ސިފައިންގެއިން ރެކީ ޕެޓްރޯލްއަށް ނިކުންނެވި 10 ބޭކަލުންގެ ތެރޭގައި ޝަހީދު އާދަމް ނަސީރު ނިކުންނެވީ ކެރިގެން އިސްލާމް ދީނާއި ގައުމުގެ ދިފާއުގައި އެވެ.
ރެކީއަށް ނިކުތުމަށް ނެގި މީހުން ބަޑި ގުދަން ކައިރީ ސަފަކަށް އިށީންދެގެން ތިބިއިރު މޭޖާ މުހައްމަދު ޒާހިރާއި މޭޖާ ޝައުކަތު އިބްރާހިމް ދިޔައީ ކަންތައް ކުރަންވީ ގޮތް ބުނެ ހިތްވަރުދެމުންނެވެ.
އެންމެ ފަހު މީހާއާއި ޖެހެންދެންވެސް އެގޮތުގައި ތިބުމަށް ތަކުރާރުކޮށް މޭޖާ މުހައްމަދު ޒާހިރު ވިދާޅުވަމުން ގެންދެވީ އަސަރާއެކު ފެންކަޅިވެ ހުންނަވައިގެން ގައުމީ ޖޯޝުގައި އެވެ. އެޖޯޝުން ހިތްވަރު ލިބިގަނެ، ޝަހީދު އާދަމް ނަސީރު ވެސް އެކުވެރިން ގައިގައި ބައްދާލައި ސަލާމްކޮށް ހެދި އެވެ.
ބޭރަށް ނިކުންނަން ތައްޔާރުވެފައިވާ މީހުންނަށް އެކަކު އަނެކަކަށް ހެޔޮއެދުމުގެ ބަސްތައް ބުނަމުން ގެންދިޔަ އެވެ. އިހްލާސްތެރިކަމާއި އެކު މަސައްކަތްކުރުމަށާއި މިހަނގުރާމައިގައި ކާމިޔާބު ހޯއްދަވާނެ ކަމަށް އެކި ދޫތަކުން ތަކުރާރުކޮށް ކިޔަމުންދިޔަ އެވެ.
ބޭރަށް ނިކުންނަށް ތައްޔާރުވެފައިވާ މީހުންގެ ތެރެއިން ބައެއް މީހުން ވަސިއްޔަތްކުރި އެވެ. މި ދުނިޔެ އާއި ވަކިވުމުގެ ކުރިން ރަށުގައި ނުވަތަ ގޭގައިވާ އަނބިމީހާ އާއި ކުދިންކޮޅަށް ފަހު ބަސް ރައްދުކޮށްދިނުމަށް އެމީހުންގެ ރަހްމަތްތެރިންގެ ގާތުގައި ބުނަމުންދިޔަ އެވެ.
ޝަހީދު އާދަމް ނަސީރު ބުނަމުން ގެންދިޔައީ ހަނގުރާމައިގެ މައިދާން ކިތަންމެ ނުރައްކާތެރިވިޔަސް ދިވެހި ރައްޔިތުންގެ ހައްގުގައިކޮށްފައިވާ ހުވަޔާއި އެއްގޮތަށް ސާބިތުކަންމަތީ ދުޝްމިނުންނާއި ކުރިމަތިލައި ޝަހީދުވިޔަސް ހެޔޮ ކަމަށެވެ.
ޝަހީދު އާދަމް ނަސީރު ނިކުތީ ރެކު ޕެޓްރޯލްއަށް ނިކުންނެވި ދެވަނަ ގްރޫޕްގައި އެވެ. އަދި ސިފައިންގެއިން ނިކުންނެވި 8 ވަނަ މީހާގެ ގޮތުގައި އެވެ.
ސިފައިން ބޭރަށް ނިކުތްތަނާ ރައީސް އޮފީހާއި ގާޒީ ބިލްޑިންގ އާއި ދޭތެރޭގައި އޮންނަ ކަނީރު ހިނގުމުގައި ތިބި ދުޝްމިނުން ބޭރަށް ނިކުތް ސިފައިންނާއި ދިމާލަށް ކުއްލިއަކަށް ހަމަލާދިނެވެ. އެހަމަލާގައި ޝަހީދު އާދަމް ނަސީރު ގަޔަށް ވަޒަން އެރި އެވެ.
ދުޝްމިނުންދިން ކުއްލި ހަމަލާ އާއި އެކު ވަޒަންއެރި ނަސީރާއި ހުސެއިން އަލީ އާއި ދެމީހުން ފައިން ދަތި އެޅިގެން ބަނޑޭރި ހިނގުމުގެ ތެރެއަށް އާދަމް ނަސީރު ވެއްޓުނީ ހުސެއިން އަލީގެ ގައިމައްޗަށްވާ ގޮތަށެވެ. ޝަހީދު އާދަމް ނަސީރުގެ ގަޔަށް އަރާފައިވާ ވަޒަންތައް އަރާފައިވަނީ ބަނޑަށާއި މެޔަށެވެ.
އެވަގުތު 2 ސިފައިންގެ މީހަކު (ހުސެއިން އަލީ އާއި އިބްރާހިމް ޝަރީފް) ވެގެން އާދަމް ނަސީރު ގައިގައި ހިފައި ބަންޑޭރިގޭ ހިނގުމުން ދެކުނަށް ދަމާ ގެންދިޔަ އެވެ. ޒަހަމްތަކުން ގިނަ އަދަދަކަށްލޭ ބޭރުވަމުންދިޔަ ކަމުގައިވިޔަސް އޭރު އާދަމް ނަސީރުގެ ފުރާނަ ހުއްޓެވެ. އެވަގުތު ވާހަކަދެއްކޭތޯ ވެސް މަސައްކަތްކުރެއްވި އެވެ. އެކަމަކު އެބުނި އެއްޗެސް ސާފުނުވެ އާދަމް ނަސީރު ޝަހީދުވެއްޖެ އެވެ.
ޝަހީދުވިއިރު އޮތީ ސިފައިންގެ އިރު އުތުރު ކަންމައްޗަށްވާ ގޮތަށް މަގުމަތީ ފާރު ކައިރީގައި ބަނޑޭރި ހިނގުމުގައި އެވެ.ޝަހީދުވެފައި އޮތްއިރު އޮތީ ބަންޑޭރި ގޭޓު ހިނގުމުގައި ހުރަހަށް ވާގޮތަށް ބޯކޮޅު ހުޅަނގަށް ވާގޮތަށެވެ. ސިފައިންގެ މަގުމަތީ ފާރާއި ޝަހީދު އާދަމް ނަސީރުގެ ބޮލާއި ދޭތެރޭގައި ފޫޓެއް ވެސް ނެތެވެ.
ޝަހީދު އާދަމް ނަސީރު ޝަހީދުވިއިރު އޭނާ ސިފައިންގެ ހިދުމަތުގައި އުޅުއްވާތާ 8 އަހަރާއި 23 ދުވަސްވެއްޖެ އެވެ.
ލާންސް ކޯޕްރަލް އާދަމް ނަސީރު ސާބިތުކޮށްދެއްވި ހިތްވަރުގަދަ ގައުމީ ޖިހާދުގެ އަގު ދައުލަތުން ވަޒަން ކުރައްވާ ލާންސް ކޯޕްރަލްއެއްގެ މަގާމުން ސާޖަންޓެއްގެ މަގާމަށް، މަގާމުގެ ކުރިއެރުންދެއްވައި ހުރަވީ ރިހި މެޑަލް އާއި ތިނެއް ނޮވެމްބަރުގެ މެޑަލް އާއި ޖިހާދުގެ ރަތް މެޑަލް ދެއްވާފައިވެ އެވެ.
ޝަހީދު އާދަމް ނަސީރަކީ ކަޅުހުއްތު އާއި ތުއްތުމަނިކެ (ހ.ޝީޑީވިލާ) އާއި ދެމަފިރިންނަށް ލިބިފައިވާ ދަރިއެކެވެ. ތައުލީމް ހާސިލްކުރައްވާފައިވަނީ އީޕީއެސް ސްކޫލުންނެވެ.
އުމުރުން 31 އަހަރުގައި އާދަމް ނަސީރު އަޅުގަނޑުމެންނާއި ވަކިވެ ދިޔުމުން އާއިލާ އާއި މުޅި ގައުމު ކަރުނަ އަޅަމުން ދަނީ ކެރޭ ހިތްވަރުގަދަ ދީނާއި ގައުމު ފުރަތަމަ އިސްކުރާނެ ދަރިއެއް މިގައުމުގެ ފަސްގަނޑުން މަދުވުމުންނެވެ.
މައުލޫމާތު: އެމްއެންޑީއެފްއިން ނެރުނު 3 ނޮވެމްބަރު ފޮތުން