ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ޕްރޮސްތެޓިކް އަދި އޯތޮޓިކް މެނުފެކްޗަރިންގ ލެބޯޓްރީއެއް ހުޅުވައިފި
ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ޕްރޮސްތެޓިކް އަދި އޯތޮޓިކް މެނުފެކްޗަރިންގ ލެބޯޓްރީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ހުޅުއްވައިދެއްވައިފިއެވެ.
މި ލެބޯޓްރީއަކީ ބޭސްފަރުވާހޯދުމަށް ކުރަންޖެހޭ ދަތުރު ޚަރަދު ކުޑަކޮށް، ރާއްޖޭގައި ތިބެގެން މަތީ ފެންވަރުގެ ޞިއްޙީ ޚިދުމަތް ރާއްޖޭގެ އެކި ސަރަޙައްދުތަކުން ފޯރުކޮށްދީ ފެންވަރު ރަނގަޅު ގިނަ ކަންކަމަށް ފަރުވާކުރެވޭ ސްޕެޝަލިސްޓުން ތިބޭ އަދި ޒަމާނީ ވަޞީލަތްތައް ޤާއިމްވެފައިވާ ހޮސްޕިޓަލްތައް ޤާއިމްކުރުމުގެ ސިޔާސަތުގެ ދަށުން ހުޅުވި ލެބޯޓްރީއެކެވެ.
ހުޅުމާލެ ހޮސްޕިޓަލުގައި ޕްރޮސްތެޓިކް އަދި އޯތޮޓިކް މެނުފެކްޗަރިންގ ލެބޯޓްރީ ހުޅުއްވައިދެއްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މި ސަރުކާރުން އެންމެ އިސްކަމެއްދެއްވައިގެން ކުރައްވަމުގެންދަވާ މަސައްކަތަކީ ޞިއްޙީ ދާއިރާ ހަރުދަނާކޮށް އެއްވެސް މީހަކު ބާކީނުކޮށް އެންމެ ބޭނުންޖެހިފައިވާ މީހުންނަށް އެ ބޭނުންތައް ފުއްދައިދެއްވުން ކަމުގައެވެ. އެގޮތުން މިއަދު ހުޅުއްވައިދެއްވި ލެބުގެ ސަބަބުން ވަރަށް ގިނަ ބަޔަކަށް އެކަމުން ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ މި ލެބުގެ ސަބަބުން ރައްޔިތުންނަށް ލިބިގެންދާނެ ފައިދާތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.
ހަމަ އެއާއެކު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރާއްޖޭގެ ޞިއްޙީ ދާއިރާ ހަރުދަނާކުރެއްވުމަށް ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވައި އެމަސައްކަތްތަކުން ޙާޞިލްކުރެވިފައިވާ ކާމިޔާބީތައް ފާހަގަކުރައްވާފައެވެ. އަދި އެކަންކަމުގައި އެހީތެރިވެދެއްވި ފަރާތްތަކަށް އެމަނިކުފާނު ޝުކުރުއަދާކުރެއްވިއެވެ. މީގެ އިތުރުން ބޭރުގެ ފަރާތްތަކުން ރާއްޖޭގެ ޞިއްޙީ ދާއިރާ ހަރުދަނާކުރުމަށް ދެއްވާ އެއްބާރުލުން ފާހަގަކުރައްވާ މިއަދު ހުޅުއްވައިދެއްވި ލެބު ތަރައްޤީކުރުމުގައި އިންޑިއާ ސަރުކާރުން ވެދެއްވި ދީލަތިއެހީތެރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ހުރިހާ ސަރަޙައްދަކުން ޞިއްޙީދާއިރާގެ ޚިދުމަތްތަކާއި އެހެނިހެން މުހިންމު ޚިދުމަތްތައްތައް ތަރައްޤީކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.
ޕްރޮސްތެޓިކް އެންޑް އޯތޮޓިކް ލެބަކީ ޚާއްޞަ އެސިސްޓިވް ޑިވައިސްތައް ތައްޔާރުކުރެވޭނެހެން ޤާއިމްކޮށްފައިވާ ލެބެކެވެ. މީގެކުރިން ޕްރޮސްތެޓިކް ނުވަތަ އޯތޮޓިކް އެސިސްޓިވް ޑިވައިސްތައް ބޭނުންވާ ފަރާތްތަކަށް މި ތަކެތި ހޯދަމުން ދިޔައީ ރާއްޖެއިން ބޭރުންނެވެ. އަދި މިހާރު މި ވަޞީލަތްތައް ހުޅުމާލެ ހޮސްޕިޓަލުގައި ތައްޔާރު ކުރެވެން ފެށުމުން، މިކަމަށް ސަރުކާރުން ހޭދަކުރާ ޚަރަދުގެ 3 ގުނަ ސަލާމަތްކުރެވިގެންދާނެއެވެ. އަދި މިފަދަ ވަޞީލަތް ބޭނުންވާ ފަރާތްތަކަށް އެންމެ އަވަސް މިނުގައި މިތަކެތި ލިބުމުގެ ފުރުޞަތުވެސް ފަހިވެގެންދާނެއެވެ.
ކޮންމެ ޢާއިލާއެއްގެ ކޮންމެ މީހަކީ ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުންނަ މީހަކަށްވުމަށްޓަކައި ފުރިހަމަ ޞިއްޙީ ނިޒާމެއް ޤާއިމްކުރުމަކީ މި ސަރުކާރުގެ ސިޔާސަތެކެވެ.