3 ނޮވެމްބަރުގެ ހަދާން، ހަނިމާދޫ ދަރިންގެ ދުލުން

ހަނިމާދޫ ރިޕޯޓް އަރކައިވް އިޖުތިމާޢީ ފަހުގެ

1988ވަނަ އަހަރުގެ ނޮވެމްބަރު 03ވަނަ ދުވަހު މުޅި ދިވެހިރާއްޖެ ސިއްސުވާލީ ދިވެހި ޚާއިނުން ތަކެއް ކުލީ ސިފައިން ގޮވައިގެން އައިސް ފުރަމާލެއަށް ހަމަލާ ދިން ޚަބަރުންނެވެ. އެއީ އެދުވަހު މާލޭގައި ތިބެ އެދުވަސް ތަޖުރިބާ ކުރި ދިވެހިން ދުވަހަކުވެސް އެފަދަ ދެވަނަ ދުވަހެއް ދެކެން ބޭނުން ނުވާފަދަ ބިރުވެރި ދުވަހެކެވެ.

އައްޑު އަތޮޅަށް ނިސްބަތްވާ ސަގަރު އަހުމަދު ނާސިރާއި ކ.މާލެ ހ.ހާޖަރާގޭ އަބުދުﷲ ލުތުފީ ވެރިކަމަށް ފެން ބޮވައިގަނެ ތަމަޅަ ކުލީ ސިފައިން ގޮވައިގެން އެރޭގެ ފަތިސް ވަގުތު މާލެއަށް އެރީ ފަތާފައެވެ. ދެބަޔަކަށް ބެހިގެންނެވެ. އެއްބަޔަކު ކަސްޓަމާ ދިމާއިންނެވެ. އަނެއްބަޔަކު ނަސަންދުރަޔާ ދިމާލުނެވެ.

އިޝްތިހާރު
އިޝްތިހާރު

އެދުވަހުގެ ޚާއިނުން މިހާރު އެއީ ނުކުރާ ކަމަކަށް ހަދަން އުޅުނަސް އެކަމެއް ވާކަށްނެތެވެ. އެދުވަހުގެ މަންޒަރުތައް ހިތުގައި ބިންވަޅު ނެގިފައިވާ އެތައް ދިވެހި ދަރިންނެއް މިއަދުވެސް ދުނިޔޭގައި އެބަތިއްބެވެ. އެޚާއިނުންނަށް މާފުކުރެވެން ނެތީ މިހެންވެއެވެ.

ެއިހު ބުނިހެން އެހާދިސާ ދުށް އެތައް ދިވެހިންނެއް މިއަދުވެސް ދުނިޔޭގައި ތިބިއިރު، މިފަހަރު މިގެނެސް ދެނީ އެދުވަހުގެ އެ ހިތްދަތި ހާދިސާ ތަޖުރިބާ ކުރި ހދ.ހަނިމާދޫއަށް ނިސްބަތްވާ ދަރިންތަކެއްގެ ތަޖުރިބާއެވެ.

ޒުވާން ޖޯށާ ފޯރީގައި ވަޒީފާ އަދާކުރަމުން ދިޔަ ޒުވާނެކެވެ. ފަތުވެރިން ފުރުވާލުމަށްފަހު ދަތުރަށް ފުރުމުގެ ކުރިން މާލެއަށް ބަނދަރު ކޮށްލައިގެން ތިބިތާ 2ވަނަ ދުވަހެއެވެ. ހިތް އުފާ ކޮށްލަން ސްޓަރ ސިނަމާއަށް ގޮސް އެރޭ ބޯޓަށް އައީ އަރާމުކޮށް ނިދާލާށެވެ.

އެހެނަސް ނިދާކަށް މާގިނަ އިރަކު ނޯވެވުނެވެ. ހީވީ ބޯޓު ކައިރިޔަށް ހޮނުއެޅިހެނެވެ. އަޑުފައްގަނޑު އިންތިހާއަށް ގަދައެވެ. ފަހަރަކަށްވުރެ ފަހަރެއް އަޑު ގަދަވާހެން ހީވުމުން ބޯޓުން ބޭރަށް ބޯދީ ބަލައިލިއެވެ. ކަމަކުދާކަށް ނެތެވެ. ދިވެހި އަސްކަރިއްޔާ ބޭފުޅުންނެން ނޫނެވެ. އެހެން ކޮންވެސް ބަޔެކެވެ. ސަލާމަތުގެ އައްސޭރިޔަކީ ބޯޓު ކަމަށް ބަލައި ބޯޓުގެ އެތެރެއަށް ވަދެ ފިލާ ހުރީމެވެ.

ގިނައިރު ތަކެއް ނުވަނީސް އެއްގަމުން މީހުން ބޯޓު ފަހަރަށް އަންނަން ފަށައިފިއެވެ. ޚަބަރުތައް ފިލައި ސާފު ވެއްޖެއެވެ. ބޭރު ބަޔަކު ރާއްޖެއަށް އެރީއެވެ. ރާއްޖެ ހިފާށޯލައޭ!

ބޯޓުގެ ކުދިންނާ އެކު ބޯޓުގައި ގަރާރުވެގެން ތިބެފައި ބޭރަށް ބޯ ދިން ފަހަރަކު ވާތު ކަންފަތް ކައިރިން ވަޒަނެއް ފައިބައިގެން ދިޔައެވެ. އެއީ ފަޅުން ނުކުންނަން މަސްކަތް ކުރި ދޯންޏަކަށް ދުޝްމަނުން ފޮނުވާލި ވަޒަނެކެވެ. އެދުވަހުގެ ހަތަރުދަން ހޭދަވީ ބޯޓުގައެވެ.

ދެންވެސް މިއޮތީ ފަޅުވެރިން ތަކެއްގެ ވާހަކައެވެ. ގަދަ ވާރޭގެ ސަބަބުން ދަތުރު ނުކުރެވި މަޑު ކޮށްގެން ތިބީއެވެ. އާދެ މީ ހދ.ހަނިމާދޫ ބޮޑުބެރުގެ އިސްމާޢިލް ރަޝީދު (ރަޝީދުބޭ) ގެ ވާހަކައެވެ.

ރަޝީދުބެ އެރޭ އިރާކޮޅު ނިދަން އޮށޯތީ އެދޯނީގެ ފަޅުވެރިއެއް ކަމުގައިވާ ބޮޑު އިބުރެއާ ދޯނިބަލަން ހަވާލު ކޮށްފައެވެ. އިބުރޭ ނިދަންވެގެން ގޮވުމުން ރަސީދުބޭ ތެދުވިއެވެ. އޭރު މުނާޖާ ގޮވަން މާގިނައިރެއް ނެތެވެ. 2:30 ވުމުން މުނާޖާ ގޮވަން ފެށިއެވެ. ވީ ކިޔެއް ކަމެއް ނޭނގުނެވެ. މުނާޖާ ނިމެދެން ނުގޮވިއެވެ.

އަމާންކޮށް އޮތް ދުނިޔޭގެ ހަމަހިމޭންކަން ނަގައިލީ އަކިރި މޫދަށް އެޅޭކަހަލަ އަޑުފަށްގަނޑަކުންނެވެ. ފަތިސް ބަންގި ގޮވަން ފަށައިފިއެވެ. ބަންގީގެ ދެކަލިމައެއްވަރު އިވިފައި އަޑު ކެނޑިއްޖެއެވެ. ހަމަ އެވަގުތު ބޯކޮށް ވާރެ ވެހެން ފަށައިފިއެވެ. ދޯނީގެ ސަތަރި ވައްޓާލައިގެން ތިބީއެވެ. ރަޝީދުބޭ އޮޑީ ކުދިން ކައިރީ ބަންގި އެހެން ހުއްޓުމުން ހަމަގައިމު ކަމެއް ގޯސްވެޖެކަމަށް ބުންޏެވެ.

ވިއްސާރަ އަލިވިއިރު ކަމަކު ދާކަށްނެތެވެ. ސޯޓު ބުރި ތަކެއްލައިގެން މުޅި މަގުގައި ހަތިޔާރާއެކު މިތިބީ ބައެކެވެ. އެމީހުން ދޯނިފަހަރަށް އަރައި މީހުން ބާލަމުން ރަޝީދުބޭ ހުރި ދޯންޏާ ދިމާއަށް އާދެއެވެ. ރަޝީދުބޭ ދޯނީގައި ތިބި ދެކުދިންނަށް ގޮވައިލިއެވެ. ބޮޑޭ އިބުރޭ، ދޮންމުހައްމަދު ހަސަނަށެވެ. ކުދިންނޭ އެމީހުންގެ ބަސްއަހާ ފޭބުން ނޫން ގޮތެއް ނެތެވެ. އެކުގައި ތިބެވޭތޯ ބަލަން ވާނެކަމަށެވެ.

ފަޅުން ނުކުމެ ފުރައިގެން ދާނީވެސް ކިހިނެއްހެޔެެވެ. ފަޅުން ނުކުންނަ ދޯނިފަހަރަށްވެސް ބަޑިޖަހަނީއެވެ. ފުރަތަ މޫދަށެވެ. އެވަރުން އެނބުރި ފަޅަށް ނުވަދެއްޖެނަމަ ދޯންޏަށެވެ.

އިސާހިތަކު އެމީހުން އެދޯންޏަށް އަރާ އެބައި މީހުންގެ ބަހުރުވައިން ފައިބަން އެންގިއެވެ. އަތުގެ އިޝާރަތާވެސް އެކުގައެވެ. އެންގުމާއެކު އެ 3 މީހުން ފޭބިއެވެ. ދޯނި އޮތީ ފޮރިން މިނިސްޓްރީ ކުރިމަތީގައެވެ. އެތަނުގައި ފޯރިމަރާ ސިފައިންގެ މީހާ ފެންނާކަށްވެސް ނެތެވެ.

އެމީހުން ރަޝީދުބޭ ގެންގޮސް ވެއްދީ މެރިންޑީސަލްއާ ރައީސް އޮފީހާ ދޭތެރޭ ގޯޅިޔަށެވެ. އޭރު އެތަނުގައި ސިފައިންގެ ބޭކަލެއް ޒަހަމްވެފައި އޮތެވެ. އެއީ ރައިސް އޮފީހުގެ އުތުރު ފަރާތަށް ނުކުންނަ އިރުމަތި ދޮރާށި ދޮށުގައެވެ. އޭގެ ކުރިން ދިރުމާ އިބުރާހީމް ދަރި ބަޑިޖަހާ މަރާލިތަންވެސް އެމީހުނަށް ވަނީ ފެނިފައެވެ.

އެތަނަށް ވެއްދިގޮތަށް ކުޑަކަކޫ މައްޗަށް ތިރިކޮށްފައި ރަސީދުބޭމެން ބޭތިއްބިއެވެ. ފެން ފޮދެއްވެސް ނުދީއެވެ. އެދުވަހަށް މެންދުރު ވީފަހުން އެ ދިމާލު ދޯންޏަކުން ފެންހަމެއް ބޭލިޔެވެ. އެ ފެންހަން ވެސް އެބައިގަނޑު ކުދިކޮށްލީއެވެ. ރަސީދުބޭމެން އެތަނުގާ ތިބިއިރު ފިލޭނެ ގޮތްވެސް ނުވީއެވެ. އެކަންވެސް ވާނެ މަގެށް ނުފެނުނެވެ. ކޮންމެ 4 އަނގޮޅިއެއްގައި ކުލީ ސިފައިންގެ 3 މީހުން ތިބެއެވެ.

ފިލާން ވެގެން މަޅިޔަކަށް، ފާޚާނަ ކުރަންވެއްޖެ ކަމަށްބުނެ ފިލޭތޯ ބެލިއެވެ. އެކަން ވެސް ކާމިޔާބު ވާގޮތެއް ނުވިއެވެ. ފަހަތުގާ ވިއްދާފައި މީހަކު ހުރެއެވެ. ފަޚާނަކުރަން ރަސްމީ ފާލަމާ ދިމާއަށް ދާންއެންގިޔެއެވެ. އެތަނުން ފާޚާނަ ކުރާކަމަށް ހެދިގެން އިދެ ތެދުވުމުން ބަޑި ޖައްސާ ކުރިން ހުރިތަނަށް ގެންގޮސް ބެއިންދިއެވެ.

5:30 ވީފަހުން އެމީހުން އެތަނުން އެހެން ދިމާއަކަށް ގެންދަން ފެށިއެވެ. ނަސަންދުރަޔާ ދިމާއަށެވެ. ގެންގޮސް ކުއިން އޮފް ދަ ނައިޓަށް ވައްދާ، ކޮންމެ މީހަކަށް ދެހެދިކާ އާ ސައިތަށްޓެއްދިނެވެ. އެ ދިނުމަށް ފަހު ގެޔަށް ދެވޭވަރު ވަންޔާ ގެޔަށް ދިއުމަށް އަނގާ ފޮނުވާލިއެވެ. އެތަނުގައި ދިވެހި ޚާއިނުން ތިއްބެވެ.

ރަސީދުބެ ގެޔަށް ދިޔުމަށް ހެންވޭރު ފެންތާނގި ކައިރިން ސޯސަންމަގު އިރުމަތިން ރޯނުގެޔަށްދާ މަގުން އެމްޑީ އަބުދު ﷲ ގޯތި ދޮރުމަތިން. ޒިކުރާ މިސްކިތާ ހަމަޔަށް ދެވުނީ އިޝާނަމާދަށް ގޮވިފަހުންނެވެ. ރަސީދުބޭ ގެޔަށް ދިޔައިރު ގޭގެ 2 މީހުން ވަނީ ރަސީދުބޭގެ ހަބަރެއް ނުލިބިގެން ހޯދަން ނުކުމެފައެވެ.

އާދަމް މުހައްމަދު (އާދަންބެ) ފިޔާތޮށިގެ، ހދ.ހަނިމާދޫ އާ މަންސޫރުއާ ދެމީހުން ނުކުތީ ރަސީދުބެގެ ޚަބަރެއް ނުވުމުން އެދުވަހު ހަވީރު 4:30 ގައެވެ. ބާޣިނާ ފިލަމުން ކުރިޔަށް ދަނިކޮށް ކުރީގެ ނީލަން ފިހަރަ ކައިރިން މިދެމީހުން ހައްޔަރު ކުރިއެވެ. މި ދެމީހުނަށް ލައްވާލީ ވަކި ކުޑަ ކަމަކާ ނޫނެވެ. ސިފައިންގެޔަށް ބަޑި ޖަހަން ނިވާފަތް ހެދުމަށެވެ. މިކަން އެބައިމީހުން ކުރުވިއިރު ލައިވް ވަޒަން ސިފައިން ގެއިން އެދިމާލަށް ޖަހަމުންދިޔައެވެ. އެތަނުގާ ތިބި ކިޔަވާކުދިންނާ އިގިރޭސި ބަސް ދަންނަ ކުދިންނަށް އާދަމްބެ ނަސޭހަތް ދިނެވެ. ދީނާއި ގައުމުގެ ހައްގުގާ ފުރާނަދީ ޝަހީދުވާން ޖެހުނަސް ޚާއިނުންނާ އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރުމަށެވެ.

ވެލިބަސްތާ ޖަހަން އުޅެ އެކަން ކާމިޔާބު ނުވެގެން ޚާއިނުން އެކަން ދޫކޮށްލިއެވެ. ދެންފެށީ ފިހާރަތަށް ފަޅާށެވެ. ކާތަކެތި އެއްކުރުމަށެވެ. މިކަމުގައިވެސް ދިވެހިންނަށް ބިރު ދައްކައިގެން ގެންގުޅުނެވެ.

އިންޑިޔާ ސިފައިން އަންނަ ޚަބަރު ލިބުމުން އެބައިމީހުން ފިލަން ތައްޔާރުވިއެވެ. ބައެއް ދިވެހިން ހޮވައިލައިގެން ގެންދިޔައެވެ. ރަހީނުންގެ ގޮތުގައެވެ. އޭގެތެރޭ ހިމެނިދާނެތީ އާދަންބެ ހުރީ އިންތިހާއަށް ބިރުންނެވެ. ވާނިވެސް އެހެންތާއެވެ. އިސްލާމީ މަރުކަޒުގައި ތިބި ހައްޔަރީން ވެސް އެތަނަށް ގެނެސް އެރުވިއެވެ. ނަމަވެސް މާތް ﷲ ގެ ހެޔޮ ރަޙުމަތްފުޅާ މިންވަރުފުޅުން އާދަންބެމެންގެ ނަން އެލިސްޓުގައި ނުހިމެނި ސަލާމަތް ވީއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ