ގިސްލައި ރޮނީއެ ބަޠަލުން ޤުރުބާންވި ހުރުމަތުން
ފަސްދާނު ލެވުނު ބިން، އޮތް ފެނިދާތި ހާލަތުން
އޮތް އެދުހު ރިވެތި ޚުލްޤާ، އަޚްލާޤު ލިޔެވިފާ
ފޮތްތައް މިހާރު ނުކިޔާ، މިވެރީން އުޅޭ ގޮތުން
އަމަނާއި ޢަދުލު އިންސާފް ހިނގަނީހެ ޣަފްލަތުން
ޤަމަތާއި ބަންގި ދޭއިރު ބިރުނެތި ވެޒީނަތުން
ތެދުވެރި ނިޔާ ޙުކުމްތައް މެދުވެރިވި ކުރިމަތިން
ވެދުމާއި މުށުތެރޭގާ ފުދިގެންފި ޖާފަތުން
ޤަދަރާއި އިޙްތިރާމާ ލިބިދިން މިބިންމަތިން
އަދަބެއް ފުރާންހެ އެތިބީ ހުރަގޭގެ ހަރުފަތުން
ސުލްޙައިގެ ފަށުވި ފޭރާން ދުށް ސާފު ހުދު މުތީން
ޒުލްމާ އެތޫނު ކަމުގައި ވީދައިފިޔޭ ދަތުން
ޙައްޤާއި އަނެކުނަށް ދިން ރަޙުމާއި ޙުރުމަތާ
ބައްދައި ނަގައިލި ބޮސްދީ ބާޠިލްގެ ތުންފަތުން
އަޚުނާ އަޚުންގެ ގުޅުމާ އޮތް ރީތި ބަދަހިވީ
ތަޚުތާއި ހެދި މަޤާމާ ބީވެއްޖެ އުންމަތުން
ކަރުނައިގެ ނޫން މަޤާމެއް މިބިމަށްޓަކައި ކޮބާ؟
ތަރުހީބުގައި ތިބާމެން އުފުލައިލަދިން އަތުން