ހުވަފެނުގެ ޙަޤީޤަތް -1

އިޖުތިމާޢީ ފަހުގެ ދީން ޞިއްހަތު

ހުވަފެނަކީ ތިމާ އޭގެ ސަބަބުން، ބިރުވެރިކަމެއްގެ ގެރެއަށް ނުވަތަ ފޮނި އުއްމީދުތަކަކާއި ޚިޔާލުތަކެއްގެ ތެރެއަށް ހޭލައްވާލަދޭ ކަމެކެވެ. ފެންނަ ހުވަފެނެއްގެ ސަބަބުން ތިމާގެ އެދުވަސް ބިރުވެރި ނުވަތަ މާޔޫސީ ވިސްނުންތަކެއްގައި ހޭދަކުރުވައެވެ. އަނެއްބައިފަހަރަށް އެދުވަހަކީ ތިމާ އާދަޔާ ޚިލާފަށް އުފާވެރިކަމާއިއެކު ހެލިފެލިވެ އުޅޭ ދުވަހެއްކަމުގައި ވެގެންދެއެވެ. މިއީ އިންސާނާގެ ޙަޔާތުގައި ކޮންމެ ރެއަކު ނުވަތަ ދުވަހަކު ވާނޭ ކަންކަމެއްނޫނެވެ. ބައެއް މީހުން ހުވަފެނުގައި ކޮންމެ އެއްޗެއް ފެނުނަސް އެފެނުނު އެއްޗެއްގެ މައްޗަށް ބަރޯސާވެއެވެ. ނަމަވެސް އެބަރޯސާވި ކަންތައް އެއީ ޝައިޠާނީ ކުޅިވަރެއްކަމުގައިވެސް ވެދާނެއެވެ. އަނެއްބައިފަހަރު އެއީ ޙަޤީޤަތުގައިވެސް ބަރޯސާވެވޭފަދަ ތެދު ހުވަފެނަކަށްވެސް ވެދާނެއެވެ. އެހެންކަމުން ހުވަފެނުގެ ޙަޤީޤަތަކީ ކޮބައިތޯ ބަލައިލުން ވަރަށްވެސް މުހިއްމެވެ. ނިދީގައި މީހުނަށް ފެންނަ ކަންތައްތައް ދެޙާލަތުންކުރެ ކޮންމެވެސް އެއް ޙާލަތަކުން މެދުވެރިވެއެވެ.

1- ހުވަފެން ނުވަތަ ރަނގަޅު ހުވަފެން
2- ނުބައި ހުވަފެން

އިޝްތިހާރު
އިޝްތިހާރު

ނުބައި ހުވަފެން ދެބަޔަކަށް ބެހިގެން ވެއެވެ. އެއީ:

1- ޝައިޠާނާގެ ބިރު ގެންނެވުން.
2- ސިކުނޑީގައި ހުންނަ ޚިޔާލުތަކުގެ ސަބަބުން ފެންނަ ފެނުން.

އެހެންކަމުން އަހަރެމެންނަށް ފެންނަ ހުވަފެން ތިން ބަޔަކަށް ބަހާލެވިދާނެއެވެ. އެއީ:

  • ﷲ ގެ ހަޒުރަތުން އަންނަ ހެޔޮ ހުވަފެން.
  • ބިރުގެންނެވުމަށް ޓަކައި ޝައިޠާނާގެ ފަރާތުން އަންނަ ނުބައި ހުވަފެން.
  • ސިކުނޑީގައި ހުންނަ ޚިޔާލުތަކުގެ ސަބަބުން ފެންނަ ހުވަފެން.

ހުވަފެނުގެ މި ތިންބައި ވާކަމަށް، ޞަޙީޙް މުސްލިމްގައި އަބޫ ހުރައިރާގެ އަރިހުން ރިވާވެގެންވާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ބަސްފުޅުގައި ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

( إِذَا اقْتَرَبَ الزَّمَانُ لَمْ تَكَدْ رُؤْيَا الْمُسْلِمِ تَكْذِبُ وَأَصْدَقُكُمْ رُؤْيَا أَصْدَقُكُمْ حَدِيثًا وَرُؤْيَا الْمُسْلِمِ جُزْءٌ مِنْ خَمْسٍ وَأَرْبَعِينَ جُزْءًا مِنَ النُّبُوَّةِ وَالرُّؤْيَا ثَلاثَةٌ :فَالرُؤْيَا الصَّالِحَةِ بُشْرَى مِنَ اللَّهِ ، وَرُؤْيَا تَحْزِينٌ مِنَ الشَّيْطَانِ ، وَرُؤْيَا مِمَّا يُحَدِّثُ الْمَرْءُ نَفْسَهُ ، فَإِنْ رَأَى أَحَدُكُمْ مَا يَكْرَهُ فَلْيَقُمْ فَلْيُصَلِّ وَلا يُحَدِّثْ بِهَا النَّاسَ(.. މާނައީ: ޤިޔާމަތް ދުވަސް ކައިރި ވުމުން، .މުސްލިމުންނަށް ފެންނަ ހުވަފެން ދޮގުނުވެ އެވެ. އެންމެ ހުވަފެން ސީދާ މީހަކީ އެންމެ ތެދުވެރި މީހާ އެވެ. މުސްލިމުންނަށް ފެންނަ ހުވަފެނަކީ ނަބީކަމުގެ 45 ބައިކުޅަ އެއް ބައެވެ. އަދި ހުވަފެން ވަނީ ތިން ބަޔަކަށެވެ. ( ތިން ވައްތަރުގެ ހުވަފެން ވެއެވެ.) ﷲގެ ހަޒުރަތުން އަންނަ ހެޔޮ ރަނގަޅު ހުވަފެނާއި (ބަޝާރަތު)، ހާސްކަމާއި ބިރުވެރިކަން އުފައްދާ ޝައިޠާނާގެ ފަރާތުން އަންނަ ހުވަފެނާއި، މީހާ ވިސްނާ ކަންކަމުގެ ސަބަބުން ފެންނަ ހުވަފެނެވެ. އަދި ތިޔަބައިމީހުންކުރެ މީހަކަށް އެމީހަކު ނުރުހޭ ހުވަފެނެއް ފެނިއްޖެ ނަމަ ފަހެ ތެދުވެ ނަމާދުކުރާށެވެ. އަދި އެހުވަފެނުގެ ވާހަކަ މީހުން ކައިރީ ނުދައްކާށެވެ.

އަވްފް ބިން މާލިކްގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ( إِنَّ الرُّؤْيَا ثَلاثٌ : مِنْهَا أَهَاوِيلُ مِنَ الشَّيْطَانِ لِيَحْزُنَ بِهَا ابْنَ آدَمَ ، وَمِنْهَا مَا يَهُمُّ بِهِ الرَّجُلُ فِي يَقَظَتِهِ فَيَرَاهُ فِي مَنَامِهِ ، وَمِنْهَا جُزْءٌ مِنْ سِتَّةٍ وَأَرْبَعِينَ جُزْءًا مِنَ النُّبُوَّةِ ) صحيح سنن ابن ماجه 3155 . މާނައީ: ތިން ވައްތަރުގެ ހުވަފެން ވެއެވެ. އޭގެ ތެރެއިން ބައެއް ހުވަފެނަކީ ޝައިޠާނާގެ ފަރާތުން އަންނަ އާދަމުގެ ދަރީން ބިރު ގެންނެވުމަށްޓަކައި ޝައިޠާނާ ދައްކާ ނުބައި/ބިރުވެރި ހުވަފެނެވެ. އަދި ބައެއް ހުވަފެނަކީ، މީހާ ހޭލާ ހުންނަ އިރު އޭނާ ވިސްނާ ފިކުރު ކުރާ ކަންތަކުގެ ސަބަބުން ފެންނަ ހުވަފެނެވެ. އަދި ބައެއް ހުވަފެނަކީ ނަބީކަމުގެ ސާޅީސް ހަބައެވެ.

އަބޫ ހުރައިރާގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. (الرُّؤْيَا ثَلاثٌ : فَبُشْرَى مِنَ اللَّهِ ، وَحَدِيثُ النَّفْسِ ، وَتَخْوِيفٌ مِنَ الشَّيْطَانِ فَإِنْ رَأَى أَحَدُكُمْ رُؤْيَا تُعْجِبُهُ فَلْيَقُصَّ إِنْ شَاءَ وَإِنْ رَأَى شَيْئًا يَكْرَهُهُ فَلا يَقُصَّهُ عَلَى أَحَدٍ وَلْيَقُمْ يُصَلِّي ) صحيح سنن ابن ماجه 3154 . މާނައީ: ހުވަފެން ވަނީ ތިންބަޔަކަށެވެ. ﷲގެ ހަޒުރަތުން އަންހަ ހެޔޮ ހުވަފެނާއި، މީހާގެ ސިކުނޑީގައި ހުންނަ ޚިޔާލުތަކުގެ ސަބަބުން ފެންނަ ހުވަފެނާއި، ޝައިޠާނާގެ ފަރާތުން އަންނަ ބިރު ގަންނަވާ ހުވަފެނެވެ. ތިޔަބައިމީހުންކުރެ މީހަކަށް އެމީހަކު ރުހޭ ހުވަފެނެއް ފެނިއްޖެނަމަ، އެވާހަކަ އޭނާ ބޭނުންނަމަ މީހުން ކައިރީ ބުންޏަސް އެންމެ ރަނގަޅެވެ. ނަމަވެސް އޭނާ ނުރުހޭ ހުވަފެނެއް ފެނިއްޖެނަމަ، އޭނާ އެވާހަކަ އެކަކު ކައިރީވެސް ނުބުނާށެވެ. އަދި އޭނާ ތެދުވެ ނަމާދު ކުރާށެވެ. ހުވަފެން ފެނުމުން ކަންތައް ކުރަންވީ ގޮތް އަންނަނިވި ޞަޙީޙް އެތައް ޙާދީޘެއްގައި ބަޔާންވެގެން ވެއެވެ. 1- عن أبي قتادة قال : قَالَ النَّبِيُّ صَلَّى اللَّه عَلَيْهِ وَسَلَّمَ : ( الرُّؤْيَا الصَّالِحَةُ مِنَ اللَّهِ وَالْحُلُمُ مِنَ الشَّيْطَانِ فَإِذَا حَلَمَ أَحَدُكُمْ حُلُمًا يَخَافُهُ فَلْيَبْصُقْ عَنْ يَسَارِهِ وَلْيَتَعَوَّذْ بِاللَّهِ مِنْ شَرِّهَا فَإِنَّهَا لا تَضُرُّهُ ) رواه البخاري 3292 މާނައީ: އަބޫ ޤަތާދާ ވިދާޅުވިކަމަށް ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ރަނގަޅު ހުވަފެން އަންނަނީ ﷲގެ ހަޒުރަތުންނެވެ. އަދި ނުބައި ހުވަފެން އަންނަނީ ޝައިޠާނާގެ ފުށުންނެވެ. އަދި އެއްވެސް މީހަކަށް އެމީހަކު ބިރުގަންނަ ނުބައި ހުވަފެނެއް ފެނިއްޖެނަމަ، ﷲ ގެ ހަޒުރަތުން އެ ހުވަފެނެއްގެ ނުބައިކަމުން ރައްކާތެރިކަމަށް އެދި، އޭނާގެ ވާތްފަރާތަށް ހިކިކޮށް ކުޅު ޖަހާށެވެ. (ކުޑަކޮށް ކުޅު ބުރާގޮތަށް ފުމެލާށެވެ.) އެއިރުން އެހުވަފެނުން އޭނާއަށް ގެއްލުމެއް ނުފޯރާނެއެވެ.

2- عَنْ أَبِي سَلَمَةَ قَالَ كُنْتُ أَرَى الرُّؤْيَا أُعْرَى مِنْهَا غَيْرَ أَنِّي لا أُزَمَّلُ حَتَّى لَقِيتُ أَبَا قَتَادَةَ فَذَكَرْتُ ذَلِكَ لَهُ فَقَالَ سَمِعْتُ رَسُولَ اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ يَقُولُ : ( الرُّؤْيَا مِنَ اللَّهِ وَالْحُلْمُ مِنَ الشَّيْطَانِ فَإِذَا حَلَمَ أَحَدُكُمْ حُلْمًا يَكْرَهُهُ فَلْيَنْفُثْ عَنْ يَسَارِهِ ثَلاثًا وَلْيَتَعَوَّذْ بِاللَّهِ مِنْ شَرِّهَا فَإِنَّهَا لَنْ تَضُرَّهُ ) رواه مسلم 2261. މާނައީ: އަބޫ ސަލަމާ ވިދާޅުވިކަމަށް ރިވާވެގެން ވެއެވެ. ތިމަންނާ ހުންއައިސް ތުރުތުރު އަޅާފަދަ ބިރުވެރި ހުވަފެން ތިމަންނާއަށް ފެނެއެވެ. އަދި ތިމަންނާ އަބޫ ޤަތާދާއާއި ބައްދަލު ވުމާއިހަމައަށް ސާލުކޮޅުލައި ނިވާ ނުކުރަމެވެ. އަދި ތިމަންނާ އަބޫ ޤަތާދާއަށް އެކަމުގެ ވާހަކަ ދެންނެވީމެވެ. އަބޫ ޤަތާދާ ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޡްކުރައްވާތީ ތިމަންކަލޭގެފާނު އަޑު އެއްސެވީމެވެ. “ރަނގަޅު ހުވަފެން އަންނަނީ ﷲގެ ހަޒުރަތުންނެވެ. އަދި ނުބައި ހުވަފެން އަންނަނީ ޝައިޠާނުންގެ ފަރާތުންނެވެ. އެއްވެސް މީހަކަށް އޭނާ ނުރުހޭ ނުބައި ހުވަފެނެއް ފެނިއްޖެނަމަ ، އޭގެ ނުބައިކަމުން ﷲގެ ހަޒުރަތުން ރައްކާތެރިކަމަށް އެދި އޭނާގެ ވާތްފަރާތަށް ތިނަފަހަރު ހިކިކޮށް ކުޅުޖަހާހުށިކަމެވެ. އޭރުން އޭގެ ގެއްލުމެއް ނުފޯރާނެއެވެ.” 3- عَنْ أَبِي هُرَيْرَةَ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ : ( إِذَا رَأَى أَحَدُكُمْ رُؤْيَا يَكْرَهُهَا فَلْيَتَحَوَّلْ وَلْيَتْفُلْ عَنْ يَسَارِهِ ثَلَاثًا وَلْيَسْأَلِ اللَّهَ مِنْ خَيْرِهَا وَلْيَتَعَوَّذْ مِنْ شَرِّهَا ) . صحيح سنن ابن ماجه . މާނައީ: އަބޫ ހުރައިރާ ވިދާޅުވިކަމަށް ރިވާވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ތިޔަބައިމީހުން ކުރެ މީހަކަށް އޭނާ ނުރުހޭ ހުވަފެނެއް ފެނިއްޖެނަމަ، އޭނާ އެނބުރި ވާތްފަރާތަށް ހިކިކޮށް ތިން ކުޅުޖަހާށެވެ. އަދި ﷲގެ ހަޒުރަތުން ހެޔޮކަމަށް އެދޭށެވެ. އަދި އެހުވަފެނުގެ ނުބައިކަމުން ރައްކާތެރިކޮށްދެއްވުން އެދޭށެވެ. 4- عَنْ جَابِرٍ عَنْ رَسُولِ اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ أَنَّهُ قَالَ : ( إِذَا رَأَى أَحَدُكُمُ الرُّؤْيَا يَكْرَهُهَا فَلْيَبْصُقْ عَنْ يَسَارِهِ ثَلَاثًا وَلْيَسْتَعِذْ بِاللَّهِ مِنَ الشَّيْطَانِ ثَلَاثًا وَلْيَتَحَوَّلْ عَنْ جَنْبِهِ الَّذِي كَانَ عَلَيْهِ) رواه مسلم 2262. މާނައީ: ޖާބިރު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ތިޔަބައިމީހުންކުރެ މީހަކަށް އޭނާ ނުރުހޭ ހުވަފެނެއް ފެނިއްޖެ ނަމަ، އޭނާގެ ވާތްފަރާތަށް ހިކިކޮށް ތިން ފަހަރު ކުޅުޖަހާށެވެ. އަދި ޝައިޠާނާގެ ކިބައިން ރައްކާތެރިކޮށްދެއްވުން އެދި ތިން ފަހަރު ދަންނަވާށެވެ. އަދި އޭނާ އަނެއް ފަޅިއަށް އެނބުރޭށެވެ. 5- ރަނގަޅު ހުވަފެނާއި ނުބައި ހުވަފެނުގެ ތަފާތު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ އަހަރެމެންނަށް ބަޔާންކޮށްދެއްވާފައެވެ.

عَنْ أَبِي سَعِيدٍ الْخُدْرِيِّ أَنَّهُ سَمِعَ رَسُولَ اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ يَقُولُ : ( إِذَا رَأَى أَحَدُكُمُ الرُّؤْيَا يُحِبُّهَا فَإِنَّهَا مِنَ اللَّهِ فَلْيَحْمَدِ اللَّهَ عَلَيْهَا وَلْيُحَدِّثْ بِهَا وَإِذَا رَأَى غَيْرَ ذَلِكَ مِمَّا يَكْرَهُ فَإِنَّمَا هِيَ مِنَ الشَّيْطَانِ فَلْيَسْتَعِذْ مِنْ شَرِّهَا وَلا يَذْكُرْهَا لِأَحَدٍ فَإِنَّهَا لَنْ تَضُرَّهُ ) رواه البخاري 7045 . މާނައީ: އަބޫ ސަޢީދުލް ޚުދްރީ ގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ތިޔަބައިމީހުންކުރެ މީހަކަށް އޭނާ ހިތްއެދޭ ފަދަ (ރަނގަޅު) ހުވަފެނެއް ފެނިއްޖެނަމަ، އެއީ ﷲގެ ހަޒުރަތުން އައި އެއްޗެކެވެ. އަދި އެކަމަށް ޓަކައި ﷲ އަށް ޙަމްދުކޮށް އެވާހަކަ މީހުންކައިރީ ބުނެވިދާނެއެވެ. ނަމަވެސް އެނޫން، އޭނާ ނުރުހޭ، ނުބައި ހުވަފެނެއް ފެނިއްޖެނަމަ، އެއީ ޝައިޠާނާގެ ފަރާތުން އައި އެއްޗެކެވެ. އެހެންކަމުން އޭނާ ﷲގެ ހަޒުރަތުން އޭގެ ނުބައިކަމުން ރައްކާތެރިކަމަށް އެދޭށެވެ. އަދި އެއްވެސް މީހަކު ކައިރީ އެވާހަކަ ނުދައްކާށެވެ. އެއިރުން އޭގެ ގެއްލުން އޭނާއަށް ނުފޯރާހުއްޓެވެ. އެހެން ކަމުން ރަނގަޅު ހުވަފެން އަނަންނީ ﷲ ގެ ހަޒުރަތުން ކަމާއި، ތިމާ ނުރުހޭ ނުބައި ހުވަފެން އަންނަނީ ޝައިޠާނާގެ ފުށުން ކަން ސާފެވެ. އަދި އޭގެ ނުބައިކަމުން ރައްކާތެރިކޮށްދެއްވުން އެދި އޭނާ ﷲ ގެ ހަޒުރަތުން އެދެން ޖެހެއެވެ. 6- عن أبي هريرة قال : قال النبي صلى الله عليه وسلم : (… فَإِنْ رَأَى أَحَدُكُمْ مَا يَكْرَهُ فَلْيَقُمْ فَلْيُصَلِّ وَلا يُحَدِّثْ بِهَا النَّاسَ ) رواه مسلم 2263 . މާނައީ: އަބޫހުރައިރާގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ތިޔަބައިމީހުންކުރެ މީހަކަށް އޭނާ ނުރުހޭފަދަ ކަމެއް (ހުވަފެނުގައި) ފެނިއްޖެ ނަމަ، ފަހެ އޭނާ ތެދުވެ ނަމާދުކުރާށެވެ. އަދި އެވާހަކަ މީހުންކައިރީ ނުދައްކާށެވެ. 7- عَنْ جَابِرٍ عَنْ رَسُولِ اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ أَنَّهُ قَالَ لأَعْرَابِيٍّ جَاءَهُ فَقَالَ : إِنِّي حَلَمْتُ أَنَّ رَأْسِي قُطِعَ فَأَنَا أَتَّبِعُهُ ، فَزَجَرَهُ النَّبِيُّ صَلَّى اللَّه عَلَيْهِ وَسَلَّمَ وَقَالَ : ( لا تُخْبِرْ بِتَلَعُّبِ الشَّيْطَانِ بِكَ فِي الْمَنَامِ ) رواه مسلم 2268 . މާނައީ: ޖާބިރު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް އަޢުރާބީއަކު އައިސް ދެންނެވިއެވެ. ތިމަންނާގެ ބޯ ވަކިކުރެވި އަދި ތިމަން އޭގެ ފަހަތުން ދުވާތީ ތިމަންނާއަށް ހުވަފެނުގައި ފެނުނެވެ. އެހިނދު ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ނުރުހުންވެ ވަޑައިގެން ޙަދީޘްކުރެއްވިއެވެ. ތިބާގެ ހުވަފެނުގައި ޝައިޠާނާ ތިބާއާ ސަކަރާތް ޖަހާ ގޮތުގެ ވާހަކަ އެއްވެސް މީހެއްކައިރީ ނުދައްކާށެވެ.

އެހެންކަމުން މީހަކަށް ނުބައި ހުވަފެނެއް ފެނިއްޖެ ނަމަ ކުރަންވީ މުހިއްމު ކަންތައްތައް ޙަދީޘްތަކުގެ އަލީގައި އަންނަނިވި ގޮތަށް އަހަރެމެނަށް ޖަމާ ކޮށްލެވިދާނެއެވެ. 1- އެހުވަފެނަކީ ޝައިޠާނާ ތިމާ ބިރު ގަންނަވަން ދެއްކި ހުވަފެނެއްކަން ދަންނާށެވެ. އެހެންކަމުން ޝައިޠާނާގެ ކުޅިވަރުތަކަށް ސަމާލުކަން ނުދޭށެވެ. އެކަލޭގެ އެއްފަރާތްކޮށްލާށެވެ. 2- ލަޢުނަތް ލެއްވިގެންވާ ޝައިޠާނާގެ ކިބައިން ރައްކާތެރިކޮށްދެއްވުމަށް ﷲގެ ހަޒުރަތުން އެދޭށެވެ. 3- އެހުވަފެނުގެ ނުބައިކަމުން ސަލާމަތް ކޮށްދެއްވުން އެދި ﷲގެ ހަޒުރަތުގައި ދަންނަވާށެވެ. (އެބަހީ ހުވަފެނުން ހޭލެވުމުން أَعُوذُ بِاللهِ مِنَ الشَّيْطَانِ الرَّجِيْم ކިޔާށެވެ.) 4- ވާތްފަރާތަށް ހިކިކޮށް ތިންފަހަރު ކުޅުޖަހާށެވެ. (ކުޑަކޮށް ކުޅުބުރާގޮތަށް 3 ފަހަރު ފުމެލާށެވެ.) 5- އެއްވެސް މީހަކު ކައިރީ އެހުވަފެނުގެ ވާހަކަ ބުނެގެން ނުވާނެއެވެ. 6- ނިދަން އޮތް ފަޅި ނޫން އަނެއް ފަޅިއަށް އެނބުރޭށެވެ. (ނިދަން އޮތީ ކަނާތްފަޅިއަށް ނަމަ، ހުވަފެނުން ހޭލެވުމުން ވާތްފަޅިއަށް، އަދި ނިދަން އޮތީ ވާތްފަޅިއަށްނަމަ ހުވަފެނުން ހޭލެވުމުން ކަނާތްފަޅިއަށް އެނބުރޭނީއެވެ.) 7- ތެދުވެ ނަމާދުކުރާށެވެ.

މީހަކު މިގޮތްތަކަށް ޢަމަލުކޮށްފިނަމަ، ޙަދީޘްތަކުގައި ވާފަދައިން ނުބައި ހުވަފެން ފެނުމުން އޭގެ ގެއްލުން އެމީހަކަށް ނުފޯރާނެއެވެ. އަދި އެންމެ މޮޅަށް ދެނެވޮޑިގެން ވަނީ ﷲ އެވެ.

ހުވަފެނުގެ ތެރޭގައި ނިދީގައި އެދުން ފުދިގެންދާފަދަ ޝަހުވާނީ ހުވަފެން ފެނެއެވެ. މިއީ ޝައިޠާނާގެ ފަރާތުން އަންނަ ހުވަފެނެކެވެ. އަނެއްބައި ފަހަރު އެއީ މީހާގެ ސިކުނޑީގައި ހުންނަ ޝަހުވާނީ ޚިޔާލުތަކުގެ ސަބަބުން ފެންނަ ހުވަފެނެކެވެ. މިފަދަ ހުވަފެން އެންމެ ޢާއްމުކޮށް ފެންނަނީ ފިރިހެނުންނަށް ކަމުގައި ވިޔަސް މިފަދަ ހުވަފެން އަންހެނުންނަށްވެސް ފެނެއެވެ. އުއްމު ސަލަމާގެ އަރިހުން ރިވާވެގެންވެއެވެ. އުއްމު ސުލައިމް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް އައެވެ. އަދި ދެންނެވިއެވެ. އޭ ﷲގެ ރަސޫލާ އެވެ. ހަމަކަށަވަރުން ޙައްޤު ބަޔާންކޮށްދިނުމުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ލަދުވެތިވެ ވޮޑިގެންނުވެއެވެ: އަންހެނުންނަށް ޝަހުވާނީ ހުވަފެނެއް ފެނި އެދުން ފުދިއްޖެ ނަމަ އޭނާ ހިނައިގަންނަން ޖެހޭނެތޯއެވެ؟ ޖަވާބުގައި އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ތެތްކަން ފެނިއްޖެނަމަ (އެދުން ފުދުމުގެ ސަބަބުން ހެދުމުގައި ތެތްކަން ހުރެއްޖެނަމަ) ފަހެ އޭނާ ހިނައިގަންނާށެވެ. މިވާހަކަ އިވިވަޑައިގެން އުއްމު ސަލަމާ ލަދުފުޅުން ހިނި ވަރުނަކުރައްވާ، އެކަމަނާގެ މޫނުކޮޅު ނިވާކުރެއްވިއެވެ. އަދި ސުވާލުކުރެއްވިއެވެ. “އޭ ﷲގެ ރަސޫލާއެވެ. އަންހެނުންނަށްވެސް ޝަހުވާނީ ހުވަފެން ފެނި ނިދީގައި އެދުން ފުދޭތޯއެވެ؟ އެކަލޭގެފާނު ޖަވާބުގައި ޙަދީޡްކުރެއްވިއެވެ. “ތިބާގެ ކަނާއަތް ވެއްޔާ މޮޑެވިއްޖެއެވެ! ދަރިފުޅު އަންހެނާއާ ވައްތަރުވަނީ ދެން އިތުރު ކޮންކަމަކުން ހެއްޔެވެ؟” (ބުޚާރީ: 130، 282، 3328، 6091، 6121، މުސްލިމް: 310-314) އަދިވެސް އައިސްފައިވެއެވެ.

އަލްބަޣަވީ ވިދާޅުވިއެވެ. “ޝަހުވާނީ ހުވަފެން ފެނި އެދުން ފުދުމުގެ ސަބަބުން ހިނައިގަންނަން ޖެހޭ ފަދަ ހުވަފެނުގެ ތަޢުބީރެއް ބޭނުމެއް ނުވެއެވެ. ފަހެ އެއީ ޝައިޠާނާގެ ދުއްތުރާއަކުން ނުވަތަ ހުވަފެން ފެނުނު މީހާގެ ސިކުނޑީގައި ހުރި ޚިޔާލުތަކެއްގެ ސަބަބުން ފެނުނު ހުވަފެނެކެވެ.” (ޝަރްހުއް ސުންނާ: 6:298)

ޝައިޠާނާ ދައްކާ ޝަހުވާނީ ހުވަފެނުގެ ޚިޔާލުތައް މީހާގެ ސިކުނޑީގައި ފަހުންވެސް އާވެދާނެއެވެ. އަދި މިކަމުގެ ސަބަބުން، ހުވަފެނުގައި އެފެނުނު ވަކި މީހަކާއި އެކު އެފަދަ ނުޙައްޤު ޝަހުވާނީ ގުޅުމެއް ހިންގުމުގެ ޚިޔާލާތުތައް އައުން މެދުވެރިވެދާނެއެވެ. އެހެންކަމުން، މިފަދަ ހުވަފެނެއް ފެނުމުންވެސް، ނުބައި ހުވަފެން ފެނުމުން ޢަމަލުކުރުމަށް މަތީގައި ބަޔާންކުރި ފަދައިން ޢަމަލުކުރުމަކީ ވަރަށް މުހިއްމުކަމެކެވެ.

(ނުނިމޭ)

މުރާޖަޢާކުރެއްވީ: ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުއްލަޠީފް


މަސްދަރު : މައިތިރި.ކޮމް ވެބްސައިޓް

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ