ބަޑި ބުރާސްފަތި : ޝަހީދު ޖަވާދު އުމަރު

އަރކައިވް މީހުން ފަހުގެ

ތ.ދިޔަމިގިލި، ކާމިނީގޭ ޝަހީދު އަލްމަރްހޫމް ޖަވާދު އުމަރަކީ ހުޅުލެ އާއި މާލެ އާއި ދެމެދުގައި ދުއްވާ ފުރޯޑު ދޯނީގެ ފަޅުވެރިއެކެވެ.

ނޮވެމްބަރު ތިންވަނަ ދުވަހު ދުޝްމިނުން މާލެއަށް ހަމަލާދެމުން ދިޔައިރު ޓެރަރިސްޓުންގެ ތެރެއިން ނިދީގެ ގްރޫޕުން މާލޭގެ ފަޅުތެރޭގައި ހުރި އޮޑި ދޯނިފަހަރުން މީހުން ރަހީނުކޮށްގެން ކަނީރު ހިނގުމަށް ޖަމާކުރި އެވެ.

އިޝްތިހާރު
އިޝްތިހާރު

ޝަހީދު އަލްމަރްހޫމް ޖަވާދު އުމަރަކީ އެގޮތުން އެސަރަހައްދަށް ގެނެސް ކަނީރު ހިނގުމުގައި ބައިތިއްބައިގެން އިންސާނީ އައްޑަނައިގެ ގޮތުގައި ބޭނުންކުރި މީހުންގެ ތެރޭގައި ހިމެނޭ ކުއްޖެކެވެ. ކަނީރު ހިނގުމުގައި ރަހީނުން ބައިތިއްބައިގެން އެމީހުންގެ ފަހަތުގައި ދުޝްމިނުން ތިބެގެން ސިފައިންގެއަށް ހަމަލާދެމުންދިޔަ އެވެ. ސިފައިންނާއި ދުޝްމިނުންނާއި ދެމެދު ބަޑިން ހަމަލާތައް ބަދަލުކުރެވެމުންދިޔައިރު ކަނީރު ހިނގުމުގައި ގާތްގަނޑަކަށް ފަނަރަ ވަރަކަށް އާންމު ރައްޔިތުން ތިއްބެވެ.
ހަމަލާތައް ބަދަލުކުރެވުމުންދިޔަ ވަގުތު ޝަހީދު އަލްމަރްހޫމް ޖަވާދު އުމަރު އޮތީ ހދ.ނޭކުރެންދޫ ވެޔޮދޮށުގޭ (ނައިޓްވިލާ، ތ.ދިޔަމިގިލި) ހަސަން ވަހީދު ކައިރީގައި އެވެ. އުމުރުން ހަނގު ކަމާއި އެކު ޝަހީދު ޖަވާދު އުމަރު ބިރުން އުޅޭތީ ހަސަން ވަހީދު އޮތީ އޭނާގެ ބޮލުގައި އަތް އަޅައިގެންނެވެ.
އެހެން އޮއްވާ އައި ވަޒަނެއް ހަސަން ވަހީދުގެ އަތް ފޫއަޅުވާލާފައި ޝަހީދު ޖަވާދު އުމަރުގެ ބޮލަށް އެރި އެވެ. އެވަޒަން ބޮލުގެ ފުއްކިބައިން ވަދެގެން ނިކުމެފައިވަނީ ނިއްކުރިންނެވެ. ވަޒަން އެރިވަގުތު އައްދިއްޔޯ ބޭބެ އޭ ޖަވާދަށް ބުނެވުނެވެ. އޭގެފަހުން އޭނާގެ ހަރަކާތް ހުއްޓުނެވެ.
ހަސަން ވަހީދުގެ އަތާއި ޝަހީދު ޖަވާދު އުމަރުގެ ބޯ ދުޝްމިނުންނާއި ހަސަން ވަހީދު ދައްކާފައި ހޮސްޕިޓަލަށް ދާން ބޭނުންވާ ވަހަކަ ބުނުމުން ޝަހީދު ޖަވާދު އުމަރު އެތަނުގައި ބާއްވާފައި ހަސަން ވަހީދު ހޮސްޕިޓަލަށް ދިއުމަށް އެތަނުގައި ތިބި ޓެރަރިސްޓުން ބުންޏެވެ. އެވަގުތު ޝަހީދު ޖަވާދު އުމަރު ޝަހީދުވެއްޖެ އެވެ.

އުމުރުން އެންމެ 16 އަހަރުގައި ޝަހީދު ޖަވާދު އުމަރު މަސައްކަތްކުރެއްވީ އޭނާގެ މަންމަ ހައްޖަށް ފޮނުވުމުގެ ފޮނި އުއްމީދުގައި އެވެ. ނަމަވެސް ދިވެހިންގެ ބަޔަކު އިސްވެތިބެ ރާއްޖެއަށްދިން އުދުވާނީ ހަމަލާގައި އިންސާނީ އައްޑަނައަކަށް ހަދައި އެކުއްޖާ ޝަހީދުކޮށްލީ އެވެ.

މިއަދު މުޅި ގައުމު ކަރުނަ އަޅަމުންދަނީ އެއްވެސް ކުށެއް ނެތް ކުއްޖެއް ދުޝްމަނުންގެ ޝިކާރައަކަށްވެ ކުއްޖާގެ މައިންބަފައިންނާއި ވަކިވެ ދާންޖެހުމުންނެވެ. ޝަހީދު ޖަވާދު އުމަރުގެ މަންމަ އާއި އާއިލާ އަދި މިދިވެހި ގައުމުގެ ދަރިން ދުވަހަކުވެސް މިކުޑަކުއްޖާ ޝަހީދުކޮށްލުމުގެ ފަހަތުގައި ތިބި ދިވެހިންނަށް މާފެއް ނުކުރާނެ އެވެ.

ޝަހިދު އަލްމަރްހޫމް ޖަވާދު އުމަރުގެ ހަނދާނުގައި ކޮންމެ އަހަރެއްގެ ޒުވާނުންގެ ދުވަހެއްގައި ވެސް ސަރުކާރުން ފާހަގަކުރެވޭ ޒުވާނަކަށް އެވޯޑެއްދެ އެވެ. 1999 ވަނަ އަހަރުން ފަށައިގެންދޭން ފެށި މި އެވޯޑް ފާއިތުވެދިޔަ 3 އަހަރު މެދު ކެނޑުމަށްފަހު މިއަހަރު އަނެއްކާވެސް ވަނީ ދޭން ފަށާފައެވެ. ޝަހީދު ޖަވާދު އުމަރު ހަދާނީ ފިލާ ހާއްސަކޮށްފައިވަނީ ޒުވާނުންގެ ތެރެއިން ފާހަގަކޮށްލެވޭ ފަދަ ހީރޯއަކަށެވެ.
މައުލޫމާތު: އެމްއެންޑީއެފްއިން ނެރުނު 3 ނޮވެމްބަރު ފޮތުން

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ