އިންޑިއާއިން ރާއްޖެއަށް 3.85 ބިލިއަން ރުފިޔާ ދީފި

ޚަބަރު ފަހުގެ

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ކުރިމަތިވި އިޤްތިޞާދީ ގޮންޖެހުން އަރައިގަތުމަށް އިންޑިއާ ސަރުކާރުން ފޯރުކޮށްދެއްވާ 250 މިލިއަން އެމެރިކާ ޑޮލަރު (3.85 ބިލިއަން ދިވެހި ރުފިޔާ) ދިވެހި ސަރުކާރާ މިއަދު ހަވާލުކުރައްވައިފިއެވެ.މި އެހީއަކީ ކޮވިޑް-19 ގެ ސަބަބުން ރާއްޖެއަށް ލިބެމުންދާ އިގްތިސާދީ ގެއްލުންތައް ކުޑަކުރުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް އެދިވަޑައިގަތުމާ ގުޅިގެން ދެއްވާފައިވާ އެހީއެކެވެ.

އެހީގެ ރަމްޒީ ޗެކް، މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު އާ ހަވާލުކޮށްދެއްވީ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި ބޭއްވި ރަސްމިއްޔާތެއްގައި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު އެވެ.

އިޝްތިހާރު
އިޝްތިހާރު

250 މިލިއަން ޑޮލަރުގެ އެހީ އިންޑިއާ ސަރުކާރުން ފޯރުކޮށްދެއްވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް، ޓްރެޒަރީ ބޮންޑް ގަނެގެންނެވެ. މިއީ ކޮވިޑް-19ގެ ޙާލަތު ދިމާވިފަހުން ޤައުމަކުން ރާއްޖެއަށް ފޯރުކޮށްދޭ އެންމެ ބޮޑު އެހީއެވެ.

މި އެހީގެ ރަމްޒީ ޗެކް ހަވާލު ކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ވިދާޅުވީ އިންޑިއާއަކީ އަބަދުވެސް ދިވެހިރާއްޖޭގެ ގާތް އެކުވެރިއެއްކަމަށާއި، އެހީތެރިކަމެއް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދެނީ އިންޑިއާއިން ކަމަށެވެ.

މީގެ އިތުރުން ފަތުރުވެރިކަން މެދުކެނޑުމާ ގުޅުގެން ދައުލަތަށް ވަންނަ އާމްދަނީ ވަރަށް ބޮޑުތަނުން މަދުވެފައިވާ މިދަނޑިވަޅުގައި، މިއަދު އިންޑިއާއިން ފޯރުކޮށްދެއްވި އެހީގެ ސަބަބުން ދައުލަތަށް މިވަގުތަށް ބޭނުންވާ ފައިސާ ހަމަޖެހިގެންދާނެކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ފައިނޭންސް އިބްރާހިމް އަމީރު ވިދާޅުވީ އިންޑިއާއިން ފޯރުކޮށްދެއްވާ އެހީގެ ބޭނުންކުރެވޭނީ ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށާއި، ކޮވިޑް-19 ރެސްޕޮންސް ޕެކޭޖްތަކަށް ކަމަށެވެ.

މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއާއި، ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުގެ އިތުރުން އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު އާއި، ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ސީއީއޯގެ އިތުރުން ފޮރިން މިނިސްޓްރީ، ފިނޭންސް މިނިސްޓްރީ އަދި އިންޑިއާ ހައިކޮމިޝަންގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ