ޑެންމާކް އަތުން އިންގްލެންޑް ބަލިވިއިރު، އިޓަލީ އާއި ނެދަލެންޑްސް އެއްވަރު

ކުޅިވަރު ފަހުގެ

ޔުއެފާ ނޭޝަންސް ލީގުގައި ބުދަ ދުވަހުގެރޭ ޑެންމާކް އަތުން އިންގްލެންޑް ބަލިވިއިރު، އިޓަލީ އާއި ނެދަލެންޑްސް ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

ލީގު އޭ ގްރޫޕް ދޭއްގައި ކުޅުނު މެޗުން ޑެންމާކް އަތުން އިންގްލެންޑް ބަލިވީ 1-0 ންނެވެ.

އިޝްތިހާރު
އިޝްތިހާރު

އިންގްލެންޑުގެ ވެމްބްލީ ސްޓޭޑިއަމުގައި ކުޅުނު މި މެޗުގައި އެ ގަައުމުގެ ފަރާތުން ފެނިގެންދިޔައީ އާދައިގެ ކުޅުމެކެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފުގައި އިންގްލެންޑުގެ ޑިފެންޑަރު ހެރީ މެގުއާއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމާ ގުޅިގެން އެ ޓީމުން މި މެޗުގެ ބޮޑުބައި ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

މެގުއާއަށް ރަތް ކާޑު ދެއްކިތާ ހަތަރު މިނެޓު ފަހުން ޑެންމާކުން ވަނީ ލީޑު ނަގާފައެވެ. މެޗުގެ 35 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު ޑެންމާކަށް ޖަހައިދިނީ ކްރިސްޓިއަން އެރިކްސަނެވެ. މިއީ އޭރިއާ ތެރެއިން ޑެންމާކުގެ ތޯމަސް ޑެލަނީއަށް އިންގްލެންޑުގެ ކައިލް ވޯކާ ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

މީގެ އިތުރުން މި މެޗުގެ އިތުރު ވަގުތުގައި އިންގްލެންޑުގެ ރީސް ޖޭމްސްއަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ.

ލީގު އޭ ގްރޫޕް ދޭއްގައި ހިމެނޭ އިންގްލެންޑް ބަލިވުމާއެކު، އަންގާރަ ދުވަހުގެރޭގެ މެޗު ކަމިޔާބުކޮށް ބެލްޖިއަމް ވަނީ މި ގްރޫޕުގެ އެއްވަނައަށް ޖެހިލާފައެވެ. ބުދަ ދުވަހުގެރޭ އައިސްލެންޑް އަތުން 2-1 ން މޮޅުވި ބެލްޖިއަމް ގްރޫޕްގެ އެއްވަނައިގައި އޮތީ ހަތަރު މެޗުން ނުވަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ޑެންމަކާއި ތިންވަނައިގައި އޮތް އިންގްލެންޑަށް ހަތަރު މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. އަދި ފުލުގައި އޮތް އައިސްލެންޑަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ލީގު އޭ ގްރޫޕް އެކެއްގައި ހިމެނޭ އިޓަލީ އާއި ނެދަލެންޑްސް ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ންނެވެ.

އިޓަލީގައި ކުޅުނު މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އެ ގައުމުންނެވެ. މި މެޗުގެ 16 ވަނަ މިނެޓުގައި އިޓަލީއަށް ލީޑު ނަގައިދިނީ ލޮރެންޒޯ ޕެލެގްރިނީއެވެ. އެކަމަކު މެޗުގެ 35 ވަނަ މިނެޓުގައި ނެދަލެންޑްސްއިން ވަނީ ނަތީޖާ އެއްވަރުކޮށްދީފައެވެ. މި ލަނޑު އެ ގައުމަށް ކާމިޔާބުކޮށްދިނީ ޑޮނީ ވެން ޑަ ބީކެވެ.

އިޓަލީ އާއި ނެދަލެންޑްސް އެއްވަރުވިއިރު، މި ގްރޫޕުގައި ހިމެނޭ ޕޮލެންޑް ވަނީ ބުދަ ދުވަހުގެރޭ ބޮސްނިއާ އަތުން 3-0 ން މޮޅުވެ ގްރޫޕުގެ އެއްވަނައަށް ޖެހިލާފައެވެ. ޕޮލެންޑަށް ކުޅުނު ހަތަރު މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް އިޓަލީއަށް ހަތަރު މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. އަދި ތިންވަނައިގައި އޮތް ނެދަލެންޑްސްއަށް ހަތަރު މެޗުން ފަސް ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ބޮސްނިއާއަށް ހަތަރު މެޗުން ދެ ޕޮއިންޓް ވަނީ ލިބިފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ