بسم الله الرحمن الرحيم
الحمد لله رب العالمين والصلاة والسلام على أشرف المرسلين سيدنا محمد وعلى آله وصحبه ومن تبعهم بإحسان إلى يوم الدين.
ލިބިފައިވާ މަޢުލޫމާތު ކުށްކަމުގައި ނުވާނަމަ، ތެލަސީމިއާއަކީ ލޭގައި ހިމެނޭ ހިމަގްލޮބިން އުފެއްދުން މަދުވުމުގެ ވިރާސީ ބައްޔެކެވެ. އަދި މިބަލި ވާރުތަވަނީ ތެލަސީމިއާ ބަލީގެ މީހުން އަދި ތެލެސީމިއާ ކެރިއަރުންގެ ކިބައިންނެވެ. ތެލަސީމިއާ ދެކެރިޔަރުން ކައިވެނިކުރުމުން ލިބޭ ދަރިއެއް ތެލަސީމިއާ ބަލީގެ ކުއްޖަކަށްވުމުގެ 25% ފުރުޞަތު އޮންނަކަން އަދި ދެކެރިޔަރުން ކައިވެނިކުރުމުން ލިބޭ ދަރިއެއް ތެލެސީމިއާ ބަލީގެ ކެރިއަރަކަށްވުމުގެ 50% ފުރުޞަތު އޮންނަކަން ޞިއްޙީ އަދި ދުނިޔަވީ ތަޖުރިބާއިން އެނގިފައިވެއެވެ.
ދެކެރިޔަރަކު ކައިވެނިކުރުމަށް ޝަރުޢީ ނަޒަރަކުން ބަލާލާއިރު، އިސްލާމީ ޝަރީޢަތުގައި ކައިވެނީގެ މަޤާޞިދުތަކާއި އަދި ޝަރީޢަތުގެ ޤާވާޢިދުތަކަށް ބަލާލަންޖެހެއެވެ.
އިސްލާމްދީނުގައި ކައިވެނީގެ މަޤްޞަދުތަކުގެ ތެރެއިން، ދެމަފިރިން ލޯތްބާއި ކުލުނާއި އަޅާލުމާއި އެކު ހެޔޮގޮތުގައި އެކަކު އަނެކަކަށް އިޙްތިރާމާއި ޤަދަރުކުރާ ޙާލު ދުނިޔެއާއި އާޚިރަތް ބާއްޖަވެރިކުރުމަށް އެހީތެރިވެދިނުމާއި އަދި އެންމެ މުހިންމު އެއް މަޤްޞަދަކީ ހެޔޮލަފާ ދަރިފަސްކޮޅެއް ބިނާކުރުމެވެ. އަދި މިއުންމަތުގެ ޞާލިޙު ދަރީން ގިނަކުރުމުވެ. މިކަމަށް އިޝާރާތްކުރައްވަވައި އިމާމް އަބޫ ދާވޫދު ރިވާކުރައްވާފައިވެއެވެ.
عَنْ مَعْقِلِ بْنِ يَسَارٍ رضي الله عنه قَالَ : جَاءَ رَجُلٌ إِلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ إِنِّي أَصَبْتُ امْرَأَةً ذَاتَ حَسَبٍ وَجَمَالٍ ، وَإِنَّهَا لا تَلِدُ ، أَفَأَتَزَوَّجُهَا قَالَ : لا . ثُمَّ أَتَاهُ الثَّانِيَةَ ، فَنَهَاهُ ، ثُمَّ أَتَاهُ الثَّالِثَةَ فَقَالَ : ( تَزَوَّجُوا الْوَدُودَ الْوَلُودَ فَإِنِّي مُكَاثِرٌ بِكُمْ الأُمَمَ )
މުޢްޤިލު ބިން ޔަސާރު رضي الله عنه ރިވާކުރެއްވެވިއެވެ. މީހަކު ކީރިތި ރަސޫލާ صَلَّى اللَّهُ عَلَيْهِ އަރިހަށް އައިސް ދެންނެވިއެވެ. ޙަސަބު މަތިވެރި އަދި ރީތި އަންހެންކަންބަލެއް ތިމަންނައަށް ފެނިއްޖެއެވެ. ނަމަވެސް އޭނާ އަކަށް ކުދިންނެއް ނުލިބެއެވެ. އަޅުގަނޑު އޭނާއާއި ކައިވެނި ކުރުން ކީއްތޯއެވެ. ކީރިތި ރަސޫލާ صَلَّى اللَّهُ عَلَيْهِ އޭނާއަށް ނޫނެކޭ ޙަދީޘްކުރެއްވެވުމުން ދެވަނަ ފަހަރަށްވެސް އޭނާ އައިސް އެސުވާލުކުރިއެވެ. އެކައިވެނި ނުކުރުމަށް ކީރިތި ރަސޫލާ صَلَّى اللَّهُ عَلَيْهِ އޭނާއަށް އިރުޝާދުދެއްވެވިއެވެ. ދިންވަނަ ފަހަރަށް އެމީހާ އައިސް އެސުވާލު ދެންނެވުމުން ކީރިތި ރަސޫލާ صَلَّى اللَّهُ عَلَيْهِ ޙަދީޘްކުރެއްވެވިއެވެ. ” ތިޔަބައިމީހުންގެ ތެރެއިން އެންމެ ލޮބިވެތިކަން ބޮޑު އަދި ގިނައިން ދަރިމައިވާ އަންހެނުންނާއި ތިޔަބައިމީހުން ކައިވެނި ކުރާށެވެ. އެހެނީ ޤިޔާމަތްދުވަހު ތިމަންކަލޭގެފާނުގެ އުއްމަތުގެ މީހުން ގިނަ ކަމާއިމެދު ތިމަން ކަލޭގެފާނު ފަޚުރުވެރިވެ ވަޑައިގަންނަވާހުށީމެވެ.”
އެހެންކަމުން ރަނގަޅު ދަރިފަސްކޮޅެއް ބިނާކުރެވޭނޭ ގޮތަކަށް ކައިވެނި ބައްޓަންކުރުމަކީ އިސްލާމްދީނުގައި ބާރުއަޅުއްވާފައިވާކަމެކެވެ. އަދި އެދަރީންގެ ޙައްޤުތަކުގެ ތެރެއިން އެދަރީންނަށް އެއްވެސް ގެއްލުމެއް ނުވަތަ އަނިޔާއެއް ލިބިދާނެ ހުރިހާކަމަކުން މައިންބަފައިން ދުރުވާންޖެހެއެވެ. އަދި ދަރީންގެ ޞިއްޙަތާއި ދުޅަހެޔޮކަމަކީ ޢާއިލާގެ އުފަލާއި ހަމަޖެހުމާވެސް ގުޅިފައިވާކަމެކެވެ.
އިސްލާމީ ޝަރީޢަތުގެ ޤާޢިދާތަކަށް ބަލާލާއިރު، درء الْمَفَاسِدُ أَوْلَى مِنْ جَلْبُ الْمَنَافِعُ (މަޞްލަޙަތު ޙާޞިލުކުރުމަށް ވުރެ ފަސާދަ ދުރުކުރުން މުހިންމެވެ.) މިޤާޢިދާގެ ދަށުންވެސް، ކުރިމަތިވެދާނެ ގެއްލުމާއި ފަސާދައަކުން ރައްކާތެރިވެ ދުރުވެވެން ސާފުކޮށްފެނަން އޮތް ހިނދު ޙާޞިލުކުރަންބޭނުންވާ މަޞްލަޙަތަށްވުރެ އެކަމަކުން ރައްކާތެރިކަން ލިބިގަތުން އައުލާވެގެންވެއެވެ.
އެހެންކަމުން ޢާންމު ޙަލަތެއްގައި ތެލަސީމިއާ ދެކެރިޔަރުން ކައިވެނީގެ ގޮތުން ގުޅުމަކީ ޝަރުޢީ ނަޡަރަކުން ބަލާއިރު އެދެވިގެންވާކަމެއް ނޫނެވެ.
وفوق كل ذي علم عليم