ބަޔާނަށް މޮޅެއްލިބުންއިރު ޑޯޓްމުންޑަށްވެސް މޮޅެއް

ކުޅިވަރު ފަހުގެ

ޖަރުމަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުތަކުން ޗެމްޕިއަން ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމުންޑުވެސް މޮޅުވެއްޖެއެވެ.

ބަޔާން މޮޅުވީ ރަށުން ބޭރުގައި ކޮލޯން އަތުން 2-1 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މި މެޗުގައި ބަޔާނުން ކާމިޔާބުކުރި ދެ ލަނޑުވެސް ޖަހާފައިވަނީ ފުރަތަމަ ހާފުގައެވެ. އެގޮތުން މެޗުގެ 13 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު ބަޔާނަށް ކާމިޔާބުކޮށްދިނީ ތޯމަސް މުލާއެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ސާޖް ގެނަބްރީ ވަނީ ބަޔާނަށް މި މެޗުގައި ލީޑު ފުޅާކޮށްދީފައެވެ.

ފުރަތަމަ ހާފާ ޚިލާފަށް ދެވަނަ ހާފުގައި ބަޔާނުގެ ފަރާތުން ފެނިގެންދިޔައީ އާދައިގެ ކުޅުމެކެވެ. އޭގެ ބަދަލުގައި ކޮލޯނުން މި ހާފުގައި ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗު ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށް އެ ޓީމުން ވަނީ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޑޮމިނިކް ޑްރެކްސްލާއެވެ.

މީގެ އިތުރުން ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ޑޯޓްމުންޑް މޮޅުވީ ލީގަށް އަލަށް ޕްރޮމޯޓުވި އާމީނިއާ ބީލެފެލްޑް އަތުން 2-0 ގެ ނަތީޖާއަކުންނެވެ.

ބީލެފެލްޑުގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފު ފަށައިގެން އަށްވަނަ މިނެޓުގައި ޑޯޓްމުންޑުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޓްސް ހަމެލްސްއެވެ. އަދި މެޗުގެ 71 ވަނަ މިނެޓުގައި ހަމެލްސް ވަނީ އިތުރު ލަނޑެއް ޖަހާ ބަޔާނުގެ ލީޑު ފުޅާކޮށްދީފައެވެ.

ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުތަކުން ބަޔާނާއި ޑޯޓްމުންޑް މޮޅުވިއިރު، މި ދެ ޓީމަށްވެސް ވަނީ ހަ މެޗުން 15 ޕޮއިންޓް ލިބިފައެވެ. މީގެ ތެރެއިން ލަނޑުގެ ތަފާތުން ބަޔާނަށް ތާވަލުގެ އެއްވަނަ ލިބޭއިރު، ޑޯޓްމުންޑް އޮތީ ތާވަލުގެ ދެވަނައިގައެވެ. ތާވަލުގެ ތިންވަނައިގައި އާރްބީ ލެއިޕްޒީގަށް ފަސް މެޗުން ލިބިފައިވަނީ 13 ޕޮއިންޓެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ