މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ އަހަރެމެން ދުނިޔެއަށް ފޮނުއްވުމަށްފަހު ޢިލްމު އުނގެނުމަށް ވަނީ އަންގަވާ ބާރުއަޅުއްވާފައެވެ. އެހެންކަމުން އަހަރެމެން މިކަން ކޮންމެހެންވެސް ކުރަން އެބަޖެހެއެވެ. ޢިލްމު އުނގެނުމުގައި، ނުވަތަ ދަސްކުރުމުގައި ތަފާތު މިންގަނޑުތަކާއި ތަފާތު ފެންވަރުތައް ވެއެވެ. އަދި އެކިމީހުނަށް ޢިލްމު އުނގެނުމުގައިވެސް ވަނީ ދެނެގަތުމުގެ އެކި ފެންވަރުތަކެވެ. ބައެއްމީހުނަކީ ވަރަށް ފަސޭހައިން ދަސްވާ މީހުންނެވެ. އަނެއްބައިމީހުނަކީ ދަސްކުރުމުގައި ކޮށި މީހުނެވެ. އަނެއްބައިމީހުނަކީ ވަރަށް އުނދަގުލުން ނުވަތަ ފަސޭހައިން ދަސްކުރިނަމަވެސް ދަސްކުރާ އެއްޗެހި ވަރަށްފަސޭހައިން ހަނދާންނެތޭ މީހުންނެވެ. މިއީ ޙާލަތެވެ. މިއިން ކޮންމެ ޙާލަތެއްގައިވެސް ﷲގެ ޙަޒުރަތުން ވާގިއެދެންޖެހެއެވެ. ޢިލްމު އިތުރުކޮށްދެއްވުމަށާއި ދަސްކުރަން ފަސޭޙަވުމަށާއި ދަސްކުރާ ތަކެތި ހަނދާނުގައި ހަރުލެއްވުން އެދި ﷲ އަށް ދުޢާކޮށް ޒިކުރު ކުރަންޖެހެއެވެ. މިގޮތުން މިފަހަރު އަޅުގަނޑަށް ރުޤުޔާގެތެރެއިން ޢިލްމު އިތުރުވުމަށާއި، ދަސްކުރަން ފަސޭހަވުމަށާއި، ހިތްއަލިވުމަށާއި، ދަސްކުރާތަކެތި ހަނދާން ހުރުމަށް އެނގިފައިވާ ރުޤުޔާކޮޅެއް ޢިލްމު އުނގެނޭ އެންމެނަށް ހަދިޔާކުރަމެވެ. ﷲ ގެ ހަޒުރަތުން ވާގިއެދި ޢިލްމުގައި ކުރިއަރައި ދާބައެއްކަމުގައި އަޅުގަނޑުމެން އެންމެންވެސް ވުންއެދި ﷲ އަށް ދުޢާދަންނަވަމެވެ.
1- މިތަން ކޮންމެ ދުވަހަކު 10 ފަހަރު ކިޔަވާށެވެ. ﷲ އިރާދަފުޅުން ޢިލްމު އިތުރުވެ ދަސްކުރަން ފަސޭހަވެ ހަނދާނުގައި ހަރުލާ ހުއްޓެވެ.
بِسَمِ اللهِ الرَّحْمَنِ الرَّحِيْمِ “فَفَهَّمْنَاهَا سُلَيْمَانَ ۚ وَكُلًّا آتَيْنَا حُكْمًا وَعِلْمًا ۚ وَسَخَّرْنَا مَعَ دَاوُودَ الْجِبَالَ يُسَبِّحْنَ وَالطَّيْرَ ۚ وَكُنَّا فَاعِلِينَ” (سورة الأنبياء 79) . ياَ حَيُّ يَا قَيُّومُ يَا رَبِّ مُوسَى وَ هَارُونَ يَا رَبِّ إِبْرَاهِيْمَ يَا رَبِّ مُحَمَّدًا صَلَّى اللهُ عَلَيْهِ وَسَلَّمَ اَكْرِمْنِيْ بِالْفَهْمِ وَارْزُقْنِيَ الْعِلْمَ وَالْحِكْمَةَ وَالْعَقْلَ بِحَقِّكَ يَا عَلِيْمْ. وَصَلَّى اللهُ عَلَى مُحَمَّدٍ وَآلِهِ وَصَحْبِهِ بِرَحْمَتِكَ يَا اَرْحَمَ الرَّاحِمِيْنَ .
ތަރުޖަމާ: ފަހެ، ތިމަން ރަސްކަލާނގެ ސުލައިމާނުގެފާނަށް އެ ޙުކުމް ވިސްނައިދެއްވީމެވެ. އަދި އެއިން ކޮންމެ ބޭކަލަކަށްމެ ޙިކްމަތާއި ޢިލްމުދެއްވީމެވެ. އަދި ދާވޫދުގެފާނާއިއެކުގައި، ތަސްބީޙް ކިޔާ ތަކެތިކަމުގައި، ފަރުބަދަތަކާއި، ދޫނިތައްލެއްވީމެވެ. އަދި ތިމްންރަސްކަލާނގެ (އެހުރިހާކަމެއް) ކުރެއްވީމެވެ. (سورة الأنبياء 79). އޭ ދިރިދެމިވޮޑިގެންވާ ވެރި އިލާހު!، އޭމޫސާގެފާނާއި ހާރޫނުގެފާނުގެ ވެރިރަސްކަލާކޮ!، އޭ އިބްރާހީމްގެފާނުގެ ވެރިރަސްކަލާކޮ!، އޭ މުޙައްމަދު (صَلَّى اللهُ عَلَيْهِ وَسَلَّمَ)ގެފާނުގެ ވެރިރަސްކަލާކޮ! އޭރަޙްމާނުވަންތަ ރަޙީމުވަންތަ ރަސްކަލާކޮ! އޭ މާތްﷲ! އިބަރަސްކަލާނގެ ރަޙްމަތްވަންތަކަމާއި ރަޙީމްވަންތަކަމުން، ޢިލްމުގެ ވެރި އިބަ ﷲގެ ޙައްޤުފުޅަށްޓަކައި ހެޔޮވިސްނުމުގެ މާތްކަން މިއަޅާއަށް ދެއްވާނދޭވެ!، އަދި މިއަޅާއަށް ޢިލްމާއި ޚިކްމަތްތެރިކަމާއި ބުއްދި ދެއްވާނދޭވެ. އަދި މުޙައްމަދުގެފާނަށާއި އެކަލޭގެފާނުގެ އާލު އަޞްޙާބުންނަށް ޞަލަވާތާއި ސަލާމް ލައްވާނދޭވެ.
މިތަން ކޮންމެ ދުވަހަކު 10 ފަހަރު ކިޔަވާށެވެ. ﷲގެ އިރާދަފުޅުން ޢިލްމު އިތުރުވެ ދަސްކުރަން ފަސޭހަވެ ހަނދާނުގައި ހަރުލާ ހުއްޓެވެ.
2- ކޮންމެދުވަހެއްގެވެސް ފަތިސްނަމާދުކޮށްގެން 100 ފަހަރު رَبِّ زِدْنِيْ عِلْمًا ”މާނައީ: އަޅުގެ ވެރިރަސްކަލާކޮ! އަޅުގެ ޢިލްމު އިތުރުކޮށްދެއްވާނދޭވެ!” މިފަދައިން ކިޔަވާށެވެ. އޭރުން ﷲ އިރާދަކުރެއްވިއްޔާ އެމީހެއްގެ ޢިލްމު އިތުރުކުރައްވާ، ޢިލްމުގައި ކުރިއެރުންދެއްވާ ޢިލްމުގެ މަގުތަށް ތަނަވަސް ކޮށްދެއްވާނެއެވެ. މިއީ ކިޔަވާކުދިން ކުރުން ވަރަށް މުހިއްމު ޒިކުރެކެވެ. ސުކޫލަށް ދާއިރުގައްޔާއި، ކޮންމެ ފިލާވަޅެއް ފެށޭއިރުވެސް މެއެވެ. ﷲ ވޮޑިގެންވަނީ އެކަލާންގެއަށް ދުޢާދަންނަވާ އަޅުންގެ ދުޢާ އިޖާބަކުރައްވާ ދީލަތި ރަސްކަލާންގެ ކަމުގައެވެ.
3- މިއާޔަތް ގިނަގިނައިން ކިޔެވުމުން ﷲ އިރާދަކުރެއްވިއްޔާ ހިތްއަލިވެ ދަސްކުރަންފަސޭހަވެ ހަނދާނުގައި ހަރުލައި ހުންނާނެއެވެ. މިއާޔަތް ގިނައިން ކިޔެވުމަށްފަހު އެގޮތަށް ދުޢާކުރާށެވެ.
اللَّهُ نورُ السَّمٰوٰتِ وَالأَرضِ ۚ مَثَلُ نورِهِ كَمِشكوٰةٍ فيها مِصباحٌ ۖ المِصباحُ فى زُجاجَةٍ ۖ الزُّجاجَةُ كَأَنَّها كَوكَبٌ دُرِّىٌّ يوقَدُ مِن شَجَرَةٍ مُبٰرَكَةٍ زَيتونَةٍ لا شَرقِيَّةٍ وَلا غَربِيَّةٍ يَكادُ زَيتُها يُضيءُ وَلَو لَم تَمسَسهُ نارٌ ۚ نورٌ عَلىٰ نورٍ ۗ يَهدِى اللَّهُ لِنورِهِ مَن يَشاءُ ۚ وَيَضرِبُ اللَّهُ
الأَمثٰلَ لِلنّاسِ ۗ وَاللَّهُ بِكُلِّ شَيءٍ عَليمٌ ﴿سورة النور ٣٥﴾
މާނައީ: ” اللَّه އީ، އުޑުތަކާއި، ބިމުގެ نور އެވެ. އެކަލާނގެ نور ފުޅުގެ مثال އަކީ، އެއްފަރާތުން އަނެއްފަރާތަށް ފޫވެއްޓިފައިނުވާ، އާނގެއްގެ مثال އެވެ. އެ އާނގުގެ ތެރޭގައި، ބައްތިއެއްވެއެވެ. އެ ބައްތިވަނީ ބިއްލޫރިގަނޑެއްގެ ތެރޭގައެވެ. އެ ބިއްލޫރިގަނޑު، ރަންމުތުގެ ތަރިއެއްފަދައެވެ. އެ ބައްތި ދިއްލެނީ، بركات ތެރި ޒައިތޫނި ގަހަކުންނެވެ. އިރުމަތީގެ ގަހެއްނޫނެވެ. ހުޅަނގުގެ ގަހެއްވެސް ނުމެނޫންމެއެވެ. އެ ގަހުގެ ތެޔޮ، އޭގައި އަލިފާން ނުބީހުނަސް އަލިކުރާން ގާތްވެފައިވެއެވެ. އަލިކަމެއްގެ މައްޗަށްހުރި އަލިކަމެކެވެ. އަދި اللَّه، އެކަލާނގެ އިރާދަކުރެއްވި މީހަކަށް، އެކަލާނގެ نور ފުޅަށް މަގުދައްކަވަތެވެ. އަދި اللَّه، މީސްތަކުންނަށް مثال ތައް ޖައްސަވައިދެއްވަތެވެ. اللَّه އީ، ކޮންމެކަމެއްމެ، މޮޅަށްދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.”
4- މިއާޔަތް ކޮންމެ ދުވަހަކު ފަތިސްނަމާދަށްފަހު ގިނައިން ކިޔަވާށެވެ. އޭރުން ﷲ އިރާދަކުރެއްވިއްޔާ
ދަސްކުރާ ތަކެތި ހަނދާންނުނެތޭނެއެވެ.
إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ ﴿ سورة الحجر ٩﴾
މާނައީ: “ހަމަކަށަވަރުން، قرآن ބާވައިލެއްވީ، ތިމަންރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެ قرآن ރައްކާތެރި ކުރައްވާހުށީމެވެ.
މިރުޤްޔާތަކަކީ ޢިލްމު އުނގެނޭ އެއްމެނަށްވެސް މުހިއްމު އަދި އެއިން ހެޔޮފައިދާ ލިބިގަންނާނެ ރުޤުޔާތަކެއްކަމުގައި އުއްމީދުކުރަމެވެ. މާތް ﷲ އަޅުގަނޑުމެން އެންމެންގެ ޢިލްމު އިތުރުކުރައްވާށިއެވެ. އެންމެ މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲ އެވެ.