މ.ބީޗް ސައިޑް، ޝަހީދު އިބްރާހިމް ހަމީޒަކީ ޓެލެކޮމިއުނިކޭޝަން ޑިޕާޓްމަންޓްގެ ޓްރެއިނީ ގްރޭޑް 2 ގެ މަގާމުގައި ހުންނެވި ބޭކަލެކެވެ.
ކުޅިވަރު ދަނޑުގައި ނަން މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއެކެވެ. ޔަންގްސްޓާ ކުލަބަށް ކުޅެމުން ދިޔަ ހުނަރުވެރި ގޯލް ކީޕަރެކެވެ.
އާދައިގެ މަތިން ނޮވެމްބަރު 3 1988 ވަނަ ދުވަހުގެ ފަތިހުވެސް ޕްރެކްޓިސްއަށްދާން އިބްރާހިމް ހަމީޒް ހޭލި އެވެ. ޕްރެކްޓިސްއަށް ދިއުމުގެ ކުރިން ދެރަހްމަތްތެރިނާއެކީ ބޭރު ތެރެއަށް ނިކުތެވެ. އަދި އެއަށްފަހު ގެއަށް އައިސް މަންމަ ކައިރީގައި ނޮވެމްބަރު 11 އަށް ފަރިތަކުރަން ސިފައިން ބަޑި ޖަހަމުންދާ ކަމަށް ބުންޏެވެ.

އޭގެފަހުން އާދައިގެ މަތިން ހެންވޭރު ދަނޑަށް ޕްރެކްޓިސްއަށްދާން ތައްޔާރުވެގެން ގެއިން ނިކުމެގެން ސައިކަލުގައި ފަރީދީމަގުން ހުޅަނގުން އިރަށް ގޮސް ބަގީޗާގޭ އިރުއުތުރު ކަންމައްޗާއި އަރާ ހަމަވިތަނާ އިސްލާމީ މަރުކަޒު ކައިރީ ހަރަކާތްތެރިވި ދުޝްމިނުން ޝަހީދު އިބްރާހިމް ހަމީޒަށް ބަޑިން ހަމަލާދިނެވެ.
އެއާއެކު އެޒުވާން ޖޯޝީލޭ އެކުލެވިގެންވާ ހަށިގަނޑަށް ވަޒަން އަރާ ސައިކަލާއެކު ބަގީޗާގޭ އިރުއިތުރު ކަންމައްޗަށް ޗާންދަނީ މަގަށް ވެއްޓުނެވެ.
އެވަގުތު އެޒުވާނާ ސަލާމަތްކުރުމަށް އެތަނަށް އަންނަން މަސައްކަތްކުރުމުން ރައްޔިތުން އެސަރަހައްދަށް ނައުމަށް ވެއްޓިފައި އޮވެގެން އިޝާރާތްކޮށް ގޮވައި ހަދަމުންދިޔަ އެވެ. އެންމެ ފަހު ވަގުތުވެސް އިސްކުރީ ތިމާއަށްވުރެން ދެންތިބި ރައްޔިތުންގެ ފުރާނެ އެވެ.
ޝަހީދު އިބްރާހިމް ހަމީޒު ޝަހީދުވެފައި އޮތީ ބަގީޗާގޭ އިރު އިތުރު ކަންމަތީގައި ޗާންދަނީ މަގުގައި އެވެ.
އުމުރުން 22 އަހަރުގައި އެޒުވާނާ އަޅުގަނޑުމެންނާއި ވަކިވުމުގެ ސަބަބުން ގެއްލިގެން އެދިޔައީ ކުޅިވަރުގެ ދާއިރާއަށް ހިދުމަތްކުރަންހުރި ޒުވާނެކެވެ. ދުނިޔޭގައި ހުންނެވި ނަމަ މިއަދުވެސް ގައުމީ ހިދުމަތުގައި ހުންނާނެ ހީވާގި މުވައްޒަފެކެވެ. މައިންބަފައިންގެ ބަސްއަހާ ކިޔަމަންތެރި ދަރިއެކެވެ.
މައުލޫމާތު: އެމްއެންޑީއެފްއިން ނެރުނު 3 ނޮވެމްބަރު ފޮތުން