ފުރުސަތު ވަރަށް ބޮޑަށް ދަށްކޮށްދެއެވެ.
ރާއްޖެއިން ހިމަބިލި ނައްތާލެވިފައިވާކަމަށް ކަނޑައަޅާފައިވަނީ 2017 ވަނަ އަހަރުއެވެ. ނަމަވެސް އޭގެ ފަހުން އެކި އަހަރުތަކުގައި ހިމަބިހީގެ ކޭސްތައް ފެނިފައިވެއެވެ.