ހުވަފެނުގެ ޙަޤީޤަތް 2

އިޖުތިމާޢީ ފަހުގެ ދީން ޞިއްހަތު

ހުވަފެނުގެ ވައްތަރުތަކުގެ ތަފްސީލު:

ހެޔޮ، ރަނގަޅު ނުވަތަ ތެދު ހުވަފެން:

އިޝްތިހާރު
އިޝްތިހާރު

ތެދު ހުވަފެނުގައި ހިމެނެނީ ﷲ ސުބުޙާނަހޫ ވަތަޢާލާ މެދުވެރިކުރައްވާފައިވާ ކަމެއް ނުވަތަ މެދުވެރި ކުރައްވަފާނެ ކަމެއްގެ ޢިޝާރާތްތަކެކެވެ. މިފަދަ ހެޔޮ ރަނގަޅު ހުވަފެނުގެ ސަބަބުން މުއުމިނު މީހާގެ އީމާންކަމާއި ޢަޤީދާ ހަރުދަނާވެގެން ދެއެވެ. ބިރުވެރި ކަންތައްތަކާއި ކޫސަނި ކަންތައްތައް ހުވަފެނުގައި މަސްހުނިވެފައި ނުވާނަމަ، ފާފަވެރިއަކަށްވެސް، އަދި ކާފިރަކަށްވެސް އެހުވަފެނަކީ ތެދު ހުވަފެނަކަށް ވެދާނެއެވެ. އެއީ، މިސްރުގެ ރަސްގެފާނަށް ފެނުނު ހުވަފެނާއި، އަދި ޔޫސުފްގެ ފާނާއި ޖަލުން ބައްދަލުވި ދެމީހުންގެ ހުވަފެން ފަދައިންނެވެ.

ތެދު ހުވަފެނާއި، މާނައެއް ނެތް ތާކުންތާކު ނުޖެހޭ، ކޫސަނި ހުވަފެން ވަކިކޮށް ދެނެގަނެވިދާނެ ބައެއް ގޮތް:

1- ހުވަފެން ފެނުނު މީހާ ފުރަތަމަ އޭނާގެ ޚިޔާލާތާއި ގުޅުންހުރި ގޮތަށް ފެނުނު ހުވަފެންތައް އެއްފަރާތް ކޮށްލާށެވެ. އެއީ ހިތްގައިމު ހުވަފެނެއް ނަމަވެސް ނުވަތަ ނުތަނަވަސް ހުވަފެނެއްކަމުގައި ވީނަމަވެސް މެއެވެ. މާނައެއް ނެތް ހުވަފެންތައް ޢާއްމުގޮތެއްގައި ފެންނަނީ މީހާގެ ސިކުނޑީގައި ހުންނަ ޚިޔާލުތަކާއި ފިކުރުތަކުގެ ސަބަބުންނާއި، ހުން އައުން ފަދަ ޖިސްމާނީ ބައެއް ބަލިތަކުގެ ސަބަބުން، ނުވަތަ ބަނޑުހައި ކަމުގެ ސަބަބުންނެވެ. ނުވަތަ މަސްހުނިވެފައިވާ، ވަކި ކަމާކާއިމެދު ޚާއްސަވެފައިނުވާ، ތާކުންތާކު ނުޖެހޭ ކަންތައްތައް ހިމެނޭ ހުވަފެންތަކެވެ.

2- ނުތަނަވަސް ހުވަފެނެއް ނަމަ އެހުވަފެނަކީ އެއްވެސް ތާކުންތާކު ނުޖެހޭ ބިރުވެރިކަންތައްތަކެއް ދައްކުވައިދޭ ހުވަފެނެއްތޯ ބަލާށެވެ. އެހެން ވެއްޖެނަމަ އެއީ ޝައިޠާނާ ދެއްކި ކުޅިވަރެކެވެ. ނުވަތަ ކަމަކާއިމެދު އިންޒާރު ކުރުވާފަދަ ހުވަފެނެއްނަމަ އޭގެން ދޭހަވަނީ އެއީ ތެދު ހުވަފެނެއްކަމެވެ.

3- ފެނުނު ހުވަފެނަކީ ހިތްގައިމު ހުވަފެނަކަށްވެފައި ފުރަތަމަ ޕޮއިންޓުގައި ބަޔާންކޮށްފައި އެވާ ކަންތަކާއި ފުށުނާރާނަމަ، ނުވަތަ ޙަޤީޤަތާއި އެއްގޮތް ބުއްދި ޤަބޫލުކުރެވޭފަދަ ވިސްނުންތަކާއި ޢާއްމު ދިރިއުޅުމުގެ ކަންކަންކަމާއި ތަޖުރިބާތައް ދައްކުވައިދޭ ހުވަފެނެއް ކަމުގައި ވާނަމަ، އެއީ ތެދު ހުވަފެނެއްކަން ދޭހަކޮށްދެއެވެ.

އިބްނު ޚަލްދޫން ވިދާޅުވިއެވެ. “ތެދު ހުވަފެނުގައި ތެދު ޙަޤީޤީ، ބަލައިގަނެވޭފަދަ ތެދުވެރިކަމުގެ ޢަލާމާތްތައް އެކުލެވެއެވެ. އެކަމުގެ ސަބަބުން ހުވަފެން ފެނުނު މީހާއަށް މާތްﷲގެ ޙަޒުރަތުން ބަޝާރަތު (ހެޔޮ ޚަބަރެއްކަން) އިޙްސާސްވާފަދަ ހިތްހަމަ ޖެހުމެއް ގެނުވައެވެ. މިޢަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

ހުވަފެން ފެނުމާއިއެކު އަވަހަށް ހޭލެވުން:

  • ހުވަފެނުން ހޭލެވުމުން، ހުވަފެނުގައި ފެނުނު ކަންތައްތަކާއި ހެޔޮ ޚަބަރުތަކުގެ ސަބަބުންނާއި އެކަންކަމުގެ މުހިއްމުކަމުން، އެކަމަށް އެދެވޭލެއް ބޮޑުކަމުން އޭނާ ނިދިން އަވަހަށް ތެދުވެގަނެ ނިދި ފިލުވާލައެވެ…
  • ފެނުނު ހުވަފެން، ހުވަފެނުގައި ފެނުނުހައި ތަފްސީލުކޮށް ހަނދާނުގައި ގަދަޔަށް ހަރުލާފައި ހުރުން. ” (މުޤައްދިމާ އިބްނު ޚަލްދޫން: 886-1:885)
    އިބްނު ޚަލްދޫންގެ މިބަހާއިމެދު ޤުރުއާނާއި ޙަދީޘުން ޙުއްޖަތެއް ފެންނާކަށް ނެތެވެ. ނަމަވެސް ތެދުވެފައިވާ އެތައް ހުވަފެންތަކަކުން މިކަންކަން ވަނީ ތަޖުރިބާވެފައެވެ.

މިފަދަ ހުވަފެންތަކުން ރަމްޒުކޮށްދޭ ކަންކަމަށް ބިނާކޮށް ބަލާނަމަ، ތެދު ހުވަފެން ތިން ބަޔަކަށް ބަހާލެވިދާނެއެވެ. އެއީ ހިތްގައިމު ހުވަފެނާއި، ހިތްނުތަނަވަސް ހުވަފެނާއި، އިންޒާރާއި ނަސޭޙަތުގެ ހުވަފެނެވެ.

އައްދާވޫދީ ވިދާޅުވިއެވެ: “ތެދު ހުވަފެނުގައި ހެޔޮޚަބަރުތައްވެސް އަދި އިންޒާރުވެސް އެކުލެވިގެންވެދާނެއެވެ.” (ފަތުޙުލްބާރީ: 12:465)

އަދި އަލްޙަކީމުއް ތިރުމިޛީ ވިދާޅުވިއެވެ: “ތެދު ހުވަފެނުގެ އަޞްލަކީ ޙައްޤުތެދު ޚަބަރުދޭ ޙައްޤު ވާހަކައެވެ. އެއީ ހިތްގައިމު ހެޔޮ ކަންކަން ނުވަތަ އިންޒާރާއި ނަސޭޙަތެވެ.” (ފަތުޙުލްބާރީ: 12:465)

ތެދު ހުވަފެނުގެ ބައިތައް ތާވަލުކޮށްލާނަމެވެ.

ހެޔޮ ރަނގަޅު، ހިތްގައިމު ނުވަތަ ތެދު ހުވަފެނެއް ފެނުމުން ޢަމަލުކުރަންވީ ގޮތް:
ރަނގަޅު ހުވަފެނަކީ މާތް ﷲގެ ޙަޒުރަތުންވާ ހެޔޮކަމެކެވެ. އެހެނީ އެކަން މެދުވެރިކުރެއްވީ އެއިލާހެވެ. އެފަދަ ހުވަފެނުގައި ވަނީ ހެޔޮ ޚަބަރުތަކެވެ. އަދި އޭގެން ހިތަށް ހަމަޖެހުމާއި އުފާވެރިކަން ގެނެސްދެއެވެ. އަދި އޭގެން ރަމްޒުކޮށްދެނީ ހުވަފެން ފެނުނުމީހާގެ ތެދުވެރިކަމާއި އީމާންތެރިކަމާއި ރަނގަޅުކަމެވެ. މިމުހިއްމު ސަބަބުތަކަށްޓަކައި، އެކަންކަން މާތްﷲ ތިމާއަށް މިންވަރުކޮށްދެއްވި ކަމަށްޓަކައި އެއިލާހަށް ޙަމްދުކޮށް ސަނާކިޔުން ޙައްޤުވެގެންވެއެވެ.

މީގެ އިތުރުން ރަނގަޅު ހުވަފެން ފެނުމުން، ހުވަފެނާއި އޭގެ ތަޢުބީރުގެ ޢިލްމު ލިބިހުރި ތިމާއަށް ހެޔޮއެދޭ ތިމާ އިތުބާރުކުރާ މީހަކަށް ކިޔައިދީ އޭގެ ތަޢުބީރު ހޯދަންވާނެއެވެ. އެހެނީ އޭރުން އޭނާ ތިމާއަށް އޭގެ ރަނގަޅު ތަޢުބީރު ބުނެދޭނެއެވެ. އަދި ތިމާ ޢަމަލުކުރަންވީ ގޮތް އެނގިގެންދާނެއެވެ.

އަނެއްކޮޅުން ބަލާއިރު އެކަމުގެ ޢިލްމު ނޭނގޭ އިތުބާރު ނެތް ނުވަތަ ތިމާއަށް ހެޔޮއެދޭކަން ޔަޤީން ނުވާ މީހުނަށް މިފަދަ ހުވަފެންވެސް ކިޔައިނުދޭށެވެ. އެހެނީ އެފަދަ މީހުން ތިމާއަށް އެހުވަފެން ނުބައިކޮށް ތަޢުބީރުކޮށްދީފާނެއެވެ. އެހުވަފެނަކާއިމެދު ތިމާއާއި ޙަސަދަވެރިވެ ގަސްތުގައިވެސް ނުބައިކޮށް ތަޢުބީރުކޮށްދީ، ތިމާ މާޔޫސްކޮށް، އަދި ތިމާއާއި މެދު އެކަމުގައި ނުބައި ރޭވުންތައް ރާވަފާނެއެވެ.

އަލްބަޣަވީ ވިދާޅުވިއެވެ: “ހިތްގައިމު ތެދު ހުވަފެން ފެނުނު މީހާ އެހުވަފެން ކިޔައިދޭންވާނީ ހަމައެކަނި ތިމާ ރުހޭ އިތުބާރުކުރެވޭ މީހުނަށެވެ. އޭގެ ބަދަލުގައި، ތިމާ ނުރުހޭ އިތުބާރު ނެތް މީހަކަށް ކިޔައިދީފި ނަމަ، އެމީހާ ޙަސަދަވެރިވެ ނުބައިކޮށް އޭގެ ތަޢުބީރުކޮށްދީފާނެއެވެ. އަދި އޭގެސަބަބުން ތިމާއަށް އެކަމުން ނުތަނަވަސްކަމާއި ގެއްލުން ކުރިމަތިވެދާނެއެވެ. އަދި ހަމަ އެފަދައިން، މާތްﷲ ޔޫސުފުގެފާނުގެ ހުވަފެންފުޅާއި މެދު ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ އެހެން ދަރިކަލުން ކަންތައް ކޮށްފާނެ ގޮތަކާއިމެދު ކަންބޮޑުވެވަޑައިގެންނެވިކަން ބަޔާން ކުރެއްވި ފަދައިން، އެމީހާ ތިމާއާއި ދެކޮޅަށް ނުބައި ނުރައްކާތެރި ރޭވުންތައްވެސް ރާވަފާނެއެވެ.” ( ޝަރަޙުއްސުންނާ: 6:298 )

އެހެންކަމުން މިދެންނެވި ކަންކަމަށް ބަލައި، ހެޔޮރަނގަޅު ތެދު ހުވަފެނެއް ފެނުމުން އަންނަނިވި ގޮތްތަކަށް ޢަމަލުކުރާށެވެ.

އެއީ މާތްﷲގެ ޙަޒުރަތުން އައި ހެޔޮ ކަމެއް، ހެޔޮ ޚަބަރެއްކަމުގައި ދެކޭށެވެ.
އެކަމަށްޓަކައި މާތްﷲއަށް ޙަމްދުކުރާށެވެ.
ތިމާ އިތުބާރުކުރާ، ތިމާއަށް ހެޔޮއެދޭ މީހަކަށް އެހުވަފެން ކިޔައިދެވިދާނެއެވެ. (މިތަނުގައި ބޮޑަށް ކިޔައިދިނުން އެދެވެނީ ހުވަފެނުގެ ތަޢުބީރު ދަންނަ ތިމާއަށް ހެޔޮއެދޭ ތިމާ އިތުބާރު ކުރާ މީހުނަށް ކިޔައިދިނުމެވެ. އެއީ އޭގެ ތަޢުބީރު އެނގުމަށްޓަކައެވެ. އަދި މިނޫންގޮތަކަށް ހިއްސާކޮށްލުމުގެ ގޮތުންވެސް ތިމާއަށް ހެޔޮއެދޭ އިތުބާރުހުރި މީހެއްކައިރީ އެހުވަފެނެއް ކިޔައިދިނުމަކީ މައްސަލައެއްނޫނެވެ.)
ތިމާ އިތުބާރު ނުކުރާ، އަދި ތިމާއަށް ހެޔޮނޭދޭފަދަ މީހުނަށް އެހުވަފެނެއް ކިޔައިދިނުމުން އެއްފަރާތްވާށެވެ. (ކިޔައިނުދޭށެވެ.)
އެހުވަފެނެއް ތަޢުބީރުކުރާށެވެ. ޚާއްސަކޮށް ހުވަފެން ތަޢުބީރުކުރުމުގެ ރަނގަޅު ޢިލްމު ހުރި އެކަން ރަނގަޅަށް ކުރަން އެނގޭ މީހުންގެ ފުށުންނެވެ.
މިފަދައިން ޢަމަލުކޮށްފިނަމަ އެމީހަކަށް ވަނީ އުފާވެރިކަމާއި އެކަމުގެ ހެޔޮ ފައިދާއެވެ.

ނުތަނަވަސް އަދި ނުބައި ބިރުވެރި ހުވަފެން:

މިޒަމާނުގެ ޢާއްމު ބަހުރުވައިން ނުވަތަ އިނގިރޭސި ބަހުން ބުނާނަމަ މިފަދަ ހުވަފެނަކީ “ނައިޓްމެއަރސް” އެވެ. މިއީ ތިމާ ބިރުގަންނަވާ ދެރަކޮށް މާޔޫސްކޮށް ‘ޑިޕްރެސް’ ކޮށްލުމަށްޓަކައި ޝައިޠާނާ ދައްކާ ހުވަފެނެވެ. ތެދު ހުވަފެނުގެ ތެރޭގައި ހިމެނޭ އިންޒާރާއި ނަސޭޙަތް އެކުލެވޭ ބާވަތުގެ ހުވަފެނާއި މިފަދަ ޝައިޠާނާގެ ބިރުވެރި ހުވަފެން ތަފާތުކުރަން ޖެހެއެވެ. މިފަދަ ޝައިޠާނީ ހުވަފެން ތަކުގައި ޙަޤީޤީ މާނައެއް ނުވަތަ ތައުބީރެއް ނުހިމެނެއެވެ.

ޝައިޠާނާގެ ފަރާތުން އަންނަ ނުބައި ބިރުވެރި ހުވަފެނުގެ ސަބަބުން ކުރިމަތި ކުރުވަނީ ނަފްސާނީ ގެއްލުންތަކެކެވެ. އޭގެ ސަބަބުން މީހާ ހާސްކުރުވުމާއި، ދެރަކޮށް މާޔޫސްކޮށްލުމާއި ބިރުގަތުމާއި ތުރާތައް އިޙްސާސްކުރުވައެވެ. ނަމަވެސް ސުންނަތުގައި އައިސްފައިވާ އަންނަނިވި ގޮތްތަކަށް ޢަމަލުކޮށްގެން މިފަދަ ހުވަފެންތަކާއި އެހުވަފެންތަކުގެ ނުބައި އަސަރުތަކުން ސަލާމަތް ވެވޭނެއެވެ. މީގެ އިތުރުން މިގޮތަތަކަށް ޢަމަލުކުރުމުގެ ސަބަބުން ތެދު ހުވަފެނުގައި ހިމެނޭ ބައެއް ކަންބޮޑުވުންތައްވެސް ކުޑަކޮށްދީފާނެއެވެ.

އަލްޤާޟީ ޢިޔާޟް ވިދާޅުވިއެވެ: ހިތްނުތަނަވަސް ކުރުވާ ނުވަތަ ނުބައި ހުވަފެނުން ދޭހަކޮށްދެނީ އެހުވަފެނަކީ އޭގެ ޒާތުގައި އޭގެ ބޭރުފުށުން ނުބައި ނުވަތަ އޭގެ ތަޢުބީރުގައި ނުބައި ހުވަފެނެއްކަމެވެ (ނުތަނަވަސް ނުބައި ތަޢުބީރެއް ހިމެނޭ ތެދު ހުވަފެނެއްކަމެވެ). މިފަދަ ނުތަނަވަސްވެރި ހުވަފެނުގެ ފަހަތުގައި ފޮރުވިފައިވާ ޙިކްމަތަކީ، އެހުވަފެނަކީ ނުބައި ތަޢުބީރެއް ހިމެނޭ ތެދު ހުވަފެނެއްކަމުގައި ވިޔަސް، އެހުވަފެން ފެނުނުމީހާ އޭގެ ނުބައި ނުތަނަވަސް ތަޢުބީރުން ދުރުކުރުވުން ކަމަށް ވެދާނެއެވެ. އެހެނީ އެއްވެސްމީހަކު އޭނާއަށް އެހުވަފެން ތަޢުބީރުކޮށް ނުދީފިނަމަ، އެހުވަފެން ފެނުނުމީހާ ވާނީ އޭގައި ހެޔޮ ތަޢުބީރެއް ވާކަމުގެ އުއްމީދުގައެވެ. ނުވަތަ އެއީ މާނައެއް ނެތް ހުވަފެނެއްކަމުގައި ދެކިގެނެވެ. މިކަމުގެ ސަބަބުން އޭނާއަށް ހިތްހަމަ ޖެހުން ގެނެސްދީ ނުތަނަވަސްކަން ކުޑަކުރުވައެވެ.” (ފަތުޙުލްބާރީ: 12:465)

މިސާލެއްގެ ގޮތުން ބަލާނަމަ، މީހަކަށް އޭނާ ހަނަފަސް ދޫވެލިގަނޑެއްގެ ތެރެއަށް، އޭނާ ސަލާމަތް ވުމަށްޓަކައިވެސް އޭނާގެ ހަތަރެސްފައި ޙަރަކާތް ނުކުރެވޭ ޙާލަތުގައި ގަނބައިގަނެގެންދާތީ ހުވަފެނުގައި ފެނުނީއެވެ. އަދި އޭނާ އެހީއަށް އެދި ގޮވިޔަސް އޭނާގެ އަޑު ނުނިކުމެއެވެ. އަދި މީހަކަށް އަޑު ނުވެސް އިވޭމެއެވެ. މިހުވަފެން މިއީ ޝައިޠާނާ ދެއްކި ހުވަފެނަކަށް ވެދާނެއެވެ. އަދި ހަމަ އެފަދައިން މިއީ ހުވަފެން ފެނުނު މީހާ ވަރަށް ބޮޑަށް ދަރަނީގެ ތެރެއަށް ގެނބުން ނުވަތަ މުސީބާތެއްގެ ތެރެއަށް، އޭނާއަށް އެހީވާނެ މީހަކު ނުފެނި ހުއްޓާ ވެއްޓިގެން ދާނެކަން މާނަކޮށްދޭ ތެދު ހުވަފެނަކަށްވެސް ވެދާނެއެވެ. އަދި ހުވަފެން ފެނުނު މީހާ، މިހުވަފެން ފެނުމުން، ނުބައި ހުވަފެނެއް ފެނިއްޖެނަމަ ޢަމަލު ކުރާގޮތަށް ޢަމަލުކޮށްފިނަމަ އެއީ ޙަޤީޤަތުގައިވެސް ޝައިޠާނާގެ ހުވަފެނަކަށް ވާނަމަ އޭނާ އެހުވަފެނުގެ ނުބައިކަމުން ސަލާމަތްވާނެއެވެ. އަދި އޭނާއަށް އޭގެން ގެއްލުމެއް ނުފޯރާނެއެވެ. މީގެ އިތުރުން އެއީ ނުބައިކަމެއް އޭނާއަށް ދިމާވާކަމުގެ މާނަ ދޭހަކޮށްދޭ ތެދުހުވަފެނެއްކަމުގައި ވާނަމަ، އޭނާ އެގޮތަށް ޢަމަލުކުރުމުގެ ސަބަބުންނާއި ދުޢާތަކާއި ޛިކުރުތަކުގެ ސަބަބުން، އެކަމެއްގެ ގެއްލުން މާތް ﷲ އޭނާއަށް ކުޑަކުރައްވައި ނުވަތަ ސަލާމަތް ކުރައްވަފާނެއެވެ.

އެހެންކަމުން ނުބައި ހުވަފެން ފެނުމާއި އޭގެ ނުބައި އަސަރުން ސަލާމަތް ވުމަށްޓަކައި އަންނަނިވި ގޮތްތަކަށް ޢަމަލުކުރުން ހުއްޓެވެ.

  • އެހުވަފެނަކީ ޝައިޠާނާ ތިމާ ބިރު ގަންނަވަން ދެއްކި ހުވަފެނެއްކަން ދަންނާށެވެ. އެހެންކަމުން ޝައިޠާނާގެ ކުޅިވަރުތަކަށް ސަމާލުކަން ނުދޭށެވެ. އެކަލޭގެ އެއްފަރާތްކޮށްލާށެވެ.
  • ލަޢުނަތް ލެއްވިގެންވާ ޝަޢިޠާނާގެ ކިބައިން ރައްކާތެރިކޮށްދެއްވުމަށް މާތް ﷲ ހަޒުރަތުން އެދޭށެވެ.
  • އެހުވަފެނުގެ ނުބައިކަމުން ސަލާމަތް ކޮށްދެއްވުން އެދި ﷲގެ ހަޒުރަތުގައި ދަންނަވާށެވެ. (އެބަހީ ހުވަފެނުން ހޭލެވުމުން أَعُوذُ بِاللهِ مِنَ الشَّيْطَانِ الرَّجِيْم ކިޔާށެވެ.)
  • ވާތްފަރާތަށް ހިކިކޮށް ތިންފަހަރު ކުޅުޖަހާށެވެ. (ކުޑަކޮށް ކުޅުބުރާގޮތަށް 3 ފަހަރު ފުމެލާށެވެ.)
  • ނިދަން އޮތް ފަޅި ނޫން އަނެއް ފަޅިއަށް އެނބުރޭށެވެ. (ނިދަން އޮތީ ކަނާތްފަޅިއަށް ނަމަ، ހުވަފެނުން ހޭލެވުމުން ވާތްފަޅިއަށް، އަދި ނިދަން އޮތީ ވާތްފަޅިއަށްނަމަ ހުވަފެނުން ހޭލެވުމުން ކަނާތްފަޅިއަށް އެނބުރޭނީއެވެ.)
  • ނިދަން އޮށޯތް ވަގުތު ހަނދާންނެތިގެން ނަމަވެސް ނުކިޔާ ދޫކޮށްލެވުނު، ނުވަތަ މާބޮޑު ސަމާލުކަމެއް ނުދީ ކިޔުނު އާޔަތުލް ކުރުސިއާއި ސޫރަތުލް ފަލަޤް އަދި ނާސި ފަދަ ދުޢާއެއް ނުވަތަ ޛިކުރެއް ވާނަމަ ކިޔާށެވެ.
  • ތެދުވެ ނަމާދުކުރާށެވެ.
  • އެއްވެސް މީހަކު ކައިރީ އެހުވަފެނުގެ ވާހަކަ ބުނެގެން ނުވާނެއެވެ.
  • އެހުވަފެން ތަޢުބީރު ކުރަން ނޫޅޭށެވެ.
    އިސްވެ ބަޔާންކުރެވުނު ކަންކަމާއި ގުޅުންހުރި ބައެއް އިތުރު ތަފްސީލުތަކަށް ބަލައިލާނަމެވެ.

ހުވަފެން ފެނުމުން މާތް ﷲގެ ހަޒުރަތުން ރައްކާތެރިކަމަށް އެދޭއިރު އެކަމަށްޓަކައި ކިޔުމަށް ޚާއްސަކޮށް ސުންނަތުގައި ވާރިދުވެފައިވާ ދުޢާތަކާއި ޛިކުރުތައް ކިޔުން މޮޅުއިތުރު ވެގެންވެއެވެ. ސަބަބަކީ އެދުޢާތަކުގެ ސަބަބުން މާތް ﷲ އިރާދަކުރެއްވިއްޔާ ޝައިޠާނާގެ ކިބައިންނާއި ސީދާ ރޭގަނޑާއި ދުވާލުގެ ވަގުތުގައިވެސް ހުވަފެނުގެ ނުބައިކަމުން ރައްކާތެރިވެގެން ދާނެއެވެ.

ޚާލިދު ބިން ވަލީދު ރިވާކުރެއްވިއެވެ. އެކަލޭގެފާނަށް ނިދާފައި އޮވެފައި (ހުވަފެނުގައި) ބިރުގަނެ ހާސްވެގެން ހޭލެވެއެވެ. އެހެންވެ ތެދުވެ ކަނޑި ނަގައި ކުރިމަތިން ޖެހުނު އެއްޗެއް ސުންނާފަތިކޮށްލައެވެ. އެހެންވެ އެކަލޭގެފާނު މިކަމުގެ ޝަކުވާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ކުރެއްވިއެވެ. ދެން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

أَلا أُعَلِّمُكَ كَلِمَاتٍ عَلَّمَنِي الرُّوحُ الأَمِينُ ؟ ” ތިމަންކަލޭގެފާނަށް ޖިބްރީލުގެފާނު އުނގަންނައިދެއްވި ކަލިމަތަކެއް ކަލޭގެފާނަށް އުނގަންނައި ނުދެއްވާންވީހެއްޔެވެ؟
، فَقُلْتُ : بَلَى ، ދެން ތިމަން ދެންނެވީމެވެ. އާދޭހެވެ. (އެބަހީ ކިޔައިދެއްވާށެވެ)

فَقَالَ : قُلْ : ދެންފަހެ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ތިބާ (މިފަދައިން) ކިޔާށެވެ.
أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ الَّتِي لَا يُجَاوِزُهُنَّ بَرٌّ وَلَا فَاجِرٌ ، مِنْ شَرِّ مَا يَنْزِلُ مِنَ السَّمَاءِ ، وَمَا يَعْرُجُ فِيهَا ، وَمِنْ شَرِّ فِتَنِ اللَّيْلِ وَالنَّهَارِ ، وَمِنْ كُلِّ طَارِقٍ إِلا طَارِقٌ يَطْرُقُ بِخَيْرٍ ، يَا رَحْمَنُ
މާނައީ: ” އޭ ރަޙްމާނުވަންތަ އިލާހެވެ. ހެޔޮލަފާ މީހަކަށްވެސް އަދި ނުބައި މީހަކަށްވެސް އެކަލިމަފުޅުތައް ފަހަނައަޅައިނުދެވޭ، ﷲ ގެ ފުރިހަމަ ކަލިމަފުޅުތައް މެދުވެރިކޮށް، އުޑުން ފައިބާ ކޮންމެ އެއްޗެއްގެ ނުބައިކަމުންނާއި، އުޑަށް އަރާ ކޮންމެ އެއްޗެއްގެ ނުބައިކަމުންނާއި، އަދި ރޭގަނޑާއި ދުވާލުގެ ފިތުނަތަކުގެ ނުބައިކަމުންނާއި އަދި ހެޔޮކަމަކާއިގެން ދިމާވާކަމެއް ފިޔަވައި ރޭގަނޑު ދިމާވާ ހުރިހައި ކަމެއްގެ ނުބައިކަމުން މިއަޅާ ތިޔަ އިލާހުގެ ޙަޒުރަތުން ރައްކައުތެރިކަން އެދެމެވެ.” (المعجم الأوسط للطبراني – بَابُ الْمِيمِ – صححه ألباني- الصحيحة :2738)

ޢަބްދުﷲ ބިން ޢަމްރުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

إِذَا فَزِعَ أَحَدُكُمْ فِي النَّوْمِ فَلْيَقُلْ
ތިޔަބައިމީހުންކުރެ މީހަކު ނިދީގައި ބިރުގަނެއްޖެނަމަ ފަހެ މިފަދައިން ކިޔާށެވެ.

أَعُوذُ بِكَلِمَاتِ اللَّهِ التَّامَّةِ مِنْ غَضَبِهِ وَمِنْ شَرِّ عِبَادِهِ وَمِنْ هَمَزَاتِ الشَّيَاطِينِ وَأَنْ يَحْضُرُونِ
މާތް ﷲގެ މަތިވެރިވެގެންވާ ފުރިހަމަވެގެންވާ ކަލިމަފުޅުތަކުން، އެއިލާހުގެ ޙަޒުރަތުން، އެއިލާހުގެ ކޯފާއިންނާއި، އެއިލާހުގެ އަޅުތަކުންގެ ނުބައިކަމުންނާއި ޝައިޠާނާގެ ވަސްވާސްތަކުންނާއި މިއަޅާގެ މައްޗަށް ޝައިޠާނާ ގެންނަ ކަންތައްތަކުން ރައްކާތެރިކޮށްދެއްވުން އެދެމެވެ. ( رواه أبو داوود، الترمذي و غيره. صححه الأباني في الأحكام الطيب رقم 49 )

އިބްރާހީމް އައްނަޚާއީ (އިބްނު މަސްޢޫދުގެ ދަރިވަރެއްކަމުގައިވާ ތާބިޢީ ބޭކަލެއް)، ނުބުއި ހުވަފެން ފެންނަ މީހަކަށް މިފަދައިން ކިޔުމަށް އިރުޝާދު ދެއްވިއެވެ.

أَعُوذُ بِمَا عَاذَتْ بِهِ مَلَائِكَةُ اللَّهِ وَرُسُلُهُ ، مِنْ شَرِّ رُؤْيَايَ هَـٰذِهِ، أَنْ يُصِيْبَنِيْ فِيْهَا مَا أَكْرَهُ فِيْ دِيْنِيْ وَ دُنْيَايَ މާތްﷲގެ މަލާއިކަތް ބޭކަލުންނާއި، އެއިލާހުގެ ރަސޫލުބޭކަލުން ރައްކާތެރިކަމަށް އެދިލެއްވި ގޮތަށް މިއަޅާގެ މިހުވަފެނުގެ ނުބައިކަމުންނާއި، މިއަޅާގެ ދީނާއި ދުނިޔޭގެ ކަންކަމުގައި، މިއަޅާ ނުރުހޭފަދައިން މިހުވަފެނުގައިވާ މިއަޅާއަށް ޖެހިދާނެ ކޮންމެ ކަމަކުން، ރައްކާތެރިކޮށްދެއްވުން ﷲގެ ހަޒުރަތުން އެދެމެވެ. (ރިވާކުރެއްވީ އިބްނު އަބޫ ޝައިބާ އަދި ޢަބްދުއްރައްޒާޤް. ޞައްޙަކަމުގައި އަލްޙާފިޒް، ފަތްޙުލްބާރީ 12:465 ގައި ގެންނަވާފައިވޭ).
މިފަދަ ޛިކުރުތަކާއި ދުޢާތަކުގެ ހެޔޮފައިދާއާއި ތާސީރު އެންމެ ރަނގަޅު ގޮތުގައި ޙާސިލްވުމަށްޓަކައި، ރައްކާތެރިކަމަށް އެދި މިފަދަ ދުޢާތައް ކިޔާއިރު، ކިޔޭއެއްޗެއް ރަނގަޅަށް އެނގި ދެނެގަންނަ ޙާލު ކިޔުން ވަރަށް މުހިންމެވެ. އަދި މާތްﷲ އެފަދަ ދުޢާތައް ކިޔުމުން ރައްކާތެރިކޮށްދެއްވާނެކަމަށް ވަޢުދުވެވޮޑިގެންފައިވާ ފަދައިން، ރައްކާތެރިކުރެއްވުމަށްޓަކައި އެއިލާހު އެކަމަށް ކުޅަދުންވަންތްވެވޮޑިގެން ވާކަމާއި ބާރުލިބިވޮޑިގެންވާކަމަށް ފުރިހަމައަށް އީމާންވެ ޔަޤީންކުރާ ޙާލުގައި ކިޔުން ވަރަށް މުހިއްމެވެ.

އަލްޙާފިޒް ވިދާޅުވިއެވެ: “ރައްކާތެރިކަމަށް އެދި ދަންނަވަންވާނީ އިޚްލާސްތެރިކަމާއި ޚުޝޫޢަތްތެރިކަމާއި އެކު މާތްﷲ އަށް ރުޖޫޢަވާ ޙާލުގައެވެ. ދުލުކުރިން ލަފްޒުތަކެއް ކިޔާލާފަދައިން ދޫހަރަކާތް ކޮށްލާ އުސޫލުން (އެކަމަށް ތިމާ މާބޮޑު ސަމާލުކަމެއް ނުދީ، ހިތުން އެކަމަށް ނޭދޭ ފަދައިން) ކިޔުމަކީ އެކަމަށް އެކަށޭނަ ގޮތެއް ނޫނެވެ.” (ފަތުޙުލްބާރީ: 12:464)

އަލްޤުރުޠުބީ ވިދާޅުވިއެވެ: “ބިރުވެރި ނުވަތަ ހިތްނުތަނަވަސް ހުވަފެން ފެނުމުން މާތްﷲގެ ރައްކާތެރިކަމަށް އެދި ދަންނަވަން ޖެހޭނެއެވެ. އެހެނީ އެހުވަފެނަކީ ޝައިޠާނާ ދެއްކި އެއްޗެކެވެ. އަދި ހުވަފެން ފެނުނުމީހާ، މާތް ﷲގެ ރައްކާތެރިކަމަށް އެދި ދަންނަވައި، ވާތްފަރާތަށް ކުޅުބުރާގޮތަށް ފުމެ، ނިދަން އޮތް ފަޅި ބަދަލުކޮށް، އަދި ތެދުވެ ނަމާދުކުރާހިނދު، މިކަންކަން ތެދުވެރިކަމާއިއެކު (ޚުޝޫޢަތްތެރިކަމާއިއެކު) ކޮށްފިނަމަ، އެހުވަފެނަކުން ނިކުމެދާނެ ގެއްލުންދެނިވި ކޮންމެ ނަތީޖާއަކުން މާތް ﷲ އެމީހަކު ރައްކާތެރި ކުރައްވާނެއެވެ.” (މިކަން ބަޔާންކުރައްވާފައިވަނީ އަލްމުފްހިމް އަށް ޢިޝާރާތް ކުރައްވައި ފަތުޙުލްބާރީ:12:466 ގައެވެ.)

ވާތްފަރާތަށް ފުމުން ނުވަތަ ހިކިކޮށް ކުޅުޖެހުން.
ނުބައި ހުވަފެނެއް ފެނިއްޖެނަމަ ކުޑަކޮށް ކުޅުބުރާގޮތަށް ވާތްފަރާތަށް ކުޅުޖެހުމަށް ޙަދީޘްތަކުގައި ވަނީ އަންގަވާ އިރުޝާދު ދެއްވާފައެވެ. މިއީ ޝައިޠާނާ ނިކަމެތިވެގެންވާކަން ހާމަކޮށް އެސޮރުގެ މައްޗަށް ކުރާ ނަފްރަތު ހާމަކޮށް އެސޮރު ފަހާލުމުގެ ގޮތުން ކުރެވޭ ކަމެކެވެ. އެހެނީ އެނުބައި ހުވަފެން ދެއްކީ އެޝައިޠާނާއެވެ.

މިކަމަށްޓަކައި އެކި ރިވާޔަތްތަކުގައި ތަފާތު ބަސްތައް ބޭނުންކުރެވިފައި ވެއެވެ. އެގޮތުން ފުމުން (ނަފްޘު نفث)، ކުޑަކޮށް ކުޅުބުރާގޮތަށް ފުމުމުގެ މާނައިގައި (ތަފްލު تفل ނުވަތަ ތައްފު تفّ) އައިސްފައި ވެއެވެ. އަދި ކުޅުޖެހުން (ބަޞްޤު بصق) ގެ މާނައިގައިވެސް އައިސްފައި ވެއެވެ.

މިކަން ކުރުމުގެ ރަނގަޅު ގޮތަކީ ފުރަތަމަ ރައްކާތެރިކަމަށް އެދުމެވެ. އަދި އެއަށްފަހު ކުޑަކޮށް ކުޅުބުރާގޮތަށް ވާތްފަރާތަށް ފުމުމެވެ. އެއީ ދެތުންފަތް ކައިރިކޮށް ދެތުންފަތުގެ ދެމެދު ޖެހޭ ނުޖެހޭ މިންވަރަށް ދުލުގެ ކޮޅު ކައިރިކޮށް ތެތްކަން އަންނަގޮތަށް ފުމެލުމެވެ. އެއީ ކުޑަކުޑަ އޮށެއް ދުލުކުރިން އަނގައިން ބޭރުކޮށްލާގޮތަށެވެ. މިކަން ތަފްޞީލު ކޮށްދެއްވަމުން އަލްޙާފިޒް ވިދާޅުވިއެވެ: “ޢިޔާޟް ވިދާޅުވިއެވެ: “ނުބައި ހުވަފެން ދެއްކި ޝައިޠާނާ ނިކަމެތިކޮށްލައި އެސޮރަށް އިހާނެތިކޮށް ފޮނުވާލުމަށްޓަކައި ފުމުން ވެއެވެ. ވާތް ފަރާތަށް ފުމެން ޖެހެނީ، އެހެނީ ނުބައި ކަންތައްތައް ލެއްވިފައި ވަނީ ޢާއްމުކޮށް ވާތްފަޅީގައެވެ. ތިން ފަހަރު ފުމެލުން ވަނީ އެކަމުގެ އަސަރު ގަދަކުރުމަށްޓަކައެވެ.”” (ފަތުޙުލްބާރީ: 12:464)

ކުޑަކޮށް ކުޅުބުރާގޮތަށް ފުމެލުން ހިމެނެނީ ރުޤްޔާގެ ސިފަތަކުގެ ތެރެއިންނެވެ. ރުޤްޔާއަކީ ރައްކާތެރިވުމަށް ނުވަތަ ޝިފާއަށް އެދި ކުރެވޭ ދުޢާއެއް، ޛިކުރެއް ނުވަތަ ކިޔޭ ބަސްތަކެކެވެ. މިކަމުގައި ބައެއްފަހަރު އެހެން ކަންކަން ހިމެނިގިންދެއެވެ. މިގޮތުން ރުޤުޔާ ކުރެވޭ އެތި ނުވަތަ މީހާއަށް ފުމުމާއި އަތްފިރުމުން ފަދަ ކަންކަމެވެ. އަލްޙާފިޒް ވިދާޅުވިއެވެ: “އަލްޤާޟީ އަބޫ ބަކްރު ބިން އަލްޢަރަބީ ވިދާޅުވިއެވެ.”މިގޮތަށް ކުޑަކޮށް ކުޅުބުރާގޮތަށް ފުމެލުން ހިމެނެނީ ރުޤްޔާގެ ސިފަތަކުގެ ތެރެއިންނެވެ. މިގޮތަށް ކަންތައް ކުރުމުން ހުވަފެނުގެ ނުބައިކަން ދުރުކުރެވިގެންދާކަމަށް ނަފްސަށް އިތުބާރު ލިއްބައިދެއެވެ.”(ފަތުޙުލްބާރީ: 12:464)

ނިދަން އޮތް ފަޅި ބަދަލު ކުރުމާއި ތެދުވެ ނަމާދުކުރުން:
ނުބައި ހުވަފެނެއް ފެނިގެން ހޭލެވުމުން އަވަހަށް ނިދަން އޮތް ފަޅި ބަދަލުކޮށްލަންވާނެއެވެ. މިކަމުގެ ސަބަބުން އޭނާގެ ހަށިގަނޑު ތާޒާކުރުވައި، ރަނގަޅަށް ލޭދައުރު ކުރުވައެވެ. އަދި މީގެ ސަބަބުން އޭނާ މާތްﷲ ހަނދުމަކޮށް އެއިލާހުގެ ރައްކާރތެރިކަމަށް އެދުމަށް މަގުފަހިވެ ފުރުސަތު ލިބިގެންދެއެވެ. އަދި މިއަށްވުރެ މޮޅު އިތުރުވެގެން ވަނީ މިފަދަ ހުވަފެނެއް ފެނުމުން ތެދުވެ ނަމާދު ކުރުމެވެ. މިކަމާއި ބެހޭގޮތުން މާތް ނަބިއްޔާގެ ޙަދީޘް ބަސްފުޅުގައި ދެއްވާފައިވާ އިރުޝާދު ކުރީން ވާނީ ހިމަނާލާފައެވެ. އަލްޙާފިޒް ވިދާޅުވިއެވެ: “ނުބައި ހުވަފެނެއް ފެނުމުން ނަމާދު ކުރުން ވެގެންދަނީ ތިމާ ﷲއަށް ކުއްތަން ކުރުވާ ސަލާމަތް ކުރުވަނިވި އައްޑަނައެއް ކަމުގައެވެ. އެހެނީ ނަމާދުކުރުމުން ތިމާ ނުބައިކަމުން ސަލާމަތް ކުރުވައެވެ. އަދި އޭނާ އެދޭކަންތައްތައް ﷲ ހިންމަވައެވެ. އެއީ އޭނާ ސަޖިދަކޮށް މާތްﷲ އާއި ކުއްތަންވުމުގެ ސަބަބުންނެވެ. އަދި ނިދަން އޮންނަ ފަޅި ބަދަލުކޮށް އެނބުރޭ ފަދައިން ހުވަފެނުގެ ބިރުވެރިކަމާއި ނުބައިކަންވެސް އެނބުރިގެން ދާނެކަމަށް އުއްމީދު ލިއްބައިދެއެވެ.” (ފަތުޙުލްބާރީ: 12:464)

އަލްޤުރުޠުބީ އަލްމުފްހިމްގައި ވިދާޅުވެފައިވެއެވެ: “ނަމާދުގެ ސަބަބުން (ނުބައި ހުވަފެން ފެނުމުން ތެދުވެ ނަމާދު ކުރުމުން) އަންނަނިވި ފައިދާތައް ލިބިގެން ދެއެވެ. އޭނާ ނަމާދަށް ތެދުވާހިނދު ހަމަކަށަވަރުން އޭނާ ނިދާން އޮތް ފަޅިން އެނބުރި ބަދަލުކުރެއެވެ. ވުޟޫ ކުރުމުގެ ސަބަބުން އޭނާގެ ނޭފަތާއި އަނގައަށް ފެންލާ ދޮވެ ސާފުކޮށްލައެވެ. އަދި އޭނާ ކިޔަވަން ފެށުމުގެ ގޮތުން އަޢޫޛު ކިޔާނެއެވެ. އަދި އޭނާ މާތްﷲ އާއި އެންމެ ކުއްތަންވާ ޙާލުގައި ދުޢާކޮށް ދަންނަވާނެއެވެ. އެހެންކަމުން މާތް ﷲ އެއިލާހުގެ ދީލަތިވަންތަކަމާއި އޯގާތެރިވަންތަކަމާއި މަތިވެރިކަމުން އެހުވަފެނުގެ ނުބައިކަމުން އޭނާ ސަލާމަތްކުރައްވާނެތެވެ.” (އަލް މުފްހިމްއަށް ޢިޝާރާތް ކުރައްވައި ފަތުޙުލްބާރީ 465 – 464 :12 ގައި މިވާހަކަ ބަޔާންކުރައްވާފައި ވެއެވެ.)

ސިކުނޑީގައި ހުންނަ ޚިޔާލުތަކުގެ ސަބަބުން ފެންނަ ހުވަފެން ނުވަތަ އެކި ކަންކަން މަސްހުނިވެފައިވާ ކޫސަނި ހުވަފެން:
މިއީ ހުވަފެނުގެ އެންމެ ޢާއްމު ވައްތެރޭ ދެންނެވިދާނެއެވެ. މިފަދަ ހުވަފެން ފެނުމުގައި ތަފާތު އެތައް ސަބަބެއް ވެއެވެ. އޭގެ ތެރޭގައި ތިމާގެ އުޅުމާއި، ސިކުނޑީގައި ހަރުލާފައި ހުންނަ ޚިޔާލުތަކާއި، ތިމާ އެކަންކަމާ މެދު ކަންބޮޑުވެ ފިކުރު ކުރާ ކަންކަމާއި، ތިމާގެ ޖިސްމާނީ އަދި ސިއްޙީ ޙާލަތާއި އަދި ޝައިޠާނާ ލޯމައްޗަށް ދައްކާ ކަންތައްތައް ހިމެނެއެވެ. މިފަދަ ހުވަފެނުގައި އެއްވެސް ކަހަލަ ބޭނުމެއް ހިފޭ ތައުބީރެއް ނުވެއެވެ.

އަލްޙާފިޒް ވިދާޅުވިއެވެ:” އެއްވެސް ކަހަލަ މާނައެއް ނުވާ، އޭނާ ހޭލާ ހުރިއިރުގެ ކަންކަމާ ގުޅޭ ކޫސަނި ހުވަފެން ފެންނަނީ އޭނާ ނިދުމުގެ ކުރީގައި ވިސްނާ ފިކުރުކޮށްފައިވާ ކަންކަމުގެ ސަބަބުންނެވެ. މިފަދަ ވިސްނުންތަކާއި ފިކުރުތަކުގެ ސަބަބުން މިފަދަ ހުވަފެން ފެނެއެވެ. މިފަދަ ހުވަފެނަކީ އޭގެން އެއްވެސް ފައިދާއެއްވެސް އަދި ގެއްލުމެއްވެސް ނުވާ ހުވަފެންތަކެކެވެ.” (ފަތުޙުލްބާރީ: 12:466)

މިސާލަކަށް ބަލާނަމަ ނިދީގައި ކުޑަކަމުދަވައިގެންފައިވާ މީހާއަށް އޭނާ ވަރަށް އަވަސްއަރުވާލާފައި ފާޚާނާއެއް ހޯދާތީ ހުވަފެނުން ފެނިދާނެއެވެ. ނުވަތަ ހުން އައިސްފައިވާ މީހަކަށް، މެންދުރުގެ އަވީގައި ގަދަ ހޫނުގައި ހަނަފަސް ސަހަރާއެއްގައި ހިނގާފައި ދާތީ ހުވަފެނުން ފެނިދާނެއެވެ. އަދި ނިދާފައި އޮއްވާ ކައިރިން ގަޑިއެއް ސޯނާވާ ވަގުތު، ރޭލެއް ބަރުގޮނު އަޅާ އަޑުގަދަ ކުރާތީ ހުވަފެނުގައި ފެނިދާނެއެވެ. އަދި މިނޫންވެސް މިފަދަ ގޮތްތަކަށް މިފަދަ ހުވަފެން ފެނިދާނެއެވެ.

ނިދާއިރު ހެޔޮ ރަނގަޅު ތެދު ހުވަފެން ދެއްކެވުން އެދި ދުޢާކުރުން:
ނިދަން ވުމުން ހެޔޮރަނގަޅު ހުވަފެން ދެއްކެވުން އެދުމަކީ ހެޔޮކަމެކެވެ. މިކަމާއި ގުޅޭގޮތުން އަޘަރުގައި އައިސްފައިވެއެވެ.

ޢާއިޝާ ރަޟިޔަﷲ އަންހާ ނިދިކުރައްވާން ތައްޔާރުވެވަޑައިގެން މިފަދައިން ދުޢާކުރައްވައެވެ.

اللَّهُمَّ إِنِّي أسْألُكَ رُؤْيًا صَالِحَةً، صَادِقَةً غَيْرَ كَاذِبَةٍ، نَافِعَةً غَيْرَ ضَارَّةٍ.
މާނައީ: “އޭ ހައްދަވާ ބޮޑުކުރެއްވި ﷲއެވެ. ގެއްލުމެއް ނުވާ ފައިދާ ދެނިވި، ދޮގުނުވާ ތެދުވެރި ހެޔޮރަނގަޅު ހުވަފެން މިއަޅާއަށް ދެއްކެވުން، ތިޔަ އިލާހުގެ ޙަޟުރަތުން މިއަޅާ އެދެމެވެ.” (ރިވާކުރެއްވީ އިބްނުއްސުންނީ (743) ސައްޙަ ކުރެއްވީ އަލްޙާފިޒް އަލްފުތޫޙާތުއް ރައްބާނިއްޔާ (3:170) ގައި އަދި ނިތާޖުލް އަފްކާރު ގައި)( އަދި އައްނަވަވީ ކިތާބުލް އަޛްކާރުގައި މިކަން ބަޔާންކުރައްވާފައި ވެއެވެ.)

(ނުނިމޭ)

މަސްދަރު : މައިތިރި.ކޮމް ވެބްސައިޓް

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ