ކ.ދިއްފުށި ޝަހީދު އަލްމަރްހޫމް ހުސެއިން އަބްދުލްރަހްމާނަކީ މަސްވެރިއެކެވެ.
1988 ނޮވެމްބަރު 3 ވަނަ ދުވަހު ދުޝްމިނުން މާލެ އަރައި ހަމަލާދިންއިރު ޝަހީދު އަލްމަރްހޫމް ހުސެއިން އަބްދުލްރަހްމާން އޮތީ މާލޭގެ މަސް މާރުކޭޓާ ދިމާ ފަޅުތެރޭގައި އޮތް، އޭނާ މަހަށްދާ ދޯނި ކަމަށްވާ ކ.ދިއްފުށި “ކޮއި” ދޯނީގައި އެވެ.
ދުޝްމިނުން ހަމަލާދޭން ފެށުމާއި ގުޅިގެން އެރޭ ފަތިހު ދޯނީގެ މީހުން މަސައްކަތްކުރީ އަވަހަށް ފުރައިގެން ރަށަށް ދިއުމަށެވެ. ރަށަށްދާން ފުރަންވެގެން ޝަހީދު ހުސެއިން އަބްދުލްރަހްމާން ހުރީ ދިރުބާކޮޅުގައި ވަލެއް ދަމާށެވެ.
މާލޭގެ ފަޅުތެރެއިން އޮޑިދޯނި ފުރިޔަނުދީ ހުއްޓުވުމަށް މަސައްކަތްކުރި ޓެރަރިސްޓުންގެ ކަންދީޕަން ގްރޫޕްގެ ތަމަޅަ ހަނގުރާމަވެރިޔަކު މިދޯނި ހުއްޓުވުމަށްޓަކައި ޖެހި ބަޑީގެ ވަޒަނެއް ޝަހީދު އަލްމަރްހޫމް ހުސެއިން އަބްދުލްރަހްމާންގެ ކަރަށް އަރައި ޒަހަމްވި އެވެ. އޭނާގެ ކަރުގެ ވާތްފަރާތަށް އެރި ވަޒަން ނިކުމެފައިވަނީ ކަނދުރައިގެ މައިބަދަތަކުގެ ތެރެއިންނެވެ.
ވަޒަން އެރުމުގެ ސަބަބުން އޭނާގެ ހާލު ދެރަވާން ފެށުމުން ދޯނީގައި ތިބި މީހުންނާއި އެސަރަހައްދުގައި ހަރަކާތްތެރިވި ބައެއްގެ އެހީތެރިކަމާއި އެކު ސެންޓްރަލް ހޮސްޕިޓަލަށް ގެންގޮސްގެން ފަރުވާދޭން ފެށި އެވެ.
އޭނާގެ ކަނދުރާއަށް ލިބިފައިހުރި ގެއްލުމުގެ ސަބަބުން ޑޮކްޓަރުން އޭނާ ފްލައިޓްގައި އުދުހުން މަނާކޮށްފައި އޮތުމަށްފަހު، ފަހުން އިތުރު ފަރުވާ ދިނުމަށްޓަކައި ރާއްޖެއިން ބޭރަށް ގެންދިއުމަށް ހަމަޖެހިފައިވަނިކޮށް ޝަހީދުވެފައިވަނީ 1988 ޑިސެމްބަރު 22 ވަނަ ދުވަހުގެ ރޭ 7:45 ހާއިރު އެވެ.
ޝަހީދުވިއިރު އުމުރުފުޅަކީ 70 އަހަރެވެ. ޝަހީދު އަލްމަރްހޫމް ހުސެއިން އަބްދުލްރަހްމާން ޝަހީދުވިއިރު 4 ފިރިހެން ދަރިންނާއި އަންބަކު އިންނެވި އެވެ.
މައުލޫމާތު: އެމްއެންޑީއެފްއިން ނެރުނު 3 ނޮވެމްބަރު ފޮތުން