ދެކުނުގައި ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު 7 މީހުން ހައްޔަރުކޮށްފި

ޚަބަރު ފަހުގެ

ދެކުނުގެ ހަ ރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެތި ހޯދައި 7 މީހުން ހައްޔަރުކޮށް އެ މައްސަލަތައް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

އެގޮތުން މި މަހުގެ 24 ވަނަ ދުވަހު ތ. ކިނބިދޫ ޕޮލިސް ސްޓޭޝަނުން ރަށުތެރެ ޕެޓްރޯލް ކުރަމުން ދިޔައިރު އެ ރަށު ވަލުތެރޭގައި ބަނގުރާ ބޭނުންކުރަންތިބި ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި އެ މީހުން ތިބި ސަރަހައްދު ބަލައި ފާސްކުރިއިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި ހަތަރު ފުޅި (5ލ) ފެނިފައިވާކަމަށާއި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ދިވެހި އަންހެނެއްގެ އިތުރުން 29 އަހަރާއި 31 އަހަރާއި އަދި 41 އަހަރުގެ ދިވެހި ތިން ފިރިހެނުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ފުލުހުން ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫން ހުޅުމީދުއަށްދާ ފެރީއަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިމަހުގެ 24 ވަނަ ދުވަހު އޮޕަރޭޝަނެއް ހިންގާފައިވާކަމަށާއި ނަމަވެސް މި މައްސަލައާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވާކަމަށެވެ. ހުޅުމީދީ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، ފެރީގައި ހުރި ފޮށިގަނޑެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 30 ސެލޯފިންކޮޅު ފެނިފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ގދ. ގައްދޫގައިވެސް އޮޕަރޭޝަނެއް ހިންގާފައިވާކަމަށާއި ގައްދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، އެ ރަށު ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އެގެ ބަލާ ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ތިން ދަޅު ފެނިފައިވާކަމަށާއ،ި ނަމަވެސް މިމަހުގެ 23 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އަދި މި ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހުގެ ރޭ ގއ. ވިލިނގިލީގައި ހިންގި އޮޕަރޭޝަނުގައި 32 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ ވިލިނގިލި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ކުޑަ ދަޅެއް ފެނިފައިވާކަމަށެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ގަން ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން އައްޑޫ ސިޓީ ފޭދޫގައި ސެޕްޓެމްބަރ 23 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި 33 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާކަމަށާއި އެ އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބޮޑު ދެ ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ވިދަޅުވިއެވެ.

ސެޕްޓެމްބަރ 23 ވަނަ ދުވަހު އދ. ދަނގެތީގައިވެސް ދަނގެތި ޕޮލިސް ސްޓޭޝަނުން ވަނީ އޮޕަރޭޝަނެއް ހިންގާފައިވެއެވެ. އާންމު ފަރާތަކުން ދިން މައުލޫމާތަކާއި ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި 39 އަހަރުގެ މީހަކު ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 45 ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ